ދުނިޔެ

ގަތަރުން ފަލަސްތީނަށް 480 މިލިއަން ޑޮލަރުގެ އެހީ

ވެސްޓް ބޭންކާއި ގާޒާގައި ހާލުގައި ޖެހިފަތިބި ފަލަސްތީނު ރައްޔިތުންނަށް އެހީގެ ގޮތުގައި 480 މިލިއަން އެމެރިކާ ޑޮލަރު ދޭން ގަތަރުން ނިންމައިފި އެވެ.

އިޒްރޭލާއި ފަލަސްތީނުގެ ދެމެދުގައި 2014 ވަނަ އަހަރަށް ފަހު ހިނގި އެންމެ ވަރުގަދަ ކުރިމަތިލުންތައް ހުއްޓުމަކަށް އައިސްފައި ވަނީ މިސްރުގެ އިސް ނެގުމުގެ ދަށުން ގަތަރާއި އދ. އިން ބައިވެރިވި މަޝްވަރާތަކުގެ ތެރެއިން ނެވެ. އެ ހަމަނުޖެހުންތަކުގައި ފަލަސްތީނުގެ 25 މީހުން ޝަހީދު ކޮށްލާފައި ވެއެވެ.

ގަތަރުގެ ފޮރިން މިނިސްޓްރީއިން ނެރެފައިވާ ބަޔާނުގައި ވާގޮތުން އެހީގެ ގޮތުގައި ފޮނުވާ ފައިސާގެ ތެރެއިން 300 މިލިއަން ޑޮލަރު ބޭނުންކުރާނީ ވެސްޓު ބޭންކު ކޮންޓްރޯލްކުރާ ރަމަލާގައި ހުންނަ ފަލަސްތީނިއަން އޮތޯރިޓީގެ ސިއްހީ އަދި ތައުލީމީ ޕްރޮގްރާމުތަކުގަ އެވެ. އަދި ބާކީ 180 މިލިއަން ޑޮލަރު ބޭނުން ކުރާނީ އިންސާނީ އެހީއަށް ބޭނުންވެފައިވާ މީހުނަށް އެހީތެރިކަމާއި ކަރަންޓުގެ ހިދުމަތް ފޯރުކޮށް ދިނުމަށެވެ.

ކުޑަ ގައުމެއް ނަމަވެސް ތެލުގެ މުއްސަނދިކަން ލިބިފައިވާ ގަތަރަކީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރި ވުމުގައި އަބަދުވެސް އެންމެ ކުރީގައިވާ އެއް ގައުމެވެ. މިދިޔަ ފެބްރުއަރީ މަހުވެސް ގާޒާގެ ޕޯސްޓް އޮފީސްތަކުގެ ޒަރީޔާއިން ގަތަރުން ފޮނުވި ފައިސާގެ އެހީ ގާޒާގެ 94،000 އާއިލާއަކަށް ފޯރުކޮށްދީފައި ވެއެވެ.

އަދި ގާޒާގެ ރައްޔިތުންނަށް އިންތިހާއަށް ބޭނުންވެފައިވާ އާޓިފިޝަލް ލިމްބް އެންޑް ރިހެބް ސެންޓަރު ގަތަރުން ގާއިމްކޮށްދެއްފައި ވަނީ މިދިޔަ މަހުއެވެ.