ހަބަރު

ތަރިކައިގެ ލިސްޓުގައި ރާއްޖޭގެ މިސްކިތްތައް ހިމަނަން މަޝްވަރާ ކޮށްފި

ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ރާއްޖޭގެ މިސްކިތްތައް ހިމެނުމަށް މިއަދު މަޝްވަރާ ކޮށްފި އެވެ.

ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނާއި، ޔުނެސްކޯގެ ރީޖަނަލް ޑައިރެކްޓަރު އެރިކް ފޯލްޓް މިއަދު ވަނީ ހުކުރު މިސްކިތް ބައްލަވާފަ އެވެ. މި ބައްދަލުވުމުގައި، ރާއްޖޭގައި ހުރި ހިރިގަލު މިސްކިތްތަކަކީ އިސްލާމީ ސަގާފީ ތަރިކަ އަށް ބަލާއިރު ދެވނަ އެއް ނުވާ މިސްކިތްތަކެއް ކަން ފާހަގަ ކުރެއްވިކަމަށް ހެރިޓޭޖް މިނިސްޓްރީ އިން ބުނެ އެވެ.

އަދި މި މިސްކިތްތައް ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަކީ ދިވެހިރާއްޖެއަށް އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ފައިދާތަކެއް ލިބޭނެ ކަމެއް ކަމަށް ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، މާނަވީ ތަރިކަ ކަމަށްވާ ދިވެހިންގެ އާދަކާދަ އާއި ވާހަކަދައްކާ އުޅުނު ގޮތްތަކާއި ކުޅުނު ކުޅިވަރުތަކާއި ދިވެހިންގެ މަސައްކަތްތެރިކަމާއި ބޭސްވެރިކަން އަދި ކަނޑުއަޑީގެ ތަރިކަވެސް ރައްކާ ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރި އެވެ.

ހުކުރު މިސްކިތް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ނުހިމެނިދާނެ ކަމަށް ކަންބޮޑުވުން ފާޅުކުރައްވާ މީގެ ކުރިންވެސް، ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވަނީ މަޝްވަރާ ކުރައްވާފަ އެވެ. އެއީ، 2017 ވަނަ އަހަރު ހުކުރު މިސްކިތް ހިމެނޭ ސަރަހައްދަށް ބަދަލުތަކެއް ގެނެސް، އެ ސަރަހައްދުގައި ކެފޭއެއް އެޅުމަށް ކުރީ ސަރުކާރުން ނިންމައި، އެކަން ކޮށްދޭނެ ބަޔަކު ހޯދަން އިއުލާން ކުރުމުންނެވެ.