ބ. ހިބަޅިދޫ ތަރައްގީ ކުރަން ބިޒްނަސް މޯލްޑިވްސްއަށް ސަރުކާރުން ކުއްޔަން ދީފައިވަނީ 2014 ވަނަ އަހަރު އެވެ. މި ރަށުގައި ރިސޯޓެއް ތަރައްގީ ކުރަން ހަވާލުކޮށްފައިވަނީ ލެޓްސްގޯ ކުންފުނީގެ ވެރިޔާ، މުހައްމަދު ރިޔާޒުގެ 95 ޕަސެންޓް ހިއްސާ އާއި އޭނާގެ އަނބިކަނބަލުންގެ ފަސް ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏަކަށެވެ. ނަމަވެސް އެމްއެމްޕީއާރްސީގެ ހިޔާނާތަށް ފަހު ރާއްޖޭގައި އުފެދުނު ހިލުންގަނޑާއި ރައީސް އަބްދުﷲ ޔާމީނަށް އަމާޒުކޮށް "ފިނިފެންމާ" ލޯންޗުގައި އެއްޗެއް ގޮވާލީ މައްސަލަ ހިންގި ދުވަސްވަރު، އެ ރަށު ފަރު ބޭރުގެ 42 މީޓަރު ފުނުން ހަތިޔާރު ފެނިގެން ސިފައިންނާއި ފުލުހުން އަރައި އެ ރަށް "ބަންދު" ކުރި އެވެ. ކޯޓު އަމުރެއްގެ ދަށުން އެ ރަށަށް އެހެން މީހަކަށް އެރުން މަނާކޮށްފައި އޮންނަތާ ތިން އަހަރު ފަހުން މިދިޔަ މަހު ވަނީ އެ ރަށުން ސިފައިން ފައިބާ ރަށް ދޫކޮށްލާފަ އެވެ. ރަށް ދޫކޮށް ދިޔައިރު އެ އޮޕަރޭޝަންގެ ސަބަބުން ރަށް ނުހެދި ލަސްވެ ރަށްވެރި ފަރާތަށް ވަނީ ފޫބައްދަން ދަތި ގެއްލުންތަކާ ކުރިމަތިވެފަ އެވެ.
"ރަށް ނުހެދި ލަސްވުމުން ބޭރުގެ އިންވެސްޓަރުންނާއި އޮޮޕަރޭޓަރުން ކުރިމަތިގައި އަގު ވެއްޓިއްޖެ. ތަން ނިންމަން، ޑެޑްލައިން ދީ، ހަދަނީއޭ ކިޔައިގެން އެ މީހުންނަށް ކޮންސެޕްޓް ދީ އެޑްވާންސަށް ފައިސާ ނަގައިގެން. އެކަމަކު ރަށް ނުހެދި އެ މީހުންނަށް ޕްރޮމިސްކޮށް، ލަސްވުމަކީ ބޮޑު ގެއްލުމެއް. މިކަމުގެ ސަބަބުން ފޫބައްދަން ދަތި ގެއްލުމާ ވަނީ ކުރިމަތިވެފައި،" ރިޔާޒު ވިދާޅުވި އެވެ.
ހިބަޅިދޫ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ލެޓްސްގޯ އާއި ރަޝިޔާގެ ބެނަގޯ މެނޭޖްމެންޓުން އިންވެސްޓް ކުރަން އޮތީ ނިންމާފަ އެވެ. އަދި އެކަމަށް ރައީސް އޮފީހުން ވަނީ 2013 ވަނަ އަހަރުގެ ނޮވެމްބަރު ހަތަރު ވަނަ ދުވަހު ހުއްދަ ވެސް ދީފަ އެވެ. ނަމަވެސް ރަށް ނުހެދި ލަސްވުމުގެ ސަބަބުން ބޭރުގެ އެ ކުންފުންޏަށް ފައިސާ ދައްކަން ޖެހި ލެޓްސްގޯ ކުންފުނިވެސް މާލީ ގޮތުން ވަނީ ދަތި ހާލަތަކަށް ވެއްޓިފަ އެވެ.
ޕްރޮޕަޓީ ތަކެއް ވިއްކާލަން ޖެހުން
ލެޓްސްގޯ ކުންފުންޏަކީ ރާއްޖޭގެ ނިސްބަތުން ބަލާއިރު ބޮޑު ކުންފުންޏެވެ. ރާއްޖެ ޕްރޮމޯޓް ކުރުމުގައި މަސައްކަތް ކުރުމުގެ އިތުރަށް، ހާއްސަކޮށް ގިނަ މާކެޓުތަކުން އަންނަ މުއްސަނދިންނާއި ގިނަ އަދަދެއްގެ ޓޫރިސްޓުން އެ ކުންފުނިން ގެނެ އެވެ. އެހެންވެ އެ ކުންފުނި އޮތީ މިއަދާ ހަމައަށް ރަނގަޅު އާމްދަނީއެއް ލިބޭ ކުންފުންޏެއްގެ ގޮތުގަ އެވެ.
ނަމަވެސް ހިބަޅިދޫ މައްސަލާގައި އެ ކުންފުންޏަށް ވެސް ނުސީދާކޮށް މާލީ ގެއްލުމާ ކުރިމަތިވެފައިވާ ކަމަށް ރިޔާޒު ވިދާޅުވެ އެވެ. އޭނާ ވިދާޅުވި ގޮތުގައި ހިބަޅިދޫ ނުހެދި ލަސްވުމުގެ ސަބަބުން ބޭރުގެ ފަރާތްތަކަށް ފައިސާ އަނބުރާ ދެއްކުމަށްޓަކައި އޭނާގެ އަމިއްލަ ގިނަ ޕްރޮޕަޓީ ތަކެއް ވިއްކާލަން ޖެހުނެވެ.
"ހުޅުމާލެއިން ފެންވަރު ރަނގަޅު ހޮޓަލެއް ވެސް ނުއަގުގައި ވިއްކާލަން ޖެހިއްޖެ. އަޅުގަނޑު އަމިއްލަ ސަފާރީ ބޯޓެއް ވެސް ހަމަ އެ ފައިސާ ދައްކަން ވެގެން ވިއްކާލަން ޖެހިއްޖެ. ރިސޯޓުތަކަށް ދަރާ ހިސާބަށް ދިޔައީ. މި ހުރީ ހައްތާ ވެސް އަޅުގަޑުގެ ކުށަކާނުލައި، މިރަށް ދޫނުކޮށް ލަސްކުރުމުން ދިމާވި މައްސަލަތައް،" ރިޔާޒު ވިދާޅުވި އެވެ.
ހުޅުމާލޭގައި ހެދި ފެންވަރު ރަނގަޅު ހޮޓަލެއް ވެސް ނުއަގުގައި ވިއްކާލަން ޖެހިއްޖެ. އަޅުގަނޑު އަމިއްލަ ސަފާރީ ބޯޓެއް ވެސް ހަމަ ފައިސާ ދައްކަން ވިއްކާލަން ޖެހިއްޖެ،ލެޓްސްގޯ ރިޔާޒު
އޭނާ ވިދާޅުވި ގޮތުގައި ކުރިން ސަރުކާރުގެ ތެރެއިން އައި ކަމެއްގެ ސަބަބުން އަމިއްލަ އިންވެސްޓަރަކަށް ގެއްލުން ވުމަކީ ބޮޑު މައްސަލައެކެވެ. މިއީ ޓޫރިޒަމް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ބޮޑު ދިވެހި ކުންފުންޏަކަށް ދިމާވި ފޫބައްދަން ދަތި ގެއްލުމެކެވެ. މި ގެއްލުމުގެ ބަދަލު ހޯދާނީ ކިހިނެއް ހެއްޔެވެ. މި ބަދަލު ދައުލަތަށް ދެވިދާނެ ހެއްޔެވެ؟