ހަބަރު

ހުޅުމާލޭގައި ބަހަކުންޖެހި ޓޫރިސްޓަކު މަރުވެއްޖެ

ހުޅުމާލޭގައި މިއަދު ހެނދުނު ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ އެވެ. މި އެކްސިޑެންޓްގައި މަރުވެފައިވަނީ ޔޫކްރޭނަށް ނިސްބަތްވާ 31 އަހަރުގެ އަންހެނެކެވެ. އޭނާއަކީ ރާއްޖެ އައިސް އުޅުނު ޓޫރިސްޓެކެވެ.

މި ރޯދަ މަހުގެ ފުރަތަމަ ދުވަހުގެ ހެނދުނު 6:37 ހާއިރު އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ ފިތުރޯނު މަގުގެ އެފްއެސްއެމް ފިއުލް ސަޕްލައި ސްޓޭޝަން ކައިރީގަ އެވެ. އެކްސިޑެންޓްވީ އެމްޓީސީސީގެ ބަހެކެވެ.

ފުލުހުން ބުނި ގޮތުގައި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބަސް ދުއްވަނިކޮށް އޭގެ ޑްރައިވަރަށް ނިދި، ދުއްވުމުގެ އަމާޒުން ކައްސާލައިގެން ގޮސް ކަމަށެވެ. ބަސް ޑްރައިވަރަށް ނިދުމާއެކު އެކްސިޑެންޓްވި ވަގުތު އެ ބަސް ގޮސް ޖެހުނީ ފިތުރޯނު މަގުން ހިނގާފައި ދިޔަ ޔޫކްރެއިންގެ އަންހެންމީހާގެ ގައިގަ އެވެ. ހަމަ އެ ވަގުތު އަންހެން މީހާ ބަހުގެ ދަށުވީ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެކްސިޑެންޓްގައި މަރުވި މީހާއަކީ ޓޫރިސްޓެކެވެ. އެކްސިޑެންޓް ހިނގިއިރު ބަހުގައި ބައެއް ފަސެންޖަރުން ވެސް ތިއްބެވެ. އެއިން މީހަކަށް އަނިޔާއެއް ނުވެ އެވެ.

އެ ބަހުގެ ޑްރައިވަރަކީ ލައިސެންސް އޮތް ދިވެއްސެކެެވެ. އޭނާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.