ހަބަރު

ލަންކާ ރެޒިޑެންސް ވިސާ ގައުމުގައި ތިބެގެން ނަގަން އަންގައިފި

May 7, 2019
1

އެހެން ގައުމުތަކުގެ މީހުން ސްރީލަންކާގައި ތިބެން ބޭނުންވާ ރެޒިޑެންސް ވިސާ އެ ބައެއްގެ ގައުމުގައި ތިބެގެން ނަގަންޖެހޭ ގޮތަށް ލަންކާ ސަރުކާރުން އުސޫލަށް ބަދަލުގެނެސްފި އެވެ.

ލަންކާ ސަރުކާރުން މި ގޮތަށް ނިންމީ އެ ގައުމުގައި ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން އުފެދިފައިވާ ހާލަތަށް ބަލައިގެން އަޅާ ފިޔަވަޅެއްގެ ގޮތުގަ އެވެ

ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މިއުވާން މުހައްމަދު މިރޭ ވިދާޅުވީ މި ބަދަލު ލަންކާއިން ގެނައުމުން މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ސްރީލަންކާއިން އަމަލު ކުރާނީ އެ އުސޫލަށް ކަމަށާއި ލަންކާއިން ރެސިޑެންސް ވިސާ ބޭނުންވާ ފަރާތްތައް ދެން ވިސާއަށް އެދެން ޖެހޭނީ ރާއްޖޭގައި ހުންނަ ލަންކާ އެމްބަސީގައި ކަމަށެވެ.

އެހެން ނަމަވެސް ލަންކާގައި މިވަގުުތު ރެޒިޑެންސް ވިސާގައި ތިބި މީހުން އެ އުސޫލަށް އަމަލު ކުރާކަށް ނުޖެހޭނެ އެވެ. އަދި ވިސާގެ މުއްދަތު ހަމަވާ ފަރާތްތަކުން ލަންކާގައި ތިބެ ވިސާގެ މުއްދަތު އާ ކުރެވޭނެ އެވެ. ލަންކާގައި ރާއްޖޭގެ 15،000 އަށް ވުރެ ގިނަ މީހުން އުޅޭ އިރު ކޮންމެ އަހަރަކުވެސް ލަންކާއަށް ގިނަ ބަޔަކު ދިރިއުޅުން ބަދަލު ކުރެ އެވެ.

މި ބަދަލު ގެނައި އިރު ރާއްޖެގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިރޭ ވަނީ ލަންކާއަށް ވަޑައިގެންފައެވެ. މާދަމާ މިނިސްޓަރު ޝާހިދު އެގައުމުގެ ބޮޑު ވަޒީރާ ބައްދަލު ކުރައްވާނެ އެވެ.