ރޯދަ މަހާ ރޯއްޖާ

ކަރުކެހިފައި ޖަހާ ކުޅު މައްޗަށް ނިތް!

މަގުމަތީގައި އުޅޭއިރު ހިޔާލެއް ފިކުރެއް ނުހުރެ އެވެ. މީހުނާއި މާހައުލަށް ވެސް ބަލައިލުމަކާ ނުލައި ކަރުކެހި، ޗަސްލާފައި ކުޅުގަނޑެއް ޖަހަނީ އެވެ. މާލޭގެ ވެއްޓާއި މާހައުލަކީ މީހުން ތޮއްޖެހި، ފިތި ބާރުވެފައިވާ މަގުމައްޗެކެވެ. މި މާހައުލުގައި އާންމު ވެށީގެ ތެރެއަށް ހިނގާފައި ދާ މީހާ ވެސް ދުއްވާފައި ދާމީހާ ވެސް ކުޅު ބުރުވާލައި ޖަރާސީމުގެ ހާއްޔެއް ދޫކޮށްލަނީ އެވެ.

މިކަން ފެށެނީ ސައިކަލުގައި ދުއްވަމުންދާ މީހާ އާއި ފައިމަގުގާދާ މީހާއާ ހަމައިންނެވެ. އަދި ކާރު ދުއްވާއިރު އަނަގަށް ޖަމާވާ ކުޅުވެސް ދޮރު ހުޅުވާލާފައި މަގަށް ޖަހާ މަންޒަރު ވަރަށް އާންމެވެ. ދިވެއްސެއް ބިދޭސީ އެއް މުސްކުޅި އެއް ޒުވާނެއް އިސްތިސްނާއެއް ނުވެ އެވެ. ދު ފާފައިޖަހާ ކުޅުގަނޑުން ބައެއް ސަރަހައްދުތައް ހުންނަނީ ރަތްވެފަ އެވެ. މިކަން ވާހަކަ ބޮަޑަށް މުނާސަބު ވަނީ ރޯދަ މަހަށެވެ. މިއީ ރޯދަ މަހު ދައްކާކަހަލަ ވާހަކަ ހެއްޔޭ ވަރަށް ގިނަ މީހުން އަހާވެސް ފާނެ އެވެ. މިވާހަކަ ދެއްކުން ވެސް މުހިންމެވެ.

އެންމެން ބޭނުންކުރަން އޮންނަ މަގުކަން ހަނދާނުން ކައްސާލަނީ ކަމަށް ވެދާނެ އެވެ. މަގުމަތީގައި އާންމުކޮށް ބޫޓުގަ އާ ފައިވަނުގައި އުޅޭތީ އެއް ބަޔަކަށް މާ ބޮޑު ކަމަކަށް ނުވަނީ އެވެ.

ރޯދަ ނޫން މަސް މަހު، މާލޭގެ މިސްކިތްތައް ފުރިގެން މަގުމައްޗަށް ނަމާދަށް އަރަންޖެހެނީ ހުކުރު ދުވަހެވެ. ތެޅެމުން ފޮޅެމުން "ވަލަ ޒިކުރުﷲ އަކުބަރަށް" މިސްކިތަށް ދާން ގެއިން ނުކުމެވޭ މީހުން ހަށަން ބަންނާނީ މަގުމަތީގަ އެވެ. ގިނަ ފަހަރު އަވަސް އަރުވާލައިގެން މުސައްލަ ވެސް ގެންދަން ހަނދާނެއް ނުހުންނާނެ އެވެ. ނަމާދު ކުރާނީ އެއްކަލަ ކުޅުތަޅާފައިވާ މަގުމަތީގަ އެވެ.

ރޯދަ މަހަކީ އަޅުކަމުގެ މަސް ކަމަށްވާތީ ހުރިހާ ނަމާދަކަށްހެން މާލޭގެ ގިނަ މިސްކިތްތަކުން ޖާގަ ލިބުން ދަތިވެ، މަގުމައްޗަށް އަރަން މަޖުބޫރުވެ އެވެ. ދިގުކޮށް ކުރާ ތަރާވީހް ނަމާދުވެސް މެއެވެ. ހުކުރަށް ދިއުމާ ހިލާފަށް މަގުމަތީގައި ނަމާދުގެ ފަރުޟު އަދާކުރާ މީހުންނަށް މުސައްލައެއް ނޫނީ ކުނަލެއްހާ ހިސާބު ވެސް ނަސީބެއް ނުވެ އެވެ.

ކަރުކެހިފައި މަގުމައްޗަށް ކުޅު ޖެހުމުގެ ކުރިން މިކަމާމެދު ވިސްނާށެވެ. އަނގައިން ބޭރު ކުރިއަސް އެއީ ހަމަ ނަޖިސް ކަމަށް ގަބޫލު ކުރާށެވެ. ހަމައެކަނި ކުޅު ގިނަވެގެން އުޅޭ މީހުން އެކަންޏެއް ވެސް ނޫނެވެ. އެއް ބައި ބޮއެފަ ވަރަށް ނޫންކަމަށް ހަދާފައި ޕެކެޓާއި ދަޅުތައް އެއްލައިލާ މީހާ އެވެ.

ނިވާވެސް ނުލައި ފުއްޓަތްކެއް ޖަހާ ބުރުވާލައި ސިނގިރޭޓު ބުރި ވެސް ހިމަނަންޖެހެ އެވެ. މަގުތަކުގައި ސިއްރު ސިއްރުން ކުނި ކޮތަޅު ބަހައްޓާ މީހާއަށްވެސް ބުނެލަން އޮތީ މި ވާހަކަ އެވެ. އެހާ މޫސުން ރަނގަޅު ނޫން ދުވަސްވަރެއްގައި ކޮންމެ ވަގުތެއްގައި ވިއްސާރަކޮށްފާނެ އެވެ. ކިރިޔާ ވާރޭ ކޮޅެއް ވެހިލާއިރަށް މާލޭގައި ފެން ބޮޑުވެ، މަގުތަކުގައި ހުރި ހުރިހާ އެއްޗަކާއެކު ކޯރު ހެދި މުޅި ސަރަހައްދަށް ފެތުރޭކަން ނުދަންނަ މީހަކު މި ރާއްޖޭގައި ނޫޅޭނެ އެވެ.

މިރޭ ވެސް ގެއަށްދާ މަގުމަތީގައި ބަންގި ގޮވައިގެން އަވަހަށް ނަމާދަށް އަރަން ބޭނުންވެދާނެ އެވެ. އަތުގައި ނޫނީ ސައިކަލު މަޑިދަށުގައި ވިއަސް މުސައްލައެއް އޮތުން ނާދިރެވެ. މިސްކިތުން ޖާގަ ނަސީބު ނުވެއްޖެނަމަ ނަމާދު ކުރަންޖެހޭނީ މަގުމަތީގަ އެވެ. ތިމާގެ އަމިއްލަ އަނގައިން މިއަދު ހެނދުނު ޖެހި ކުޅުގަނޑުގެ މަތީގައި ހުރެ ނަމާދު ކުރަން ޖެހިދާނެކަމުގެ ހަގީގަތް ގަބޫލުކުރަންވެއްޖެ ނޫން ހެއްޔެވެ.