ކެނެޑާ (މޭ 6) - ބްރިޓިޝް ކޮލަމްބިއާގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ވެންކޫވާގެ މުސްލިމް ކޮންޓްރިބިއުޝަން ސޮސައިޓީ (އެމްސީއެސް) ގެ ހިންގުންތެރިއެއް ކަމަށްވާ ތާރިގް ރަމަޟާން މި ރޯދަމަހުގެ ދުވަސްތަކުގައި އެ ޖަމިއްޔާއަށް ވީވަރަކުން ސަދަގާތެއްގެ ގޮތުން ފަގީރުންނަށް ކާންދިނުމަށް މަސައްކަތް ދަނީ ކުރަމުން ނެވެ.
"އަހަރެމެން ރަމްޟާން މަހު ދުވާލަކު 14 ގަޑިއިރު އަދި ބައެއް ގައުމުތަކުގައި އެއަށްވުރެ ގިނަ ގަޑިއިރު ވަންދެން އެއްވެސް އެއްޗެއް ނުކައި ނުބޮއެ ތިބެނީ ރޯދައަށް. އެހެންވީމަ ކާނެ އެއްޗެއް ނުލިބިފަ ތިބި ފަޤީރުންގެ ބަނޑުހައިހޫނުކަން އަހަރެމެންނަށް މިމަހު އިހްސާސް ކުރެވޭނެ"، ރަމަޟާން ފާހަގަ ކުރިއެވެ.
އެމްސީއެސް ޖަމިއްޔާއިން ބުނާ ގޮތުގައި އެފަރާތުން އެކަންތައް ކުރަން މަސައްކަތް ކުރާކަން އެހެން މީހުންނަށް އެނގުމުން އެކަމަށް ލިބުނު ތަރުހީބާމެދު އޭނާ އަންތަރީސްވި އެވެ. އެ ޖަމިއްޔާއަށް އެހީތެރިވުމަށް ހީވެސްނުކުރާ އަދަދެއްގެ މީހުން އެ ކަމަށް ބޭނުންވާ ސާމާނާއި ކާތަކެއްޗާއި ފައިސާގެ އެހީ ވަނީ ހަދިޔާކޮށްފަ އެވެ.
ރަމަޟާން ބުނާގޮތުގައި އެ ޖަމިއްޔާއިން ފަގީރުންނަށް ސަދަގާތް ކުރަން ތައްޔާރުކުރާ ކާނާ ކައްކާނީ ރެސްޓޯރަންޓެއްގެ ބަދިގޭގަ އެވެ. އެއަށް ފަހު ރޯދަ ވީއްލާ ގަޑި ކައިރިވުމުން ބޮޑުމަގުގައި މޭޒެއް މަތީ އަތުރާނެ އެވެ. މިކަން އެމީހުންނަށް ވީ އެންމެ އަވަހަކަށް ފަށާނެކަމަށް ވެސް އޭނާ ބުންޏެވެ.
"އަހަރެމެން މި ބަލަނީ އަންނަ ބުރާސްފަތި ދުވަހު މިކަންތައް ފެށޭތޯ. އަަދި ކުރިއަށް އޮތް ބަންދު ދުވަސްތަކުގައި މިގޮތައް ކުރިއަށް ގެންދަން މަސައްކަތް ކުރާނަން"، ރަމަޟާން ކިޔާދިނެވެ.
ރަމަޟާންގެ އުންމީދަކީ ކޮންމެ ހަފްތާ ބަންދެއްގައި މަދުވެގެން 250 މީހުންނަށް ކާން ދިނުމެވެ. އަދި އޭނާ އަންދާޒާކުރާ ގޮތުގައި އެ އަދަދަށް މީހުންނަށް ކާންދިނުމަށް ދުވާލަކަށް މަދުވެގެން 500 ޑޮލަރު ބޭނުންވާނެ އެވެ.