ސްކޫލް

މާއެނބޫދޫ ކުދިން ބޭއްވީ ދަސްކުރާ މާހެފުމެއް!

މިއަހަރުގެ މާހެފުމުގެ ސީޒަން މި ނިމުނީ އެވެ. މާދަމާއަކީ މުލަ ރޯދަ ދުވަހެވެ. މާހެފުމުގެ މޫސުމުގެ ތެރެއިން ސަޅި އެއްކަމަކަށް ފެނުނީ ދ. މާއެނބޫދޫގެ ދަރިވަރުން އެ ކުދީންގެ ސްކޫލްގައި ބޭއްވި މާހެފުމެވެ. މި މާހެފުން ތަފާތެވެ.

ސްކޫލްގައި ކުދިން އަމަލީގޮތުން ބައިވެރިކޮށްގެން ސަޅި މާހެފުމެއް ބާއްވާ ނިންމާލީއެވެ. މާހެފުމަށް ބޭނުންވާ ކާނާގެ ރެސިޕީތައް ދަރިވަރުންގެ ބެލެނިވެރިން އެ ދަރިވަރުންނަށް ކިޔައިދިނުމުން، ދަރިވަރުން ދެން މަސައްކަތް ކުރީ އެ ރެސިޕީތައް ބޭނުންކޮށްގެން މާހެފުމަށް ބޭނުންވާ ބާވަތްތައް ތައްޔާރު ކުރާށެވެ.

މާއެނބޫދޫ ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވި ގޮތުގައި އެކްޓިވިޓީ ބޭސްޑް ލާނިން އާއި އިވެންޓް ބޭސްޑް ލާނިންއަކީ އެ ސްކޫލްގައި ކުދިންނަށް ކިޔަވައި ދިނުމުގައި ބޭނުންކުރާ ތަފާތު އުކުޅެކެވެ. މާހެފުމުގެ ހަރަކާތް ގެންދިޔައީ ވެސް އެހެނެވެ.

"މިގޮތުން މިހަރަކާތަކީ މިސުކޫލުން އިވެންޓް ބޭސްޑް ލާނިން އަށް ތައްޔާރުވުމުގެ ގޮތުން އެކަން ތަޖުރިބާ ކުރުމުގެ މަޤުސަދުގައި ގެންދިޔަ ހަރަކާތެއް. މިސާލަކަށް އިނގިރޭސި ފިލާވަޅު ނުވަތަ ދިވެހި ފިލާވަޅުތަކުގައި ހުންނާނެ ރެސިޕީ ލިޔުމާއި އަދި ރެސިޕީ ބަލައިގެން ކާނާ ތައްޔާރުކުރުމާގުޅޭ ފިލާވާޅުތައް. އަދި ހަމަ އެގޮތަށް ސޯޝަލް ސްޓަޑީޒް ނުވަތަ ދިވެހި ފިލާވަޅުތަކުގައި ހުންނާނެ ދިވެހިން ފާހަގަކުރާ ތަފާތު ދުވަސްތައް. ސްކޫލްގެ މާހެފުން މި އިވެންޓުން ކުދިންނަށް ދަސްކޮށްދޭން ބޭނުންވީ އަޅުގަނޑުމެންގެ އާދަކާދަ އަދި މާހެފުމުގެ ސަގާފަތް. އަދި އެ ދަރިވަރުން އަމަލީގޮތުން ކާނާ ތައްޔާރުކުރުން" ޕްރިންސިޕަލް ވިދާޅުވި އެވެ.

މާއެނބޫދޫ ކުދީންގެ މި އިވެންޓް ކުރިއަށް ގެންދިއުމުގައި ބެލެނިވެރިންނާއި މުވައްޒަފުންގެ އެހީތެރިކަމާއި އެއްބާރުލުން އޮތެވެ.

"އިންޓަވަލް ކުރީގެ ދަންފަޅީގައި ކުރިޔަށް ދިޔައީ ދުވަސްތައް ފާހަގަ ކުރުމާ ގުޅޭ މައުލޫމާތު ދަރިވަރުންނަށް ދިނުމާއި އަދި ބެލެނިވެރިން ސްކޫލަށް އައިސް އަވެލި، މާފުށް، ފޮނިފާރޮށި، މަސްކޮރޮޅި ފަދަ ދިވެހިން އާއްމުކޮށް މާހެފުމުގައި ބޭނުންކުރާ ކާނާތައް ތައްޔާރުކޮށް މޮޑޭ ގޮތުގެ ރެސިޕީތައް ކުދިންނަން ކިޔައިދިނުން. ދެން އިންޓަވަލް ފަހުގެ ދަންފަޅީގައި ކުރިޔަށްދިޔައީ ދަރިވަރުން ތައްޔާރުކުރި ރެސިޕީތައް ބޭނުން ކޮށްގެން، ދަރިވަރުން މާހެފުމަށް ބޭނުންވާ ކާތަކެތި ތައްޔާރުކުރުން."

އިވެންޓް ބޭސްޑް ލާނިން އަކީ ކޮންމެވެސް އިވެންޓަކާއި ގުޅުވައިގެން ކުދިންނަށް އުގަންނާ ދިނުމުގެ ގޮތުން ކިޔަވައި ދިނުމުގައި ބޭނުން ކުރާ ގޮތެކެވެ.