މުހައްމަދު އަލީ ޖަނާހް

ސަރުކާރުގެ ބޯޑުތަކުން ޖަނާ އިސްތިއުފާ ދެއްވައިފި

May 5, 2019
16

ދިވެހި ދައުލަތާއި ސަރުކާރުން، މަޝްހޫރު ވިޔަފާރިވެރިިޔާ އަދި އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓާން ޕެސިފިކް ކޮންޓްރެކްޓާސް އެސޯސިއޭޝަން (އިފޮޕްކާ) ގެ ރައީސް މުހައްމަދު އަލީ ޖަނާހު (ޖަނާ) އަށް ފުރުސަތު ދެއްވާފައިވާ ހުރިހާ ބޯޑަކުން އެ މަނިކުފާނު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ސަރުކާރުން ފެށިގެން ފާއިތުވި ހަތަރު ސަރުކާރާއި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާއި ވަރަށް ގިނަ އާންމުންނަށާއި ރާއްޖެއަށް ވެސް ހިދުމަތްތައް ކޮށްދެއްވަމުން ވަޑައިގަންނަވާ ޖަނާ މިއަދު މަގާމުތަކުން އިސްތިއުފާ ދެއްވެވި އިރު އެ މަނިކުފާނު ހުންނެވީ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ބޯޑު މެންބަރު ކަމުގަ އާއި މޯލްޑިވްސް ބިލްޑިން އެންޑް ކޮންސްޓްރަކްޝަން ބޯޑްގެ ޗެއާމަން ކަމުގެ މަގާމުގަ އާއި ރައީސް ސޯލިހު އެންމެ ފަހުން އެކުލަވައިލެއްވެވި މުސާރަ އާއި އުޖޫރައާބެހޭ ގޮތުން ލަފާދޭ ބޯޑުގެ މެންބަރު ކަމުގަ އެވެ.

މީގެ ކުރިން ވެސް ސަރުކާރުގެ ގިނަ ބޯޑުތަކުގައި ހިމަނުއްވާފައިވާ ޖަނާއަކީ މިވަގުތު ވެސް ރާއްޖޭގެ ކޮންޓްރެކްޓަރުންގެ ގައުމީ ޖަމިއްޔާ، މޯލްޑިވްސް ނޭޝަނަލް ކޮންސްޓްރަކްޝަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެމްއެންއޭސީއައި) ރައީސެވެ. އަދި އެމަނިކުފާނަކީ ދިވެހި ސަރުކާރު ގުޅުން ކަނޑާލާފައިވާ ގަތަރުގެ އަމީރާއި ވަރަށް ގާތް ގުޅުމެއް އޮންނަ ރަހުމަތްތެރި ބޭފުޅެކެވެ.

އަބަދުވެސް ވެރި ކަމުގައި ހުންނަވާ ރައީސުލްޖުމްހޫރިޔާ އާއި އެ އިރެއްގެ ސަރުކާރަކާ ގާތް ކަމެއް އޮންނަ ޖަނާ، ސަރުކާރަށް ނިސްބަތްބާ ތިން ބޯޑަކުން މިއަދު އިސްތިއުފާ ދެއްވުމަށްފަހު ކުރުކުރުކޮށް އަވަސް އަށް އިންޓަވިއުއެއް ވެސް ދެެއްވި އެވެ.

ވިދާުވީ ދައުލަތާއި ސަރުކާރުގެ އެއްވެސް ބޯޑަކަށް އަދި އެއްވެސް މަގާކަށް ވެސް މިހާތަނަށް އެމަނިކުފާނު ލައްވާފައި ވަނީ އެފަދަ އެއްވެސް ކަމަކަށް ޝައުގުވެރިވެ ވަޑައިގެން ހުންނަވަނިކޮށް ނޫން ކަމަށެވެ. އަދި ބޯޑުތަކަށް ލައްވަނީ އަމިއްލަފުޅަށް އެދި ވަޑައިގަންނަވައިގެން ވެސް ނޫން ކަމަށާއި ހުރިހާ ސަރުކާރެއްގެ ވެސް އެފަދަ ހުށަހެޅުންތައް މިހާތަނަށް ގަބޫލުފުޅު ކުރެއްވީ ސަރުކާރުތަކުން އިސްވެ އެދުމުން ކަމަށެވެ. އަދި އެ ހުށަހަޅުންތައް ގަބޫލު ކުރައްވާފައި ވަނީ ރާއްޖެ އާއި ދިވެހި ސަރުކާރަށާއި އާންމު ރައްޔިތުންނަށް އެހީތެރިވެ ދެއްވުމުގެ ނިޔަތުގައި ކަމަށް ވެސް ވިދާޅުވި އެވެ.

ވޭތުވެދިޔަ، ތިން އަހަރުތެރޭ 750 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ރާއްޖެއަށް ގެނެސްދެއްވެވި ވިޔަފާރިވެރިޔާ، އަދި ހޮޓެލް އެންޑް ރިސޯޓް ކޮންސްޓްރަކްޝަންގެ ޗެއާމަން މިއަދު ވިދާޅުވީ އެ މަނިކުފާނަކީ ސިޔާސީ ޕްލެޓްފޯމްތަކުގައި ވާހަކަ ދެއްކެވި ބޭފުޅެއް ނޫން ކަމަށާއި އަބަދުވެސް ބެއްލެވީ އަމިއަލަފުޅު ވިޔަފާރީގެ ތެރެއިން ސަރުކާރަށް އެހީތެރިވެ ދެއްވަން ކަމަށެވެ. އަދި މިއަދާ ހަމައަށް އޮތް މަގާމުތައް ދޫކޮށްލެވުމުން އަމިއްލަ ވިޔަފާރިއަށް އިތުރަށް ސަމާލުކަން ދެއްވޭނެ ކަމަށެވެ.

މަގާމުތަކުން މިއަދު ޖަނާ އިސްތިއުފާ ދެއްވި އިރު މުސާރައާ އުޖޫރައިގެ ކަންކަމުގައި ލާފާދޭ ބޯޑަށް އެމަނިކުފާނު ލަވައިގެން ސަރުކާރު ހިންގާ އެމްޑީޕީ އެކްޓިވިސްޓުންނާއި ބައެއް އިސް ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވެއެވެ. އަދި ކުރިން އޮތް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް އޭރުގެ ސިޔާސަތުތަކާއި ކަންކަމާ ފާޑު ކިޔާތީ އޭރު އެމަނިކުފާނުގެ މަސްލަހަތެއް އޮވެގެން ހިންގެވި ނޫހެއްގެ ހުއްޓާލަން ޖަނާއަށް އޭރުގެ ސަރުކާރުން އެންގި އެވެ.