މޯލްޑިވްސް ޕޮލިސް ސާވިސް

އެކްސިޑެންޓްވުމުން މަޑުނުކޮށް ދިޔަ ކާރެއް ހޯދަނީ

ހުޅުމާލޭ ފޭސް ދެއެއްގައި ހިނގި އެކްސިޑެންޓަކަށްފަހު މަޑުނުކޮށް ދިޔަ ކާރެއް ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނި ގޮތުގައި ކާމިލް ދީދީ ސްކޫލު ކައިރީގައި ދެ ކާރު ޖެހި އެކްސިޑެންޓްވުމުން އެތަނުން އެއް ކާރު މަޑުނުކޮށް ގޮސްފައިވާ ކަމަށް ރޭ 11:40 ހާއިރު ރިޕޯޓްކޮށްފައިވެ އެވެ.

މި އެކްސިޑެންޓްގައި އެއް ކާރުގައި ތިބި ހަތަރު މީހަކަށް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފަ އެވެ.

މި އެކްސިޑެންޓްގައި އެއް ކާރު ދުއްވި މީހާ އަތުގައި ލައިސަންސް އޮންނަ ކަމަށާއި ހާދިސާގައި ކާރަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ވަނީ އެކްސިޑެންޓްވުުމުން މަޑުނުކޮށް ގޮސްފައިވާ ކާރު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފަ އެވެ.

މި އެކްސިޑެންޓުގައި ކާރަކުން ޖެހި ސްކޫލުގެ ފާރުން ބައެއް ވަނީ ވެއްޓިފަ އެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.