ސައުދީ އަަރަބިއްޔާ

ދެ ހަރަމްގައި ތަރާވީހު ނަމާދުގައި ކުރާނީ 13 ރަކުއަތް

މި އަހަރުގެ ރަމަޟާން މަހު މައްކާގެ އަލް-މަސްޖިދު ހަރާމް އަދި މަދީނާގެ އަލް-މަސްޖިދު ނަބަވީގައި ކުރާ ތަރާވީހު --ތަރާވީސް-- ނަމާދުގައި ކުރާނީ 13 ރަކުއަތް ކަމަށް ހަރަމްފުޅުގެ ކަންކަން ބަލަހައްޓާ އިދާރާ ހަރަމައިނި ޝަރީފައިނި އިން އިއުލާނު ކޮށްފި އެވެ.

މީގެ ކުރީ އަހަރުތަކުގައި ތަރާވީހު ނަމާދުގައި ވިތުރިއާއެކު 23 ރަކުއަތް ކުރެއެވެ. ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ޖެހިފައިވާތީ މި އަހަރު ތަރާވީހު ނަމާދުގައި ކުރާނީ ވިތުރިއާއެކު 13 ރަކުއަތެވެ.

މިއީ މިފަދަ ބަދަލެއް ފަހުގެ ތާރީހެއްގައި ގެނައި ފުރަތަމަ ފަހަރެވެ. މީގެ އިތުރުން މި އަހަރު ދެ ހަރަމްފުޅުގައި އިއުތިކާފަށް ތިބުމެއް ނޯންނާނެ އެވެ. އަދި މަތާފު (ތޮވާފު ކުރާބައި) ބޭނުން ކުރެވޭނީވެސް އުމްރާވެރިންނަށް އެކަންޏެވެ.

އަދި ހަރަމްފުޅުގެ އެކި ސަރަހައްދުތަކުން ފަސޭހަކަމާއެކު ލިބެން ހުންނަ ޒަމްޒަމް ފެންވެސް މި ފަހަރު ލިބެން ނުހުންނާނެ އެވެ. އޭގެ ބަދަލުގައި ފުޅިފުޅީގައި ފެން ބަންދުކޮށް ބަހާނެ އެވެ. އަދި ފެން ދިނުމަށް ހަރަމްފުޅުގެ މަސައްކަތްތެރިން މިސްކިތުގައި ހަރަކާތްތެރިވާނެ އެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން މިދިޔަ އަހަރު ރޯދަ މަހު ރާއްޖޭގެ މިސްކިތްތައްވެސް ހުރީ ބަންދުކޮށްފައެވެ. އެހެން ކަމުން މިސްކިތްތަކުގައި ޖަމާއަތުގައި ތަރާވީހު ނަމާދު ކުރުން ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. ނަމަވެސް މިއަހަރު ތަރާވީހު ނަމާދު ޖަމާއަތުގައި ކުރިއަށް ގެންދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. ނަމަވެސް ތަރާވީހު ނަމާދު ކުރުން ކުރިއަށް ގެންދާނީ ގައިދުރުކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގައެވެ.