އިޝާ ނަމާދާއެކު ތަރާވީހު ނަމާދު -- ތަރާވީސް -- ކުރުމަށް 30 މިނެޓަށްވުރެ ގިނައިރު ހޭދަނުކުރުމަށް ސައުދިއަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންްޑް ދައުވާއިން އެ ގައުމުގެ މިސްކިތްތަކުގެ އިމާމުންނަށް އަންގައިފި އެވެ.
މިއީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ނިންމާފައިވާ ނިންމުމުކެވެ.
ސައުދީގެ އިސްލާމިކް އެފެއާޒް އެންޑް ދައުވާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ގައުމުގެ މިސްކިތްތަކުގައި ތަރާވީހު ނަމާދުގެ ޖަމާއަތް ގާއިމުކުުރުގެ ހުއްދަ ދޭ ކަމަށާ ނަމަވެސް އިޝާ ނަމާދާއެކު ތަރާވީހު ނަމާދު ކުރުމަށް 30 މިނެޓަށްވުރެ ގިނަ ވަގުތު ހޭދަ ނުކުމަށެވެ.
ކޮވިޑްގެ ސަބަބުން މިދިޔަ ރޯދަ މަހު ސައުދީގެ މިސްކިތްތައް ބަންދުކުރިއެވެ. އެހެން ކަމުން ތަރާވީހުގެ ޖަމާއަތް މިސްކިތްތަކުގައި ގާއިމުކުރެވިފައެއް ނުވެއެވެ.
މި އަހަރުގެ ރަމަޟާން މަހު މައްކާގެ އަލް-މަސްޖިދު ހަރާމް އަދި މަދީނާގެ އަލް-މަސްޖިދު ނަބަވީގައި ކުރާ ތަރާވީހު ނަމާދުގައި ކުރާނީ 13 ރަކުއަތް ކަމަށް ހަރަމްފުޅުގެ ކަންކަން ބަލަހައްޓާ އިދާރާ ހަރަމައިނި ޝަރީފައިނި އިން ކުރިން ވަނީ ނިންމާފައެވެ.
މީގެ ކުރީ އަހަރުތަކުގައި ތަރާވީހު ނަމާދުގައި ވިތުރިއާއެކު 23 ރަކުއަތް ކުރެއެވެ. ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ޖެހިފައިވާތީ މި އަހަރު ތަރާވީހު ނަމާދުގައި ކުރާނީ ވިތުރިއާއެކު 13 ރަކުއަތެވެ.
މިއީ މިފަދަ ބަދަލެއް ފަހުގެ ތާރީހެއްގައި ގެނައި ފުރަތަމަ ފަހަރެވެ. މީގެ އިތުރުން މި އަހަރު ދެ ހަރަމްފުޅުގައި އިއުތިކާފަށް ތިބުމެއް ނޯންނާނެ އެވެ. އަދި މަތާފު (ތޮވާފު ކުރާބައި) ބޭނުން ކުރެވޭނީވެސް އުމްރާވެރިންނަށް އެކަންޏެވެ.
އަދި ހަރަމްފުޅުގެ އެކި ސަރަހައްދުތަކުން ފަސޭހަކަމާއެކު ލިބެން ހުންނަ ޒަމްޒަމް ފެންވެސް މި ފަހަރު ލިބެން ނުހުންނާނެ އެވެ. އޭގެ ބަދަލުގައި ފުޅިފުޅީގައި ފެން ބަންދުކޮށް ބަހާނެ އެވެ. އަދި ފެން ދިނުމަށް ހަރަމްފުޅުގެ މަސައްކަތްތެރިން މިސްކިތުގައި ހަރަކާތްތެރިވާނެ އެވެ.
ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން މިދިޔަ އަހަރު ރޯދަ މަހު ރާއްޖޭގެ މިސްކިތްތައްވެސް ހުރީ ބަންދުކޮށްފައެވެ. އެހެން ކަމުން މިސްކިތްތަކުގައި ޖަމާއަތުގައި ތަރާވީހު ނަމާދު ކުރުން ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. ނަމަވެސް މިއަހަރު ތަރާވީހު ނަމާދު ޖަމާއަތުގައި ކުރިއަށް ގެންދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. ނަމަވެސް ތަރާވީހު ނަމާދު ކުރުން ކުރިއަށް ގެންދާނީ ގައިދުރުކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގައެވެ.