ވާހަކަ

އީޝަލް

(5 މެއި 2019 އާ ގުޅޭ)

"މީ ދަރިފުޅުގެ ފަހަރު... އޭނާގެ ބޯގެ ކަނދުރާއާ ވަކިކޮށް އަހަރެންނާ ހަމައަށް ގެނެސްދޭތި" ކަސްދިޔާ ބުނެލިއެވެ. ޒަގަންއަށް ހުރެވުނީ ބުނާނޭ އެއްޗެއް ނޭނގިފައެވެ.

"ޒަގަން..." ކަސްދިޔާ ދެވަނަ ފަހަރަށް ގޮވާލީ ދަރިފުޅު އަނގައިން ނުބުނެ ހުރުމުންނެވެ.

"މަންމައަށް އެނގޭތަ މި ހުރިހާ ތައްޔާރީއެއް މިވަނީ ކީއްވެކަން؟" ޒަގަން އެ ސުވާލު ކުރިއިރު ވެސް ކަސްދިޔާއަށް އެނގިއްޖެކަން ވަރަށް ބޮޑަށް ޔަގީންވެއެވެ.

"އެމީހުންގެ ތެރެއިންނޫން ކޮންމެ ތަނަކުން އަންހެނެއް ޒަގަން ޚިޔާރުކުރި ނަމަވެސް މަންމަ ހުރަހައެއްނާޅާނަން، އެކަމަކު ޒަގަންއަށް އެ އަންހެންކުއްޖާ ވަރަށް ބޮޑަށް ކަމުހިނގައްޖެކަން... މިވަގުތު އަހަރެންނަށް އެކަން މުހިންމެއްނޫން، ތި ދަނީ އެ އަންހެންކުއްޖާ ހޯދުމަށް ރައުލްއާ ކުރިމަތިލާކަންނު، އޭނާ އުފަންވީސުރެން އަހަރެންގެ ހަމަޖެހުން ނަގާލައިފި، އަހަރެންގެ ދަރީންގެ މިނިވަންކަން ނަގާލައިފި، ޒަގަން، އޭނާއަށް އެންމެ ތަންފުކެއް ވެސް ދޫނުދޭތި، އޭނާގެ މައްޗަށް ކަލޭ ކުރި ހޯދަން ޖެހޭނެ، އަހަރެންނަށް ޓަކައި ވިޔަސް ކަލޭ ޖެހޭނީ އޭނާގެ މައްޗަށް ގަދަވާން، އޭނާގެ ބޯ ކަނދުރާއާ ވަކިކޮށް އަހަރެންނާ ހަމައަށް ގެނެސްދީ... އޭނާ ނެތިގެން ހިނގައްޖެކަން ޔަގީންކުރަން ވެގެން، އޭނާގެ ނުބައިކަމުން ކަލޭގެ ކޮއްކޮ ސަލާމަތްކުރާތި، އަހަރެންގެ ކުޑަދިރުފުޅު އަހަރެންނާ ހަމައަށް ގެނެސްދީ... އެކަން ވެސް ވާން އޮތީ ރައުލް ބަލިކޮށްލެވިގެން، އޭނާ ނެތިއްޖެނަމަ އެ އެންމެންގެ ބާރު އެހިސާބުން ކެނޑޭނެ... ކަލެއަށް ވާނެތަ؟" ޒަގަންގެ ދެއަތުގެ މުލައްދަނޑީގައި ހިފައި ކުރިމަތިވާނޭހެން އަނބުރާލައި ކަސްދިޔާއާ ހަތަރުކަޅި ހަމަކުރުވިއެވެ. ކަސްދިޔާއަށް ބަލަން ހުރެ ޒަގަން ޖަވާބެއްގެ ގޮތުން ބޯޖަހާލީއެވެ. އެހިނދު ކަސްދިޔާގެ ވައަތްތިލަ ކުރިއަށް ނެރި ޒަގަންގެ ކަނާއަތްތިލަ ނަގުވައި އަތާއަތް ޖެއްސުވިއެވެ. ކަސްދިޔާ ބުނިފަދައިން ޒަގަން ކަންތައް ކުރުމަށް ޓަކައި އޭނާ ލައްވާ ކުރުވި ވަޢުދެއް ފަދައިންނެވެ.

ޒަގަން އެނބުރި ހަނގުރާވެރީންގެ ގާތަށް ދިޔައެވެ. ކަސްދިޔާގެ މުޅި ނަފްސު ރުޅީގެ އަލިފާނުން އަނދަމުން ދިޔަ ނަމަވެސް އޭނާގެ މައިވަންތަކަމުގެ ޖަޒުބާތުތައް ރުޅީގެ ހޫނުކަމުން އެއްކިބާވެފައި ވެއެވެ. ޒަގަންގެ ފުރާނައާ މެދު ހިސާބަކަށް ހިތުގައި ޖެހިލުންވުން އުފެދިފައި ވިއެވެ. ނަމަވެސް އެ ޚިޔާލުތަކުގެ މައްޗަށް އޭނާ ހިތްވަރުގެ ޖަޒުބާތްތައް އިސްކުރަން މަސައްކަތް ކުރިއެވެ.

* * * * *

މެންދުރުގެ ވަގުތެވެ. ނަމަވެސް ހެދިފައިވާ ބޮޑެތި ގަސްތައް އިރާ ދިމާއަށް ދެމިލައި ފެތުރިލައިފައި ތިބިގޮތުން ބިމަށް ވަނީ ކޮކާއަވި އެޅިފައެވެ. ރޭގަނޑަށް އަޑެއް ބަޑެއް ނީވުނެއްކަމަކު ދުވާލުގެ އަލިކަމުގައި މުޅި މާޙައުލަށް ދިރުން އައިސްފައިވާ ކަހަލައެވެ. ދުރުންނާއި ގާތުން ދޭތެރެއަކުން ދޫންޏެއް ގޮވާލާ އަޑު އިވިދެއެވެ. މަޑު ހިނގުމުގައި އައި އީޝަލް އައިސް މަޑުކޮށްލީ ދިގުކޮށް ހެދިފައި ހުރި ބިޔަ ގަހެއްގެ ކައިރީއެވެ. އެއީ ޒަމާންތަކެއް ވެފައިވާ ގަހެއްކަން ބަލާލުމުން ވެސް އީޝަލްއަށް އެނގެއެވެ. ގަހުގެ ބުޑުގައި އެކި ކަހަލަ ކުޑި ގަސްތައް ހެދި ފެހިގަނޑު ގަނޑު ޖަހާފައި ހުއްޓެވެ. ގަހުގެ ބޮޑުކަމުން ވަށައި އަތްގުޅި ނުކާނޭކަން އީޝަލްއަށް އެނގެއެވެ. އެހެން ހުއްޓާ އެ ގަހުގެ ފަހަތުގައިވާ ޖަންގަލީގެ ތެރޭގައި ނޫދަނބު ކުލައެއްގެ ކުދިކުދި މޭވާތަކެއް އަޅާފައި ހުރި ގަސްތަކެއް ފެނި އެއީ ކޯއްޗެއްތޯ ބެލުމަށް އީޝަލް ވަދެގެން އައެވެ. އެތެރެއަށް ވަދެވޭ ވަރަކަށް އަނދިރިކަން ގަދަވާނޭކަމަށް ހީކުރެވުނަސް ވަކި ހިސާބަކުން އީޝަލްއަށް ފެނުނީ ބޮޑު ގަހެއްނެތި ކުދި ގަސްތަކުން ފުރިފައި އޮތް މައިދާނެކެވެ. ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނީ އެފަދަ ހިތްގައިމު މަންޒަރެއް ފެނިދާނޭކަން ހީނުކެރި ހުއްޓާ އީޝަލްއަށް ފެނުނީމައެވެ. ގަސްތަކުގެ ތެރެއަށް ވަދެ ގަހުގެ ފަތްތަކުން ވަސްބަލައި އޭގައި އަޅާފައި ހުރި ކުޑި މޭވާތަކުގެ ތެރެއިން ނޫދަނބުކުލަ އަރާފައި ހުރި މޭވާއެއް ގަހާއި ވަކިކޮށްލައި އެއިން ވެސް އީޝަލް ވަސްބެލިއެވެ. އަދި އިނގިލިތަކުން އެއަށް ފިތާ ޗިސްކޮށްލުމާއެކު އޭގެ ތެރޭގައި ހުރި ދިޔަތައް ނުކުތެވެ. އެއިން ވެސް އީޝަލް ވަސްބެލިއެވެ. މަޑުމަޑުން ދުލުކުރީގައި އޭ ދިޔަ ޖައްސާލިއެވެ. ދެންފެނުނީ އަނެއްކާ ވެސް އީޝަލް ހިނިތުންވެލި ތަނެވެ. އަތުގައި އޮތް މޭވާ އަނގަޔަށް އެނާ ލީއެވެ. އޭގެ ތެރޭގައިވާ އޮށާއެކު ހަފާލައިގެން ކާލައިފިއެވެ. އެ ހުރީ "ޖޫންބެރީސް" ހެންނެވެ.

ފޭލިގެއިން ރައުލް ނުކުތްއިރު އެކަކު ވެސް ފެންނަންނެތުމުން ހިނގައިގަތީ ފެންގަނޑާ ދިމާއަށެވެ. އެތަނުން އޭނާއާ ބައްދަލުވީ ރާވިންއާއި ޔާފިއާއާއެވެ. އެމީހުންގެ ކައިރީ ފޭލިގެއަށް ގެނެވިފައި ހުރި މޭވާތައް ހުއްޓެވެ. އީޝަލް ދުށީންތޯ ރައުލް އެއްސެވެ. އެއާއެކު ޔާފިއާ އިޝާރާތްކުރީ އީޝަލް ދިޔަ ދިމާއަށެވެ.

"އެތާ އެ ހުރި ބޮޑު ގަހާ ދިމާއަށް ދިޔައީ، ހީވަނީ ހިނގާލަން ނުކުތީހެން" ޔާފިއާ ބުންޏެވެ.

ރައުލް އަވަސް އަވަހަށް އެ ބުނި ގަހަކާ ދިމާއަށް އައެވެ. އެ ތަނުގައި އީޝަލް ފެންނަން ނެތުމުން ގޮވާލިއެވެ. ގަސްތަކުގެ ތެރެއަށް ވަދެގެން ދިޔައީބާއޭ ރައުލްގެ ހިތަށް އެރިއެވެ. އެހެންވެ އޭނާ ވެސް އެ ދިމާއަށް ވަނެވެ. ވަކި ހިސާބަކަށް އާދެވުނު ތަނާ އިރުގެ އަލިކަން އެޅިފައިވާ ފަދަ އަލިކަމެއް ފެންނަން ފެށިއެވެ. ހަމައެއާއެކު އީޝަލްގެ ހުނުމުގެ އަޑު ވެސް އިވިއްޖެއެވެ. އެ ދިމާއަށް ރައުލް އައީ ހަލުވި ކަމާއެކުއެވެ. ހާސްވެފައި އީޝަލްއަށް ގޮވާލިއެވެ.

"ރައުލް" އީޝަލްގެ އަޑު އިވުނެވެ. އެ އަޑަށް ސަމާލުވެ ކުރިއަށް އައި ރައުލްއަށް ފެނުނީ ބޮޑު ހިލައެއްގެ މަތީ އީޝަލް އިށީނދެ އިންތަނެވެ. އޭނާ ކޮންމެވެސް މީހަކާ ހީނހީނފައި ވާހަކަދައްކަނީއެވެ.

"އީޝަލް..." އީޝަލްގެ ފަހަތުން އައިސް ގާތް ވެލިތަނާހެން އަލިކޮޅެއް ނިވިދިއްލުނުހެން ރައުލްއަށް ހީވިއެވެ.

"މީ އަހަރެންގެ ފިރިމީހާ" ނިކަން ބޮޑަށް ހިނިތުންވެލައިގެން އިނދެ ބުންޏެވެ. އަދި ރައުލްގެ އަތުގައި ހިފާލައި ގާތްވެލިއެވެ.

"ކާކު މިތަނުގައި ހުރީ" ރައުލް ސުވާލުކުރިއެވެ.

"އެއީ ޠަލަބް، ދެން ހުރީ އޭނާގެ އަންހެން ކޮއްކޮ، ސިއްތާ... މީ އެ މީހުންގެ ގަސްތަކެއް" އީޝަލް ބުނެލިއެވެ. ރައުލްއަށް އޮޅުންފިލުވައި ދިނުމުގެ ގޮތުންނެވެ.

"ކޮބާ އެ މީހުން" ރައުލް އެއްސެވެ.

"އެހެރަ ގަލުގެ ފަހަތުގައި އެ ތިބީ" އީޝަލް ބުންޏެވެ. އަދި އެ މީހުންގެ ގާތުގައި ނުކުތުމަށް އެދުނެވެ. ވަގުތުކޮޅެއް ފަހުން ދެ އަލިކޮޅު ފާޅުވިއެވެ. އެ އީޝަލް އިން ދިމާއަށް އައެވެ. ދެން ފެނުނީ އެ ދެ އަލިކޮޅުގައި ސިފަ ޖެހުނު ތަނެވެ. އިސްކޮޅުން ކުރުކަމުން އެ މީހުންގެ ހުންނާނި ތިން އިންޗިވަރެވެ. ވަށްކޮށް ހުރި ބޮޑު ދެ ލޯ ލާފައި ދެ ކަންފަތުގެ ބަދަލުގައި ދެ ލޯ ވަޅު ހުއްޓެވެ. އެނޫން ޢައިބެއް ނެތެވެ.

"އަހަރެންނަށް ނޭނގި ޠާލަބްގެ ގަސްތަކުން މޭވާ ނެނގުނީ" އީޝަލް ބުނެލިއެވެ. އެއާއެކު ޠަލަބް ރަކި ހިނިތުންވުމަކާއެކު އީޝަލްއަށް ބަލާލައި ދެފަރާތަށް އެނބުރިލިއެވެ.

"އެއީ މައްސަލައެއްނޫން، ތީ ރާނީއެއް ދޯ... އަހަރެން ދުށިން މިތާ ބޭރުގައި ޖިންނީންގެ ތެރެއިންވާ ބޮޑެތި ބަޔަކު ތިބިތަން، އެ މީހުންގެ ބުރަކަށީގައި ބިޔަ ވަރަތަކެއްވޭ، އެއީ ކަމަނާ ރައްކާތެރިކުރަން އައިސްތިބި ޚާދިމުންތަ؟" ސިއްތާގެ އަޑުގައި ހާސްކަންވިއެވެ. އީޝަލް ލުއިގޮތަކަށް ހީނލާފައި ދެ ފަރާތަށް ބޯހޫރާލީއެވެ.

"ތިބުނާފަދަ ޚާއްޞަކަމެއް އަހަރެންގެ ނުވޭ، އެއީ އަހަރެންގެ ކާފައަށް ޚިދުމަތްކޮށްދޭ ބައެއް، ކަލޭމެންގެ މައްޗަށް ގެއްލުމެއްނެތް، އަހަރެމެން މިތަނުގައި ދުވަސްކޮޅަކު މަޑުކޮށްލަން އައިސް މިތިބީ، ތިޔަ އެކުވެރިންނާ ބައްދަލުވީމަ އުފާވެއްޖެ، އަހަރެމެންގެ ފޭލިގެ މި ގަސްތަކުގެ ތެރެއިން ނުކުމެ ފަރުބަދައިން އޮހޭ ފެންއާރާ ދިމާއަށް ދާއިރު ހުންނާނެ" އީޝަލް ބުންޏެވެ.

"އަހަރެމެން... އަހަރެމެންގެ އެކުވެރިއެއް..." ސިއްތާގެ ގާތުގައި ހުރި ޠަލަބްއަށް އޭނާ ބަލާލީ ތަފާތު އުފާވެރިކަމެއް ލިބިފައި ހުރިހެންނެވެ.

"އާން! މިހާރު ދެން އެކުވެރިވެވުނީނު، އެ ގަސްތަކުން މޭވާ ބިނީ އޭގެ ވެރިއަކު ހުރެދާނޭކަން ނޭނގި... އޭގެ ބަދަލުގައި އަހަރެމެންގެ އަތުގައި ހުރި މޭވާތަކުން ޠަލަބްއާއި ސިއްތާއަށް ކަމުދާ ވައްތަރެއް ގެންދަންވީ، ދެން ބުނެބަލަ!... ކީއްވެތަ ކަލޭމެން ދެ މީހުން އެކަނި މިތަނުގައި އުޅެނީ" އީޝަލް އެއްސެވެ.

ޠަލަބް ހިސާބަކަށް ޖެހިލުންވީތަން ފެނުނެވެ. ނަމަވެސް އޭނާގެ ގާތުގައި ހުރި ސިއްތާ އިޝާރާތްކޮށްލީ ބުނާށޭ ބުނާ ފަދައިންނެވެ. އެއާއެކު ޠަލަބްގެ ވާހަކަތައް ކިޔައިދިނެވެ. އެ މީހުންނަށް ލިބިފައިވާ ބާރަކީ އައްޔަށްވުރެ ވެސް ބާރަށް ދަތުރުކުރުމުގެ ބާރުކަމެވެ. ކުޑަކޮށް ތިއްބަސް އެ މީހުންނަކީ ބާރުގަދަ ހަލުވި ބައެއްކަމުގައި ބުންޏެވެ. ފެނާއި ބިމުގައި އެއްވެސް އުނދަގުލެއްނެތި އެމީހުން ދަތުރުކުރާ ކަމެވެ. ސިއްތާއާއި ޠަލަބްއަކީ ހަޤީޤަތުގައި ޢާއިލާ ގުޅުމެއް އޮތް ބައެއްނޫންކަމެވެ. ދެ މީހުންނަކީ "ދިނާރު" ކިޔާ އިފްރީތަކަށް މަސައްކަތްކޮށްދޭ ދެ އަޅުން ކަމުގައި ޠަލަބް ބުންޏެވެ. ސިއްތާގެ މަންމަ ނިޔާވުމުން އޭނާ ޠަލަބްއާއެކު އުޅެނީ ކަމުގައި ބުންޏެވެ. ދިނާރަށް ވުރެ ބާރުގަދަ ޖިންނިއަކު އޭނާގެ ފުރާނަ ދުއްވާލި ވަގުތު ސިއްތާ ގޮވައިގެން ޠަލަބް ފިލީކަމުގައި އޭނާ ބުންޏެވެ. މިހާރު އެ ތަނަކީ އެ މީހުންގެ ގެ ކަމެވެ. އެތަނަށް ޖިންނީން ނާންނަކަމަށް ބުނެލިއެވެ. އަޔަސް އަންނަނީ ދޮންދޫނިފަދަ ފިޔަތަކެއް ލާފައި ތިބޭ ނިކަން ދަޅައަޅައި ކުދިކުދި ޖިންނިތަކެއް ކަމުގައި ބުންޏެވެ. ހަނދުވަރީ ރޭރެއަށް އެބައިމީހުން އައިސް ފެންގަނޑު އުޅޭކަމަށް ވެއެވެ. އަލިގަދަކަމުން އެ މީހުންގެ ސިފަވަކިކުރަން އުނދަގޫކަމަށް ވެސް ޠަލަބް ބުންޏެވެ.

"އަހަރެންގެ އެކުވެރިކަން ޤަބޫލުކުރާނަންތަ؟" އީޝަލް ހިނިތުންވެލިއެވެ. އަދި އިންތަނުން ތެދުވެ އަތްތިލަ ކުރިއަށް ނެރިލައި ޠަލަބްއާއި ސިއްތާއަށް ވާހެން ދިއްކޮށްލައި ގުދުވެލިއެވެ. ޠަލަބް ވިސްނަން ހުއްޓާ ސިއްތާ އައި ދެއަތުން އީޝަލްގެ އަތުގެ ޝަހާދަތް އިނގިލީގައި ދެއަތުން ހިފާލައިފިއެވެ.

"އަހަރެމެންގެ ތެރެއަށް ހިނގައިދާނަންތަ؟ އަހަރެންގެ ޢާއިލާ ޠަލަބްއާއި ސިއްތާއަށް މަރުޚަބާ ކިޔާނެކަން ޔަގީން، އަހަރެމެންގެ ތެރޭގައި އެކި ނަސްލުތަކުގެ ޖިންނިތައްވޭ... އަޅުވެތިކުރުމެއް އަހަރެމެންގެ ތެރެއަކުނެތް، މީ ހަމައެކަނި ދިން ދަޢުވަތެއް، މަޖުބޫރުކަމެއްނެތް... މިވަގުތު އަހަރެމެން ދެން ގޮސްލީ" އީޝަލް ބޯއަރިކޮށްލައި ނިކަން ބޮޑަށް ހިނިތުންވެލިއެވެ. އަދި ހިންދެމިލައި ރައުލްގެ އަތުގައި ހިފާލިއެވެ.

ފޭލިގެތައް ކައިރިއަށް އާދެވުމުން އީޝަލްގެ އުނަގަނޑުގައި ހިފައި ގެނެސް ރައުލްއާ ގާތް ކޮށްލިއެވެ. އަދި ޠަލަބްއާއި ސިއްތާއާ ބެހޭ ގޮތުން ސުވާލުކުރިއެވެ.

"އެ މީހުންގެ ފުށުން ނުރައްކަލެއްނެތް، އެމީހުން އަހަރެމެންގެ ފޭލިގަތާ ހަމައަށް އައިނަމަ އަހަރެންނަށް އެނގުނީސް... މި ނޫނީ އަހަރެން އެފަދަ ބަޔަކު ނުދެކެން، އަހަރެން ފެނުމުން އެމީހުން ފުރަތަމަ އުޅުނީ ބިރުން، ސިއްތާއަށްވުރެ ޠަލަބް މާ ލަދުވެތި، އެހެންވިޔަސް އޭނާ ސިއްތާއަށް ކަމެއްވެދާނޭތީ އޭނާ ރައްކާތެރިކުރަން އުޅުނުގޮތް އަހަރެން ދުށީން، އެމީހުންނަކީ އަޅުންނަށް ވެދާނޭ އަހަރެން ހިޔެއްނުކުރަން... ކީއްވެތަ އެފަދަ އަނިޔާވެރި ޢަމަލު ހިންގަނީ، ބިރުވެރިކަމުގައި ކިހާ އެކަނިވެރި ދިރިއުޅުމެއް އެ މީހުން އެ އުޅެނީ" އީޝަލްގެ ހަނދާނަށް އައީ ލުގަލްބަންދާއެވެ. އެ ދެމީހުން ފުރަތަމަ ބައްދަލުވިއިރު ލުގަލްބަންދާގެ ހާލެވެ.

"އީޝަލްއަށް ލިބިފައިވާ ފަދަ ބޮޑު ތަނަވަސް ހިތެއް އެހެން ޖިންނީންނަށް ލިބިފައިނެތީމަ" ރައުލް ހިނިތުންވެލިއެވެ. އަދި އީޝަލްގެ ކޯތާފަތުގައި ފިރުމާލައި ނިތްކުރީގައި ބޮސްދިނެވެ.

* * * * *

ހުރިހާ ވާހަކައެއް އަޑުއަހަން އިން މީކާޢިލްގެ ލޮލުން ކަރުނައެވެ. މިޝަލްގެ ވަކިވެދިއުން ހަނދާނަށް އައީއެވެ. ޒަލަފްގެ އިޙްސާސްތައް ދާދި ފަސޭހައިން މީކާޢިލްއަށް އެނގުނީ އެހެންވެއެވެ.

"އަހަރެން ފަހުފަހަރަށް އޭނާ ދުށުމަށް ދިޔައީ، އޭރު އޭނާ އެ އިންސިއާ ކައިވެނިކޮށް ފިރިހެން ދަރިއަކު ވެސް ހުރި، އޭނާ އަހަރެންގެ މަތިން ހަނދާންކުރާކަން އެނގޭ، އެކަމަކު އޭނާގެ އެ ހަމަޖެހޭ ދިރިއުޅުން އޭނާއަށް ރަނގަޅުވާނޭކަން އަހަރެންނަށް އެނގޭތީ އަލުން އެފަދަ ބޮޑު ތަކުލީފެއް ޔަލާއަށް ދޭން ބޭނުންނުވީ، އެނގޭތަ!... އޭނާގެ ދަރިފުޅަށް ކީ ޒަލަފް، އެއީ އަހަރެންގެ ނަންކަން އެނގިހުރެ އޭނާ އެ ދަރިފުޅަށް އެ ނަން ދިނީ، އެހެންވެ އެނގެނީ އޭނާގެ ހަނދާނުން އަހަރެންގެ ސޫރަ ނުފިލާނޭކަން، އެކަމަކު މިހާރު އަހަރެންމީ ޔަލާ ދުށް ޒަލަފްއެއްނޫން، އަހަރެން އުފަންވީ އަހަރެންނާ އެއް ރަހިމެއްގައި އޮތް ކޮއްކޮގެ ސިފަ ޚިޔާރުކޮށްގެން، އެ ސިފަ އަހަރެން ދޫކޮށްލައިފިން... އެކަމަކު އަހަރެންގެ ހަޤީޤީ ސިފަ ޖެހިގެން ހުރުން އުނދަގޫކަމަށްވާތީ، އެހެންވެ އިންސިއެއްގެ ސިފައިގައި އަހަރެން މިހުންނަނީ، އެހެންވެ އަހަރެން ބުނީ މިގޮތަށް އަހަރެން އާދަވެއްޖޭ" ޒަލަފް ބުންޏެވެ. މީކާޢިލް މަޑުމަޑުން ބޯޖަހާލީއެވެ.

"އަހަރެން ވެސް މިޝަލްދެކެ ވަރަށް ލޯބިވޭ، ވަކިވެގެން އެދިޔައީ މާ އަވަހަށް، އޭނާގެ ހަނދާންތައް ގުޅިފައިވާ ހަމައެކަނި ހަދިޔާއަކީ އީޝަލް، އަހަރެން އެ ދަރިފުޅާމެދު އެހާ ކަންބޮޑުވެ ހާސްވަނީ އެހެންވެ، މިޝަލްގެ ހުރިހާ ހަނދާނެއް ފުހެވިގެން ހިނގައިދާނޭ ހިވާތީ، ޒަލަފް!... އަހަރެންގެ ދަރިފުޅުގެ މައްޗަށް ބޮޑު މުސީބާތެއް ބޯމަތިވެއްޖެ" މީކާޢިލް ބުންޏެވެ. ޒަލަފްގެ ކުރިމަތީ މީކާޢިލްގެ ހިތާއި ސިކުނޑި ހުޅުވާލުން އޭނާއަށް ފަސޭހަވިއެވެ.

"އެނގޭ... ޒިޔަޒެލް ކިޔާދިނީ... އަހަރެން ކަލެއަށް އެހީވާން ބޭނުން، ކުރިމަތިލުމަކާ ހަމައަށް ދާންޖެހިއްޖެނަމަ ކަލެއާއެކު އަހަރެން ހުންނާނަން ކަމުގެ ޔަގީންކަން ދެން، ކައިވެނީގެ ޙަފުލާގައި ބައިވެރިވުމަށް އެއައި ދިޔޯތައް ފަދަ ބަޔަކާ އަހަރެން ކުރީން ވެސް ކުރިމަތިލިން، ހަނގުރާމައިގެ އުކުޅުތަކެއް އަހަރެންނަކަށް ނޭނގޭ، އަހަރެން ހަމަލާ ދިނީ އަހަރެންގެ ދެއަތުން، އޭގެ ފަހުން ޤުރުއާނުގެ އެހީގައި ދުޝްމަނުން ބަލިކުރަން ދަސްކޮށްދިނީ އަބްދުﷲ އާއި އިމްރާނު... އަހަރެން ދުށްފަދަ މަންޒަރަކަށް މި ކުރިމަތިލުން ނުވެއްޖެއްޔާ ރަނގަޅު" ޒަލަފް ބުންޏެވެ.

"އީޝަލްމެން ގެންނަން އަހަރެން ބޭނުންވަނީ، އަހަރެންނަށް ފެންނަ ހިސާބުގައި އެކުއްޖާ ހުންނަން އެދެވެނީ، ދުރުގައި ހުއްޓާ ކަމެއްވެއްޖެނަމަ އަހަރެން ކިހިނެއް ހަދާނީ" މީކާޢިލް ބުންޏެވެ. (ނުނިމޭ)