ދުނިޔެ

އިދްލީބުގެ ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

ސީރިއާ ލަޝްކަރާއި ރަޝިއާގެ ފައުޖުތައް އިދްލީބަށް ދެމުން ގެންދާ ވައިގެ ހަމަލާތައް ވަރުގަދަވެ އެތައް ބަޔަކު މަރުވެ އެތައް ބައެއްގެ ގޯތިގެދޮރު ގެއްލިއްޖެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ސީރިއާ ސަރުކާރާއި ރަޝިއާގެ ހަނގުރާންމަތީ މަތިންދާ ބޯޓުތަކުން އިދްލީބާއި އަވައްޓެރި ހަމާ ޕްރޮވިންސްގައި ހަނގުރާމަވެރިން ތިބި މަރުކަޒުތަކަށް ދެމުންދާ ވައިގެ ހަމަލާތައް ވަރުގަދަ ކޮށްފަވާއިރު އެއްގަމުން ވެސް ހަމަލާތައް ރައްދު ކުރަމުންދާ ކަމަށް އެ ސަރަހައްދުތަކުގައި ހަރަކާތްތެރި ވަމުން އަންނަ އޮފިޝަލުން ވިދާޅުވެ އެވެ.

ސީރިއާގެ ގައުމީ ނޫސް ސަނާއިން ބުނާ ގޮތުގައި އަސްކަރިއްޔާއިން އިދްލީބާއި ހަމާ އަށް ދިން ހަމަލާތަކުގައި ހަނގުރާމަވެރިންގެ މަރުކަޒުތައް ނައްތާލާފައިވެ އެވެ. ނަމަވެސް އދ. ގެ އޮފިޝަލުން ވިދާޅުވަނީ ސީރިއާގެ ސަރުކާރުން ތަނެއް ދޮރެއް ބަލައި ނުލައި ހެލިކަޕްޓަރުތަކުގައި ބޮން އަޅަމުންދާ ކަމަށެވެ.

މިދިޔަ 15 މަސް ދުވަހުގެ ތެރޭ ފުރަތަމަ ފަހަރަށް މިހާ ވަރަށް ބޮން އެޅިއިރު އެ ހިސާބުތަކުގެ ސްކޫލުތަކާއި މީހުން ދިރި އުޅޭ ހިސާބުތަކާއި ސިއްހީ ފަރުވާދޭ އިމާރާތްތަކަށް ބޮޑެތި ގެއްލުންތައް ލިބިފައި ވެއެވެ.

ރަޝިއާާއި ތުރުކީގެ އެހީގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ސީރިއާގައި ސުލްހަ ގާއިމް ކުރަން ކުރި މަސައްކަތުގެ ފަހުން އަނިޔާވެރިކަން މި ވަރަށް ބޮޑުވި ވެސް މިއީ ފުރަތަމަ ފަހަރެވެ.

މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ސީރިއަން ސިވިލް ޑިފެންސްއިން ބުނާ ގޮތުގައި މިދިޔަ ދެ ތިން ދުވަހެއްގެ ތެރޭގައި އެ ސަރަހައްދުން 30 މިހުން މަރުވެފައި ވެއެވެ. ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް (އެސްއޯއެޗްއާރް) އިން މައުލޫމާތުދޭ ގޮތުގައި ފަހުގެ ހަމަނުޖެހުންތަކުގައި މިހާތަނަށް މަދުވެގެން 67 މީހުން މަރުވެފައި ވެއެވެ.