ވާހަކަ

ބޭނުންވަނީ ޔާރާ

(1 މެއި 2019 އާ ގުޅޭ)

"އަހަރެން މަންހާއަށް ބޭނުންވާކަން އަންގަންވެގެން..........އަހަރެންގެ ޕާރސަނަލް އެސިސްޓެންޓަށް ދެން ދުވަހަކުވެސް އެހެން ކުއްޖަކު ގެންނަން ބޭނުންނުވާތީ......." ދާއިން ހީލަމުން ބުނެލިއެވެ. އޭނަގެ އެފަދަ ބަސްތަކުން މަންހާގެ ހިތަށް ބުނެދޭންނޭގޭހާ ފިނިކަންއިޙްސާސްކުރެވެއެވެ.

ކާރުގައި އިން ވިޝާލްއަށް ވިސްނެމުންދިޔައީ މަންހާ އާއި ދޭތެރޭއެވެ. މަންހާ އާއިއެކު ކާރުން ފައިބައިގެން ރެސްޓޯރަންޓަށް ވަދެގެންދިޔަ ޒުވާނާއަކީ ކާކުބާއޭ ވިޝާލްގެ ހިތަށް އެރިއެވެ. ދުވަހަކުވެސް އޭނަދެކިފައިނުވާއިރު އެމީހެއްގެ ވާހަކަ މަންހާވެސް ބުނެފައެއްނުވެއެވެ. ފެންނަ ފެނުމަށް އެހާ ގާތް ދެމީހުން ހެނެއް ހިއެއްނުވެއެވެ. ހިޔާލުތަކަށް ގެއްލިފައި އިން ވިޝާލްއަށް މަންހާ އާއި އޭނަ އާއިއެކު ހުރި ޒުވާނާ މަގުމައްޗަށް ނުކުތްތަންފެނުނެވެ. އެޒުވާނާގެ ހަށިގަނޑު ސީދާވެފައި އަޅާފައިހުރި ހެދުމުން އޭނަ އެއައީ އޮފީހުގައި އުޅެފައިކަން ވިޝާލްއަށް އެނގުނެވެ. މަންހާގެ އުނަގަނޑުގައި ފަހަތުން އަތްޖައްސާލަމުން ކާރުގެ ދޮރުފަތް ހުޅުވާދިންތަން ފެނުމުން ވިޝާލްއަށް އެމަންޒަރު ބަލަން އުނދަގޫވިއެވެ. ހުންގާނުބުރުގައި ހިފަހައްޓާލެވިފައިވާ ދެއަތްތިލަ ބާރުކޮއްލެވުނެވެ. ކުރިން ފެނުނު ގޮތާއި ހިލާފަށް އެދެމެދުގައި ގާތްކަމެއްވާކަން ވިޝާލްއަށް ފާހަގަކުރެވިގެންދިއުމާއިއެކު ލިބުނު ނުތަނަވަސްކަން އިތުރުވެގެންދިޔައެވެ. ވިޝާލް މަންހާ އިން ކާރު ނައްޓާލުމާއިއެކު އޭގެ ފަހަތުން އޭނަވެސް ދުއްވާލިއެވެ.

ދާއިން މަންހާމެންގޭ ކައިރީ ކާރުމަޑުކޮއްލުމާއިއެކު މަންހާ ދާއިންއަށް ބަލާލިއެވެ. ހުންގާނު ބުރުގައި އެއްއަތް އަޅުވާލައިގެން މަންހާއަށް ބަލާލިގޮތުން އެރީތި މަޑުރަތްކުލައިގެ ތުންފަތަށް ހިނިތުންވުމެއްވެރި ކުރުވިއެވެ. ބުނާނެ ވަކިއެއްޗެއް މަންހާއަކަށް ނޭގުނެއެވެ. އެހެންވެ ކާރުން ފައިބަން ދޮރުހުޅުވާލި ވަގުތު ދާއިން އޭނަގެ އަތުގައި ހިފިއެވެ. އެވަގުތު ގަނޑުފެންކޮޅެއް ފަދައިން ދާއިންގެ އަތުގެ ހޫނުގެތެރޭ މަންހާ ވިރިގެންދާންބޭނުންވިއެވެ.

"އަހަރެން މަންހާއަށް ފަހުން ގުޅިޔަސް އެންމެ ރަނގަޅުތަ؟" ދާއިން އަހާލިއެވެ. މަންހާގެ ދޫހަރަކާތްނުކުރި ހިނދު އޭނަގެ މަރާލެވުނު ލޮލާއިއެކު ބޯހަރަކާތްކުރީ އާއެކޭ ބުނުމަށެވެ. ލުއިލުއި ހިނިތުންވުމަކާއެކު ދާއިން މަންހާގެ އަތުން ދޫކޮއްލިއެވެ.

ވިޝާލްއަށް މަންހާގެ ތުންފަތަށް ވެރިވެފައިވާ ހިނިތުންވީ ހިތަށްލިބުނު އިތުރުވޭނަކަށެވެ. މަންހާ އޭނަގެ ކަނާތުކުޑަހުޅާދިމާލުގައި އަނެއްއަތުން ފިރުމާލަމުންގޮސް ގޭތެރެއަށް ވަތްތަން ބަލަންއިން ވިޝާލްގެ މޫނުމައްޗަށްވެސް ހީވަނީ އަނދިރިވާހެނެވެ. ކުރިމަތިންފެންނަމުންދާ ބޯކަޅު ވިލާގަނޑުގެ އަސަރު ވިޝާލްގެ ދިރިއުޅުމަށް ކުރަންފަށައިފިކަން އޭނައަށް އެނގެއެވެ. އެހެންނަމަވެސް އެފަދަ ތޫފާނަކުން ސަލާމަތްވާން އޭނަ ކުރާނީ ކީއްކަމެއް ހަމަ އެއްގޮތަކަށްވެސް ނޭގެއެވެ. މަންހާގެ ހިތުން ޖާގައެއް ހޯދުމަށް އޭނަ ކޮންމެފަދަކަމެއްވެސް ކުރަން ހުރީ ތައްޔާރަށެވެ. ލޯބީގައި މީހާ އެހާ ބަލިކަށިކޮއްލަނީ ކީއްވެހެއްޔެވެ. ވިޝާލްއަށް ތިންހަތަރު ފަހަރަށް ހުންގާނު ބުރުގައި އަތުން ޖަހާލެވުނެވެ. ހިތަށް ލިބުނު ވޭނާއެކު ހަށިގަނޑަށްވެސް ވޭންތަކެއް ދިނުމަށް އެދޭފަދައެވެ. އަމިއްލަ ހިތާ ސިކުނޑީގެ މޮޔަކަމާއޭ ވިޝާލް ހިތަށްއެރިއެވެ. މިހާ ދުވަސްވުމުން އޭނައަށް ހީކުރެވުނީ މަންހާ ގުޅޭނީ އޭނަ އާއި ކަމަށެވެ. މަންހާގެ ވާހަކަތައް ހިއްސާކުރަމުންދިޔައިރު ވިޝާލްއަށް ހީވީ އޭނަގެ ހިތުގައިވާ ފަދައިން މަންހާގެ ހިތުގެ ތެރޭގައި އޭނަގެ ލޯބީގެ ހުޅުކޮޅުރޯކޮއްލެވިއްޖެކަމަށެވެ. ނަމަވެސް ވިޝާލްގެ ލޯތްބަށްވަނީ އަނދިރިކަންވެރިވެފައެވެ. އަލިކޮއްލުމަށް ރޯކޮއްލި އަލިފާން ދަނޑިވެސް ހުލިވެގެން އެދިޔައީ އުއްބަތިއާއި ހަމައަށް ނުފޯރަނީހެވެ. މޭގައި މުއްކާވި އަތުން ވިޝާލް ޖަހާލި އަޑުކިޔައިގެންދިޔައެވެ.

ކޮޓަރިއަށްވަތްގޮތަށް އުފަލުން މަންހާއަށް އެނބުރިގަނެވުނެވެ. ދާއިންގެ ހިތުގައި އޭނައަށް ހާއްޞަކަމެއް ދެވިއްޖެއެވެ. ކޮންއިރަކުކަން އެނގުން މުހިއްމެއްނޫނެވެ. މިއަދު މުޅިކައުނުވެސް އެދެމީހުންނަށްޓަކާ ހިނގުން ލަސްކޮއްލެވިފައިވާ ކަހަލައެވެ. މިލާ މޯޅިވެފައިވާ މަލަކަށް އަލުން ދިރުންލިބި ތާޒާވެލިހެން މަންހާގެ ހިތަށްވެސް ދިރުންލިބިގެން ހިނގައްޖެއެވެ. ދާއިންގެ ހިތުގެ ދުޢާކަމުގައި އޭނަވާކަން އެނގުނު ހިނދުންފެށިގެންނެވެ. ދާއިންގެ ބަލާލުމުގައި މަންހާ މޮޔަކުރުވާފަދަ މަސްތުކަމެއް އެކުލެވިފައިވެއެވެ. ކުރިއަށްވުރެ ބޮޑަށް އެމަސްތުކަމުގެ ތެރެއަށް ގެނބިގެންދާން މަންހާ ބޭނުންވެއްޖެއެވެ. މިއަދު މަންހާގެ ހިތް ދާއިންގެ ހިތާގުޅި ލާމެއްހިޖެއެވެ. އެހިތުގައި ޖަހާލާ ކޮންމެ ވިންދަކީ ދާއިންއަށްޓަކައި ޖަހާލާ ވިންދެއްކަމުގައި ވެނިމިއްޖެއެވެ. ދާއިންގެ ދިރިއުޅުމަކީ މަންހާގެ ދުނިޖެކަމުގައިވެއްޖެއެވެ. އެތަށްދުވަހެއްވަންދެން ވެރިވެފައިވާ ބަނަކަމާއި ފުސްކަން ހަމައެކަނި ދާއިންގެ ބަލާލުމުންވެސް ސާފުވެގެން ހިނގައްޖެއެވެ. މިއަދު މަންހާ އަކީ ކުރީގެ މަންހާއެއް ނޫނެވެ. ލޯބިވާކަން ހާމަ ކުރަން ނުކެރުނަސް މިއަދު އޭނަގެ ހަމަހިމޭންކަމަށް ބަސްމޮށުންތެރިކަން ލިބިގެން ހިނގައްޖެއެވެ. އެހަމަހިމޭންކަން ދާއިން ދެނެގެންފިއެވެ.

ކާރުގައި ދުއްވަމުންދިޔަ ދާއިންގެ ލޯކުރިމަތީ ސިފަވަމުންދިޔައީ މަންހާގެ އަތުގައި ހިފާލުމާއިއެކު އޭނަގެ މޫނަށްއެރި ކުލަތަކެވެ. ވެރިވެގަތް ލަދުވެތިކަމެވެ. އެވަރަށް ލޯބިވާއިރުވެސް ދާއިންގެ އިޒްނައަކާއި ނުލާ އޭނަގެ ދިރިއުޅުމަށް އައުމުގެ އެއްވެސް ޝައުގުވެރިކަމެއްނެތެވެ. ދާއިންއަށް ގަބޫލެއް ނުކުރެވުނެވެ. މިހާރުވެސް ލޯބީގެ އަގުވަޒަންކުރާ ޒުވާން އަންހެން ކުދިން އުޅޭކަމެވެ. އަމިއްލައަށް ހިނިތުންވެލެވެނީ މަންހާގެ އެލަދުވެތި އަދާތަށް ހިތަށް ސިފަވުމުންނެވެ.

މެންދުރުގެ ކެއުމުގައިވެސް ވިޝާލް ބައިވެރިއެއްނުވެއެވެ. ކޮޓަރީގެ ދޮރު ތަޅުލައިގެން އޭނަ އެނދުގައި އޮތީ ނުތެދުވަން ނިޔަތްގަނެގެންކަންނޭގެއެވެ. ޖެނީ އިރުއިރުކޮޅާ ވިޝާލްގެ ކޮޓަރީގައި އައިސް ޓަކިދެއެވެ. އޭނަށް ގޮވާ ހަދައެވެ. ވިޝާލްއަށް ކޮންމެވެސް ކަމެއްވެއްޖެކަން ޖެނީއަށްވެސް އެނގުނީ އޭނަ ސިޓިން ރޫމުގައި ޓީވީ ބަލަން އިންދާ ވިޝާލް ގެއަށް އައިސް ވަތްގޮތުންނެވެ. އަވަސްފިޔަވަޅުތަކުގައި ޖެނީއަށް ގޮވާލުމެއްނެތި ގޮސް ކޮޓަރިއަށްވަދެ ދޮރު އަތުކޮޅަށް ޖަހާ ތަޅުލުމުންނެވެ.

"މޫސަ، ވިޝާލްއަށް ކޮންމެވެސް ކަމެއްވެއްޖެ........ހީވަނީ މަންހާ އާއި ދެކުދިން މައްސަލައެއް ޖެހުނީހެން........އެމަންޖެއާއިވެސް ވާހަކައެއް ނުދެއްކި، ކޮޓަރި ދޮރުވެސް ހުރީ ތަޅުލާފަ، އަނެއްކާ މޮޔަކަމެއް ކޮއްފިއްޔާ ކިހާދެރަ، އެކިއެކި ބިރުވެރި ހިޔާލުތައް އަހަރެންގެ ސިކުނޑި ކަމުންއެބަ ގެންދޭ........." ކަންބޮޑުވެފައި އިން ނާޒިޔާ މޫސަ ގެއަށް އައުމާއިއެކު ބުނެލިއެވެ.

"ތެދެއް ޖެނީ، ދަރިފުޅު ވިޝާލް ކޮއްކޮ އާއި ވާހަކަދެއްކޭތޯ ބެލިންތަ؟ ހަމައެއްކައްޗެކޭވެސް ނުބުނިތަ؟ ޒިޔާ ކަންބޮޑުނުވެބަލަ، އެސޮރު އެކަހަލަ ކަމެއް ނުކުރާނެ، އެހެން އުޅޭއިރު ކުދިކުދި މައްސަލަތަކާވެސް ދިމާވާނެ، އަމިއްލައަށް މައްސަލަ ހައްލުވީމަ ކޮޓަރިން ނުކުންނާނެ، ރަނގަޅުވާނީ އަހަރުމެން އެކަމުގެ ތެރެއަށް ނުވަނުން...........އަހަންނަށް ޔަގީންކަން އެބައޮތް ވިޝާލް އަމިއްލަ ނަފްސަށް ގެއްލުމެއްނުދޭނެކަން، އޭނައަކަށް ނުކެރޭނެ އަހަރުމެންގެ ލޯ ކަރުނުންފުރޭވަރުގެ ކަމެއް ކުރާކަށް..........ދެން ހިނގާބަލަ އަހަންނަށް ކާން ހަދަން" މޫސަގެ މޫނުމަތިން ހާސްކަމެއް ނުފެނުނެވެ.

"ބައްޕާ، ދުވަހަކުވެސް އަޅުގަނޑު ނުދެކެން ވިޝާލްކޮއްކޮ އެހެން ކަންތައްކުރިތަނެއް، ހީވަނީ ކޮންމެވެސް ކަމަކާ ރުޅިއައިސްފަ ނޫނީ ދެރަވެގެން އުޅޭހެން..........އަޅުގަނޑު ހާދަވަރަކަށް ގޮވައިފީމޭ.........ޔަގީންތަ ވިޝާލްކޮއްކޮ އެފަދަ ޢަމަލެއް ނުހިންގާނެކަން.........އަޅުގަނޑު މަންކޮއަށް ގުޅާފަ އަހާލަންތޯ" ޖެނީ މޫސަ އާއި ނާޒިޔާގެ ފަހަތުން ހިނގައިގަންނަމުން ބުނެލިއެވެ.

"ނޫން، އޭރުން ވިޝާލް އިތުރަށް ހިތްހަމަ ނުޖެހިދާނެ، އެދެކުދިން އަމިއްލައަށް އެކަންތައްތައް ހައްލުކުރަން ދޫކޮއްލުން ބުއްދިވެރީ.........ބައްޕަ މިބުނީނު، ވިޝާލް އެފަދަ ކަމެއް ނުކުރާނެއޭ............." މޫސަ ޖެނީއަށް ބަލާލަމުން ބުނެލިއެވެ.

ފަނޑުއަލިކަމުގެ ތެރޭ ސީލިންގާއި ދިމާލަށް ބަލަހައްޓައިގެން ވިޝާލް އޮތެވެ. އެނދުގައިވާ ބާލީސްތަކާއި ކުދި ކުޝަންތައްވަނީ ކޮޓަރިތެރެއަށް އުކާލެވިފައެވެ. އެނދުމަތީ އޮތް ކުއިލްޓުވެސް އެއްފަރާތަކަށް ސޮއްސާލައިގެން ގޮސްފައިއޮތެވެ. ވިޝާލް ލައިގެން ހުރި ޓީޝާޓުވެސް ތިރީ ޓައިލްސްތަކުގެ މަތީއޮތެވެ. ކޮޓަރިއަށް ހީވަނީ ކުޑަވަރެއްގެ ތޫފާނެއް އައިސް ތަރުތީބު ގެއްލިފައިވާހެނެވެ. ވިޝާލް ލޯ މަރާލަމުން ފުންނޭވާއެއް ލިޔެވެ. ހިތުގެ ހިނގުން ހަމަޖެހި ސިކުނޑި ހަމަވިސްނުމަކަށް މަސައްކަތްކުރިއެވެ. މަންހާ އާއިހެދި ދިވާނާވެފައިވާ ހިތް މަންހާގެ ކުށެއްނެތްކަން ހާމަކުރަންފެށިއެވެ. ވިޝާލް އާއި ބައްދަލުވިއިރުވެސް އެހިތްވަނީ އެހެން ފަރާތަކަށް ދެވިފަކަން އެނގޭއިރު އެކަމާ އިތުރަށް ކުރާނެ ޝަކުވާއެއްނެތެވެ. މަޑުމަޑުން ތެދުވެ އެނދުގައި އިށީނެވެ. އަދި ކަކުލުގައި އުޅަންބޮށި ވިއްދާލައިގެން އިނދެ ދެއަތްތިލައިގެ އެހީގައި މޫނު ފޮރުވާލިއެވެ.

"ހެލޯ..........ބިޒީތަ މިގަޑީގަ؟" ކޮޓަރި ކުޑަދޮރުކައިރީ ހުއްޓިލައިގެން ހުރި ޖެނީ ފޯނުން ވާހަކަދައްކަމުންދިޔައެވެ.

"ނޫން........ލޯބި ތިގުޅާލީ ހަމަ ރަނގަޅުވަގުތު ބަލާފަދޯ، ދެންމެ މި ފްރީވީ" ޝަރަފް ބުނެލިއެވެ.

"ނަސީބެއްނު ދޯ...............ޝަރަފް، އަހަރެން ވާހަކައެއް އަހާލަންވެގެން" ޖެނީގެ އަޑުގައި އޭރުވެސް ހާސްކަން އެކުލެވިފައި ހުއްޓެވެ.

"އަވަހަށް އަހާ...........އަނެއްކާ އަހަރެން ތިގެއަށް ދާންވީތަ؟ އެކަމަކު ތިކޮޓަރިއަށް ވައްދަންޏާ ދެވޭނީ......ހެ ހެ ހެ ހެ ހެ ހެ" ޝަރަފް ހީލިއެވެ.

"ދެން ޝަރަފް، ހާދަ ލާނެތޭ..............އެހެން ބުނާކަށް ނޫނޭ މިގުޅީ، އަހަންނަށް ހީވަނީ މަންކޮ އާއި ވިޝާލް އާއި ދެމެދު ކޮންމެވެސް މައްސަލައެއް ޖެހިއްޖެހެން، މިހެން މިބުނީ އޭނަ ހެނދުނު އުޅުން މަންހާ ނުގުޅައިގެން، އަނެއްކާ ބޭރަށްގޮއްސަ މެންދުރުވީފަހުން އައީގޮތަށް ކޮޓަރިން ބޭރަކަށް ނުނިކުމޭ...........އޭނަ ދާނެ އިތުރުތަނެއް ނޫނީ މީހެއްވެސް ނުހުންނާނެ މަންކޮ ނޫނީ.........މަންމަވެސް ވަރަށް ކަންބޮޑުވެގެން އުޅެނީ..........." ޖެނީގެ ވާހަކަ ޝަރަފް މެދުކަނޑާލިއެވެ.

"މަންމައަށްވުރެ ޖެނީގެ ހާސްކަން މާބޮޑުކަންނޭގެ..........އަހަރެން މަންކޮ އާއި ވާހަކަ ދައްކަންވީތަ؟ އޭރުން ލޯބި ހިތްހަމަޖައްސާލާނަންތަ؟" ޝަރަފް ވަރަށް ލޯބިން ބުނެލިއެވެ.

"އެއީ ރަނގަޅު ހިޔާލަކަށް ވާނެތަ؟ ބައްޕަ ބުނުއްވީ.............ވިޝާލް އާއި މަންކޮ އާއި ދެމެދު މައްސަލައެއް އުޅޭނަމަ އެދެމީހުން އަމިއްލައަށް އެކަން ހައްލުކުރިޔަ ދޭށޯ.........." ޖެނީ މޫސަގެ އެދުން ބުނެލިއެވެ.

"އެވެސް ތެދެއް، އަހަންނަށް ވިޝާލްގެ ނަންބަރު އެސް.އެމް.އެސް ކޮއްލަދީބަލަ، އަހަރެން އެބަ އޭނައަށް ގުޅަން...........ފޯނު ނުނަގައިފިއްޔާ އަހަރެން ތިގެއަށްދާނަން.........ވިޝާލް އާއި ވާހަކަދައްކަން އަހަންނަށް އެނގޭ..........." ޝަރަފް ވިސްނާލާފައި ބުނެލިއެވެ. ޖެނީއަށް ވަގުތުން ކުޑަނަމަވެސް ހިތްހަމަޖެހުމެއް ލިބިގެންދިޔައެވެ.

މަންހާގެ ހިތަށް އަރަމުންދިޔައެވެ. ދާއިންގެ ހަބަރު ދޭނީ ކާކަށްބާއެވެ. އެންމެ ގާތްކޮށް އުޅުނު ރަޙުމަތްތެރިންނަށް ގުޅާފައި ބުނަންވީ ބާއެވެ. ނޫނީ ޝަރަފް ގާތު ބުނަންވީބާއެވެ. މީގެ ކުރިން ހަދާގޮތަށް ވިޝާލް އާއި ހިއްސާކުރާނީ ބާއެވެ. އުފަލުން އެނދުމައްޗަށް ވެއްޓިގަތް މަންހާއަށް ރަނގަޅަށް ނުވެސްވިސްނެއެވެ. އެހެންނަމަވެސް އޭނަ ގުޅީ ޝަރަފްއަށެވެ. ދާއިންގެ ޙަބަރު ދިނީ އޭނަ ފަދައިން އުފާވާނޭ ކަމަށެވެ. ކަންތައްވީ ދިމާ އިދުކޮޅަކަށެވެ. ޝަރަފް އެއްގޮތަކަށްވެސް މަންހާ ދާއިން އާއި ކައިވެނި ކުރާކަށް ނޭދެއެވެ. ލޯބި ނުވިއެއްކަމަކު ވިޝާލްއާއި އިނުންވެސް އެއަށްވުރެ މާރަނގަޅު ކަމުގައި ބުންޏެވެ. އޭނަ މަންހާގެ ލޯތްބަށް ފާޑުކިޔެވެ. ކީއްވެހެއްޔެވެ. ދާއިންއަކީ މީހެއްގެ ފިރިއަކަށްވީމާ ހެއްޔެވެ. އޭނައަށް ދެވަނަ މީހަކު ބޭނުންވުމުގެ ހައްގެއް ނޯންނާނެ ހެއްޔެވެ. މަންހާ ބަލަމުންދިޔަ ކުލަރީތި ހުވަފެނުން މީހަކު އޭނަ ހޭލައްވާލިކަހަލައެވެ. ހަގީގަތަކީ ކޮބާކަން އޭނައަށް ވިސްނާދޭން ސިކުނޑި މަސައްކަތްކުރަންފެށިކަހަލައެވެ. އެކަމަކު މަންހާ އޭނަގެ ހިތުގެ މައްޗަށް ހުރިހާ ބާރެއްވަނީ ދޫކޮއްލާފައެވެ.

ފޯނު ބޭއްވިގޮތަށް ޝަރަފްއަށް މޭޒުގެ ކަނުގައި އަތުން ވަރަށް ބާރަށް ޖަހާލެވުނެވެ. މަންހާގެ ޅަސިކުނޑިއާއިމެދު އޭނަވަނީ ހައިރާންވެފައެވެ. މިއޮށްބޮޑު ދުނިޔެއިން އޭނަގެ ކޮއްކޮއަށް މީހެއްގެ ފިރިއެއްނޫނީ ލޯބިވާން ނުފެނުނީހެއްޔެވެ. އެންމެ ބޮޑުކަމަކީ މަންމަ އާއި ބައްޕަ އާއި ހަމައަށް މިވާހަކަތައް ދިއުމުން އެމީހުންނަށް ވާނެގޮތް ސިފަކޮއްލަންވެސް ނޭގޭތީއެވެ. ޝަރަފްގެ ފޯނަށް މެސެޖު އައީ އެވަގުތުއެވެ. އެއީ ޖެނީ ފޮނުވި މެސެޖެވެ. ޝަރަފް ދެން އަވަސްވެގަތީ ވިޝާލްއަށް ގުޅުމަށެވެ.

ބެލްކަނީގައި މަގުމައްޗަށް ބަލަހައްޓައިގެން ހުރި ނާޒިޔާގެ ލޮލުގައި ހަރުކޮށް ހިނގާފައި އައި ޒުވާން ޝަރަފް އަޅައިގަތެވެ. އޭނަ އެގެއަށް ވަނުމަށްކަން އެއަންނަނީ އެނގުމާއިއެކު ނާޒިޔާ ތިރިއަށް ދިއުމަށް ހިނގައިގަތެވެ. ސިޑިން ފައިބަ ފައިބާ ހުރި ނާޒިޔާއަށް ޝަރަފް ބޭރުދޮރުގެ ބެލް ޖަހާލިއަޑުއިވުނެވެ. އޭނަ އަވަސް ފިޔަވަޅުގައިގޮސް ދޮރުހުޅުވާލިއެވެ.

"ޝަރަފް...........އަވަހަށް ވަދޭ އެތެރެއަށް، ބޭބެ ހޯދަންތަ ތިއައީ؟ އެބައޮންނެވި ކޮޓަރީގަ އަރާމުކޮއްލުމަށް........." ނާޒިޔާ ހިނިއައިސްފައި ވާހަކަދެއްކިއެވެ.

"ނޫނޭ..........ދައްތަގެ ހާލު ކިހިނެތްތައް؟" ޝަރަފް އަހާލިއެވެ.

"އިރާދަފުޅާއިއެކު ހަމަ ގަދަވެ ހެޔޮހާލުގަ މިހިރީ............ތިއިން ކުއްޖަކު ދައްތަ ކައިރިއަށް ނާންނާތީ ހާދަ ދެރަވެއޭ........." ނާޒިޔާ ސޯފާތަކާއި ދިމާލަށް ދަމުން ބުނެލިއެވެ.

"ދައްތާ........ކޮބާތަ ވިޝާލް، އަދި އޮފީސްގަޑި ނުނިމޭތީ މަޑުކޮއްލެވޭކަށްނެތް، އެހެންނަމަވެސް ވިޝާލްއާއި މުހިއްމު ކަމަކު ބައްދަލު ކުރަން ޖެހިގެން މިއައީ......" ޝަރަފް އޭނަ އައި ބޭނުން ބުނެލިއެވެ.

"ވިޝާލް ކޮޓަރީގެ އެބައުޅޭ، އަންނާނަން ދައްތަ ގޮވާލާފަ" ނާޒިޔާ ސިޑިއާއި ދިމާލަށް ދާން އެނބުރުނެވެ.

"އަޅުގަނޑު ދަންތަ ވިޝާލްއަށް ގޮވާލަން، އޭނަގެ ކޮޓަރި ހުންނަނީ.........." ޝަރަފް އެހެންއަހާލުމުގެ ކުރިން ނާޒިޔާ ގަބޫލުވެއްޖެއެވެ. އަދި ޖެނީއަށް ގޮވާލަމުން ވިޝާލްގެ ކޮޓަރި ޝަރަފްއަށް ދެއްކުމަށް ބުންޏެވެ. ނަޒިޔާ ޝަރަފްގެ ގާތުން އެދުނީ އެގެއަށް އައިފަހަރު ކޮންމެވެސް އެއްޗެއް ބޯލައިގެން ނޫނީ ގޮސްގެން ނުވާނެކަމުގައެވެ. އެކަމަށް ޝަރަފްއަކަށްވެސް ދެކޮޅު ހަދާކަށް ނުކެރުނެވެ.

ޝަރަފް ސިޑިން އަރަމުންދިޔައިރު މަތީގައި ހުރި ޖެނީގެ ތުންފަތުގައިވަނީ ލާނެތް ހިނިތުންވުމެކެވެ. ޖެނީ އާއި އަރާހަމަވުމާއިއެކު ޝަރަފް އެހެންމީހަކަށް ނުފެންނާނޭ ގޮތަށް ޖެނީގެ ބަނޑުގައި ކޮއްޓާލިއެވެ. ސިހިފައި ޖެނީއާށް ވަށައިގެން ބަލާލެވުނެވެ. ނާޒިޔާ ފަހަތުން އައިސްދާނެތީއެވެ. ޖެނީ ވިޝާލްގެ ކޮޓަރި ދޮރުމަތީ މަޑުކޮއްލަމުން އޭނައަށް ގޮވާލިއެވެ.

"އަހަރެން ވިޝާލް އާއި އެކަނި ބައްދަލުކޮއްލަން ބޭނުންވަނީ، އެންމެ ރަނގަޅުތަ؟" ޝަރަފް މަޑުމަޑުން ޖެނީގެ ގާތުގައި ބުނެލިއެވެ. އޭނަ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.

"ވިޝާލް........ވިޝާލް..........." ޝަރަފް ވިޝާލްގެ ކޮޓަރި ދޮރުގައި ޓަކި ޖަހާލަމުން ގޮވާލިއެވެ.

ފެންވަރައިގެން ނުކުތް ވިޝާލްއަށް ހައިރާންކަންވެރިވެގެންދިޔައެވެ. ކާކުބާއޭ ހިތަށް އަރާފަ ހުރިފިޔަވަޅުމަތީ ހުރެވުނީއެވެ.

"ވިޝާލް..........މީ ޝަރަފް، މަންކޮގެ ތިއްތޭ..........ވިޝާލް، މިއައީ ވާހަކައެއް ދައްކާލަންވެގެން" ޝަރަފް އަނެއްކާވެސް ވިޝާލްގެ ކޮޓަރި ދޮރުގައި ޓަކިދިނެވެ.

ފެންތިކި ތަޅަމުންދިޔަ އިސްތަށިގަނޑުގައި ވިޝާލް އަތްހާކާލަމުން ނިތަށް ރޫއަރުވާލިއެވެ. ޝަރަފް އޭނަ ހޯދަން އަންނަންޖެހޭވަރުގެ ކަމެއް އެއީ ކޮންކަމެއްބާއޭ ހިތަށްއަރަމުންދިޔައެވެ. އަދި އަވަސް އަވަހަށް ޖިންސް ލުމަށްފަހު އުނުގައި އޮތް ތުވާލި ނައްޓާލަމުން އިސްތަށިގަނޑު ހިއްކާލިއެވެ. ޝަރަފް ތިންވަނަ ފަހަރަށް ގޮވާލުމުގެ ކުރިން އޭނަ ކޮޓަރި ދޮރުހުޅުވާލިއެވެ.

"ފެންވަރަން ހުއްޓަތަ މިއުނދަގޫ ކުރެވެނީ" ޝަރަފްއަށް އަހާލެވުނެވެ.

"ނޫން........." ވިޝާލް ބުނެލިއެވެ.

"އަހަރެން އެތެރެއަށް ވަންނަންތަ" ޝަރަފް އާހާލިއެވެ. ވިޝާލްއަށް ނޫނެކޭ ބުނާކަށް ނުކެރުނެއެވެ. އެހެންވެ އެތެރެއަށް ޖެހިލަމުން ޝަރަފް ވަންނަން ތަންދެއްކިއެވެ. ޝަރަފް އެކޮޓަރިއަށް ވަދެ ދޮރުލައްޕާލިއެވެ. ވިޝާލްއަށް ލިބުނު ހައިރާންކަންވީ އިތުރެވެ.

"ވިޝާލް ނިދަނީ އެނދުގައެއްނޫންތަ؟ އެނދުގަނެތް އެއްވެސް ބާލީހެއް" ޝަރަފް ކޮޓަރިތެރެ އޮތްގޮތް ފެނި ބުނެލިއެވެ.

"ސޮރީ........" ވިޝާލް އޭނަގެ އަތުގައި އޮތް ތުވާލި އަޅުވާލަމުން ތިރީގައި އުކާލެވިފައިވާ ބާލީސްތައް ނަގާ އެނދުމައްޗަށް ލަމުންދިޔައެވެ.

"އަހަރެން ވިޝާލް އާއި ވަރަށް ބޮޑު ވާހަކައެއް ދައްކަން މިއައީ..........ކޮންމެހެން ވާހަކަ ދިގުކުރާކަށް މައުލޫގެ ބޭރުން ވާހަކަ ދައްކާކަށް ނެތިން، އަހަރެން ބޭނުންވަނީ ސީދާ ޕޮއިންޓަށް ދާން...........އަހަރެން ދައްކަން މިއުޅެނީ މަންކޮގެ ވާހަކަ، އަހަންނަށް އެނގޭ ވިޝާލް އާއި މަންކޮ އުޅެނީ ރައްޓެހިވެގެންނެއް ނޫންކަން.........." ޝަރަފްގެ ވާހަކަ މެދުކަނޑާލާފައި ވިޝާލް އެއްޗެއް ބުނަންއުޅުނެވެ.

"ކިހިނެތް.........." ވިޝާލް ބުނެލިއެވެ.

"އެހަށް މަޑުކުރޭ، އަހަރެންގެ ވާހަކަ ނިމެންދެން އަޑުއަހާ........އަހަންނަށް ހުރިހާ ވާހަކައެއް ކިޔާދިނީ މަންކޮ، އަހަރެން ތިދެމީހުންގެ ގުޅުމާއިމެދު ސުވާލު ކުރުމުން މަންހާ ބުނީ ތިދެމެދުގައި ލޯބީގެ އެއްވެސް ގުޅުމެއްނެތްކަމުގަ، އެކަމަކު............އަހަންނަށް އެނގޭ އެއީ މުޅިން ތެދެއްނޫންކަން، އަޅެ ބުނެބަލަ، ވިޝާލް މަންކޮދެކެ ލޯތްބެއް ނުވޭތަ؟" ޝަރަފް ކުރި ސުވާލުން ވިޝާލް ހާސްވިއެވެ. އެސުވާލުގެ ޖަވާބު އެނގޭއިރުވެސް ޖަވާބުދޭންވީ ގޮތެއް ނޭގުނެވެ. (ނުނިމޭ)