(6 މެއި 2019 އާ ގުޅޭ)
"އެހަށް މަޑުކުރޭ، އަހަރެންގެ ވާހަކަ ނިމެންދެން އަޑުއަހާ........އަހަންނަށް ހުރިހާ ވާހަކައެއް ކިޔާދިނީ މަންކޮ، އަހަރެން ތިދެމީހުންގެ ގުޅުމާއިމެދު ސުވާލު ކުރުމުން މަންހާ ބުނީ ތިދެމެދުގައި ލޯބީގެ އެއްވެސް ގުޅުމެއްނެތްކަމުގަ، އެކަމަކު............އަހަންނަށް އެނގޭ އެއީ މުޅިން ތެދެއްނޫންކަން، އަޅެ ބުނެބަލަ، ވިޝާލް މަންކޮދެކެ ލޯތްބެއް ނުވޭތަ؟" ޝަރަފް ކުރި ސުވާލުން ވިޝާލް ހާސްވިއެވެ. އެސުވާލުގެ ޖަވާބު އެނގޭއިރުވެސް ޖަވާބުދޭންވީ ގޮތެއް ނޭގުނެވެ.
"ވީ އަރ ޖަސްޓް ފްރެންޑްސް" ވިޝާލް އަތުގައި އޮތް ކުޝަންގައި ބާރަށް ހިފަހައްޓާލައިގެން ހުރެ ބުނެލިއެވެ.
"އަމިއްލަ ނަފްސަށްވެސް ދޮގުހަދަނީތަ؟ އަހަންނަށް އެނގޭ ވިޝާލް އަހަރެންގެ ކޮއްކޮދެކެ ލޯބިވާކަން، އެކަމަކު އޭނަ ވިޝާލްދެކެ ކުޑަކޮށްވެސް ލޯތްބެއްނުވޭ.........އެއީ މޮޔަ އަންހެންކުއްޖެއް..........އޭނަ އެއުޅެނީ ދެއަންބަށް ކައިވެންޏެއް ކުރަން..........." ޝަރަފްގެ އެންމެ ފަހު ޖުމްލަ އަޑުއިވުމާއިއެކު ވިޝާލްގެ ދެލޯ ބޮޑުވެގެންދިޔައެވެ.
"ވަޓް...............ކީކޭ.........ދެއަންބަށޭ..............." ވިޝާލް ޝަރަފްގެ ކުރިމައްޗަށް ހުއްޓެވުނެވެ.
"އާން...........އޭނަ އުޅެނީ ދެއަންބަށް ކައިވެންޏެއްކުރަން، އޭނަ އެންމެ ލޯބިވާ މީހާއަކީ ދާއިން، އެކަމަކު އަހަރެން ދެކޭގޮތުގަ އެއީ މޮޔަ ހިޔާލެއް، އަހަރެން ހިޔެއް ނުކުރަން އެދާއިން މަންހާގެ ކައިރިން ކައިވެންޏަށް އެދިފާނެ ކަމަކަށް، އަހަރެން އެއްގޮތަކަށްވެސް ގަބޫލެއް ނޫން އެދެމީހުން ގުޅޭކަށް، މަންހާ އޭނަ އާއި ބަލާފަ މާޅަވާނެ، އަހަރެން މިއައީ ވިޝާލް އާއި ޑީލްއެއް ހަދަން، ހީކުރަން ގަބޫލު ކުރާނެ ކަމަށް، ނޫންނަމަ މީ ނުދައްކާ ވާހަކައެއް" ޝަރަފް ބަލާލުމުންވެސް އޭނަގެ ވާހަކަތުގައިވި ސީރިއަސްކަން ދެނެގަންނަން އެނގޭހާވެއެވެ.
"ކޮންކަހަލަ ޑީލްއެއް، މަންހާއަށް ދެރައެއް ދޭކަށް އަހަންނަކަށް ނުކެރޭނެ..........." ވިޝާލްއަށް އަވަސް އަވަހަށް ބުނެލެވުނެވެ.
"މަންކޮއަށް ދެރައެއް ދޭކަށް ނޫނޭ، އަހަރެން އެންމެ ލޯބިވާ ކޮއްކޮއަށް އަހަރެން ދެރައެއް ދޭނެތަ، މިއުޅެނީ އޭނަ ކުރަން އެއުޅެނީ މޮޔަކަންތަކުން ސަލާމަތްކުރަންވެގެން، އަހަރެން ނޫނަސް ގޭ ހުރިހާ އެންމެންވެސް މިހާރު ހީކޮއްގެން އެއުޅެނީ ވިޝާލް އާއި މަންހާގެ މެދުގައި ލޯބީގެ ގުޅުމެއްވާކަމަށް، އަހަރެން މިއައީ އަހަރެންގެ ކޮއްކޮ އާއި ވިޝާލް ކައިވެނި ކުރާނަންތޯ އަހަން.........އަހަރެން ބޭނުންވަނީ ވިޝާލްގެ އާނބަސް، ދެން ކުރަންޖެހިއްޖެ ކަމެއްވެއްޖެއްޔާ އަހަރެން ކޮއްފާނަން...........ވިޝާލްދެކެ އޭނަ ލޯބިވާނެ، ކައިވެންޏަށްފަހު މިމާހައުލާ ދުރަށް އޭނަ ގެންދިއުމުން ވިޝާލްގެ ލޯބިން އޭނަގެ ހިތްއަތުލެވިދާނެ.............." ޝަރަފްގެ ވާހަކައިން ވިޝާލްގެ ނިވެމުންދިޔަ ހުޅުކޮޅު އަލުން ރޯވެ ގަދައަށްއަނދަންފެށިކަހަލައެވެ. އެހެންނަމަވެސް އެއީ އެންމެ ރަނގަޅު ނިންމުންބާއޭ ވިޝާލްގެ ހިތްބުނަމުންދިޔައެވެ. އަނެއްކޮޅުން ހުދު ވިޝާލްވެސް މަންހާ މީހެއްގެ ދެވަނަ އަނބީގެ މަގާމުގައި އިންނަތަން ދެކޭކަށް ބޭނުމެއްނޫނެވެ.
"މަންހާ ގަބޫލެއް ނުވާނެ" ވިޝާލްއަށް ބުނެވުނެވެ.
"ވިޝާލް ބޭނުންތޯ މި އަހަނީ، މަންހާއަށް މިހާރު ނުވިސްނޭނެ ރަނގަޅު އެއްގޮތްވެސް، އަހަރުމެން އޭނައަށް ރަނގަޅު މަގުދެއްކުމުގެ ބަދަލުގައި އެމަގުން ދާންޖެހޭނީ، ވިޝާލް މަންހާ އާއި ކައިވެނި ކުރާނަންތަ؟ އޭނަދެކެ އަބަދުވެސް ލޯބިވާނަންތަ؟" ޝަރަފް އަހާލިއެވެ.
"ހޫމް.........." ވިޝާލް ބޯޖަހާލަމުން ބުނެލިއެވެ.
"އޯ.........ތޭންކްސް ބްރޯ.........އަހަރެން މަންމަމެންނަށް މަންހާގެ ކައިވެނި ކުރުމަށް ވާހަކަ ދައްކާނަން" ޝަރަފް ހިނިއައިސްފައި ވިޝާލްގެ ކޮނޑުގައި ޖަހާލިއެވެ.
ބެލްކަނީގައި އަތްއަޅުވާލައިގެން ދުރަށް ނަޒަރު ހުއްޓާލައިގެން މަންހާ ހުރިއިރު އޭނަގެ ކުރިމަތިން ފެންނަމުންދިޔަ މަންޒަރުތަކަށް އެއްވެސް ޝައުގުވެރިކަމެއްނެތެވެ. އެހެނީ ޝަރަފްގެ ވާހަކަތަކުން އޭނަގެ ސިކުނޑީގައި ނޭގޭ ބިރުވެރިކަމެއް އުފެދިގެންދިޔުމުގެ ސަބަބުންނެވެ. ޝަރަފް ދާއިން އާއިމެދު ހިތްހަމަނުޖެހެންވީ އެއްވެސް ސަބަބެއް މަންހާއަކަށް ފާހަގައެއް ނުކުރެވުނެވެ.
"މަންކޮ...........ކިހިނެތްވެފަ ތިހިރީ؟" ބެލްކަންޏަށް ނުކުމެލި ޝިމާދުއަށް މަންހާ ފެނުމުން އަހާލެވުނެވެ.
"ކަމެއްނުވޭ، މިތާ ހަމަ ހުރެލީ" މަންހާ ބުނެލިއެވެ.
"މަންކޮ މިއަދު އޮފީހަށް ނުދާ ވާހަކަ އަޑުއެހިން، އަނެއްކާ ކިހިނެތްވީ، ބަލީތަ؟" ޝިމާދު އަހާލިއެވެ.
"ނޫން، ތަންކޮޅެއް ބުރަވީމަ ޗުއްޓީއެއް ނެގީ، އެކަމަކު މާދަން އޮފީހަށް ނުކުންނަން........" މަންހާ ބުނެލިއެވެ. އެއަށްފަހު އެދެމެދަށް ވަރިވެގެންދިޔައީ ހަމަހިމޭންކަމަކެވެ. ޝިމާދުއަށްވެސް މަންހާއަށްވެސް އިތުރަށް ދައްކާނެ ވާހަކައެއް ނޭގުނެވެ. އެހެންތިބުންވީ މަންހާއަށް އުނދަގޫކުރިވިކަމަކަށެވެ. އެހެންވެ އޭނަ އެނބުރި އޭނަގެ ކޮޓަރިއަށް ދިޔައެވެ.
ފޯނު ހިފައިގެން އެނދުގައި އޮށޯވެލައިގެން މަންހާ އޮތެވެ. ނޭގޭ ފޫހިކަމެއް މަންހާގެ ނަފްސު ވަށާލަމުންދިޔައެވެ. އަނެއްކޮޅުން ދާއިންގެ އަޑު އަހާލަން ބޭނުންވެފައިވެއެވެ. ފޯނަށް ބެލެނީ ދާއިން ގުޅާނެއިރެއް މަންހާއަށް ނޭގޭތީއެވެ. އިޙްސާސްކުރެވެމުންދިޔަ ފޫހިކަމުގެ ހައްލެއްކަމުގައި ދާއިންގެ އަޑުވެސް ފުދެއެވެ. އެކަމަކު އޭނަ ގުޅުމުން ދައްކާނީ ކޮންވާހަކައެއް ބާއޭ މަންހާ ހިތަށް އަރަމުންދިޔައެވެ.
"ވިޝާލް.........." އަތުގައި އޮތް ފޯނު ރިންގުވުމާއިއެކު މަންހާއަށް ފެނުނީ ވިޝާލްގެ ނަން ސްކްރީނަށް އެރިތަނެވެ.
"ހެލޯ.........މަންހާ ބުނީމެއްނު ހަވީރު ދުއްވާލަން ދާން ގުޅާނަމޭ" މަންހާ ފޯނު ނެގުމާއިއެކު ވިޝާލް ހަނދާންކޮއްދިނެވެ.
"އޯ.......އަހަރެން ހަނދާންނެތުނީ........." މަންހާ ބުނެލިއެވެ.
"އަހަރެން މީނީ ކާރުގަ، މިދަނީ މަންހާ ބަލާ........ދޮރުކައިރިއަށް ނުކުމޭ" ވިޝާލް ބުނެލިއެވެ. މަންހާއަށް ވިޝާލްގެ އެދުމަށް ފުރަގަސްދޭކަށް ނުކެރުނެވެ. މެންދުރު ވިޝާލްއަށް ކާންނުދީ ފޮނުވާލަން ޖެހުނީތީވެސް އޭނަ ވަރަށް ދެރަވިއެވެ. މަންހާ ވިޝާލް އަންނަން ވާއިރަށް ކުޑަގޮތެއް ހަދާލައިގެން ބޭރު ދޮރާށި ދޮށަށް ނުކުތެވެ. މަގުމަތީ ހިނގާމީހުންނަށްވުރެ ދުއްވާ އެއްޗެހި ގިނަކަން މަންހާއަށް ފާހަގަކުރެވުނެވެ.
ދުއްވަމުންދިޔަ ކާރުގެ ތެރޭގައި އިން މަންހާ ބަސްމަދުވެފައި އިންކަން ވިޝާލްއަށްވެސް ފާހަގަކުރެވުނެވެ. އޭނަގެ ސިކުނޑިއަށް ކުއްލިއަކަށް އައީ ޝަރަފް އޭނަގެ ގާތުގައި ދެއްކި ވާހަކަތަކެވެ. އަނެއްކާ އެވާހަކަތައް މަންހާ އާއި ހަމައަށްވެސް ފޯރީބާއޭ ހިތާ ހާސްވިއެވެ. އޭނަގެ ހިތްއެކަމަކާއި އެއްބަސްނުވިއެއްކަމަކު ސިކުނޑި ބުނަމުންދަނީ އެއީ މައްސަލައެއް ނޫންކަމުގައެވެ. މަންހާގެ ހިތް ލޯބިން ފުރާލަދިނުމަށް އޭނައަށް އޮތް ހަމައެކަނި ރާސްތާއަކީ އެއީއެވެ. އެކަމަކު އޭނައަކީ އެހާ އަމިއްލަ އެދުން ބޮޑު މީހެއްބާއޭ އަމިއްލަ ޒަމީރާ ސުވާލުކޮއްލެވުނެވެ. ކާރުގައި އަމިއްލަ ހިޔާލުތަކުގެ ތެރެއަށް ގެއްލިފައިތިބި ވިޝާލް އާއި މަންހާ ސިހިގެންދިޔައީ މަންހާގެ ފޯނު ރިންގުވި އަޑަށެވެ. އެއާއިއެކު މަންހާގެ ތުންފަތުގައި ފަނޑު ހިނިތުންވުމެއް ދުވެލިއެވެ.
"ހެލޯ.........." މަންހާ ނޭވާ ހިފަހައްޓާލައިގެން އިންކަހަލަ ގޮތަކަށް ބުނެލިއެވެ.
"މަންހާ.......ކީއްކުރަނީ؟" ދާއިންގެ އެހިތްދަމައިގަންނަފަދަ ޖާދުވީ އަޑުން އަހާލިއެވެ.
"ކްލޯސް ފްރެންޑަކާއިއެކު ކާރު ދުއްވާލަނީ........އަދިވެސް އޮފީހުގަތަ" މަންހާ ވާހަކަދެއްކިއެވެ. ކާރު ދުއްވަމުންދިޔަ ވިޝާލްގެ ނަޒަރު ދުއްވަމުންދިޔަ މަގަށް ހުއްޓިފައިވިއެއްކަމަކު އޭނަގެ ކަންފަތްވަނީ މަންހާ ފޯނުން ދައްކަމުންދިޔަ ވާހަކައެއް އަޑުއެހުމަށްޓަކައި ސަމާލުވެފައެވެ.
"ނޫނޭ، މިނިކުތީ އޮފީހުން، ހިތަށް އެރީ މަންހާއަށް ގުޅާލަންވީއޭ، އޭނީވޭ، އަހަރެން ފަހުން އަނެއްކާވެސް ގުޅާލާނަން، އިންޖޮއީ..........." ދާއިން މާގިނަ ވާހަކައެއް ނުދައްކައެވެ.
"ބާއީ............" މަންހާ ފޯނު ބާއްވަމުން ބުނެލިއެވެ. އަދި ފޯނާ ދިމާލަށް ބަލަހައްޓައިގެން އިނެވެ. ދާއިން މާގިނަ ވާހަކަތަކެއް ނުދެއްކިކަމުގައިވިޔަސް އޭނަ ގުޅާލުމުންވެސް މަންހާ އިނީ ހިތްހަމަޖެހިފައެވެ.
"ވާހަކައެއް އަހަންތަ؟" ވިޝާލް މަންހާއަށް ބަލާލުމެއްނެތި އަހާލިއެވެ.
"ހޫމް..........." މަންހާ ވިޝާލްއަށް ބަލާލަމުން ހޫން ލައްވާލިއެވެ.
"މަންހާގެ ލައިފަށް ހާއްސަމީހަކު އައީތަ؟" ވިޝާލް އަހާލީ ވަރަށް ނޫންގޮތަކަށެވެ.
"ހޫމް، އަތުވެއްޖެ..........އަހަރެން ވިޝާލް ކައިރީ ނުބުނާކަށްނޫން، އަހަންނަށްވެސް ޔަގީން ނުކުރެވޭ އަހަރެންގެ ދިރިއުޅުމަށް އޭނަ އައިސްދާނެ ކަމަކަށް، އެކަމަކު އޭނަ އަހަރެންނާއި ގުޅެން ބޭނުން، އެކަމަށް އަހަރެން އިޖާބަވެސްދިނިން............އެއީ މިދުނިޔެމަތީހުރި އަހަރެން އެންމެ ލޯބިވާ މީހާކަމުގައި ވީތީ............" މަންހާ ލުއި ހިނިތުންވުމަކާއިއެކު ބުނެލިއެވެ.
"އެއީ ކާކުކަން ބުނެދީފާނަންތަ" ވިޝާލް ސުވާލުކޮއްލިއެވެ.
"އޭނައަށް ކިޔަނީ ދާއިން...........ހުރިހާ ވާހަކައެއް ކިޔާދިނުމުން ވިޝާލް އަހަރެންދެކެ ހިތްހަމަ ނުޖެހިދާނެތީ ކަންބޮޑުވޭ" މަންހާއަށް ފަސްޖެހެވުނެވެ.
"އެއީ ކީއްވެ؟ މަންހާ ތިކުރީ އެހާވެސް މޮޔަކަމެއްތަ؟" ވިޝާލް އަހާލިއެވެ. އަދި ކާރު ދަރުބާރުގޭ ބިއްދޮށުގައި ޕާކުކޮއްލަމުން މަންހާ އާއި ކުރިމަތިލިޔެވެ.
"ލޯބިވާ މީހާއާއި ގުޅެން ލިބުނު ފުރުޞަތު ގަބޫލުކުރުމަކީ މޮޔަކަމަށްވަންޏާ އަހަރެން ކުރީ މޮޔަކަމެއް" މަންހާ އިސްޖަހާލިއެވެ.
"ސީރިއަސްކޮށް އަހަންނަށް ކިޔާދީބަލަ، ދާއިންއަކީ ކާކުތަ؟" ވިޝާލް އޮޅުންފިލުވަން ބޭނުންވިއެވެ.
"އަހަރެންގެ ބޮސް އެއީ...........އަހަރެން ދާއިންދެކެ ލޯބިވީ އިއްޔެއަކު މިއަދަކުނޫން، މިލޯތްބަށް އެތަށް އަހަރެން ވޭތުވެގެން ހިނގައްޖެ..........ދާއިންއަށް އަހަރެން ލޯބިވާކަން އެނގުމުން އޭނަވެސް ބޭނުންވީ އަހަރެންނާ ގުޅެން، އޭނަ އާއި ކައިވެނި ކުރުމަށް އަހަރެންގެ ގާތުން އޭނަ އެދުނީ، އެއަށްވުރެ ބޮޑު އުފަލެއް އަހަންނަށް ލިބޭނެތަ؟" މަންހާ ދާއިންގެ ހުރިހާ ވާހަކައެއް ކިޔައެއްނުދިނެވެ.
"އަހަންނަށް އެނގެނީ ދާއިންއަކީ މަންހާ އާއި ބަލާފަ އުމުރުގެ ގޮތުން ދޮށީ މީހެއްކަން، މީހުން ކީކޭ ހީކުރާނީ، އަނެއްކާ މަންހާގެ މައިންބަފައިން އޭނަ އާއި ގަބޫލުވާނެތަ" ވިޝާލްއަށް ހަގީގަތް އެނގޭއިރުވެސް އެކަން ސިއްރުކުރަމުންދިޔައެވެ.
"ނޭގެ............ބޮޑަށް ހީވަނީ ގަބޫލުނުވާނެހެން، އެކަމަކު ދާއިންއަކީ ވަރަށް ހަރުދަނާ މީހެއް، އަހަރެން އޭނަ އާއިއެކު އުޅޭނީ ހުވަފެނުންވެސް ނުދެކޭހާ އުފަލުގަކަން އަހަންނަށް ޔަގީން............މަންމަމެން ކަންބޮޑުވާންޖެހޭނީ އަހަރެންނަށް ދެރައެއް ލިބޭނަމަތާ..........ދާއިންއަކީ ރިވެތި އަޙްލާގެއްގެ ވެރިއެއް، އެހެންމީހުންގެ ނިންމުމަށް އޭނަ އިޙްތިރާމް ކުރާނެކަން ޔަގީން................އޭނަ އެއުޅެނީ އަހަންނަށް ލަނޑެއްދޭކަށް ނޫން، އޭނަގެ އަންބަކަށް ވާނެދުވަހަކަށް މިހާރުންފެށިގެން އިންތިޒާރު ކުރެވެންފަށައިފި............އަހަރެން މަންމަމެންނަށް ވިސްނާދޭނަން............ދާއިން އާއި ދިމާވުމުން އެމީހުންނަށްވެސް އެނގޭނެ އޭނައަކީ ހާއްސަމީހެއްކަން........." މަންހާގެ ދުލުން ދާއިންއަށް ތަޢުރީފުކުރާއަޑު އެހުން ވިޝާލްއަށް ކެތްކުރެވޭވަރުގެ ކަމަކަށް ނުވިއެވެ.
އިތުރުސުވާލެއް ވިޝާލް ނުކުރިއެވެ. އޭނައަށް މަންހާ ދާއިންދެކެ ލޯބިވާވަރު އެނގުނެވެ. އަނެއްކޮޅުން ޝަރަފް ކުރަންއުޅޭ ކަންތައްތައްވެސް އޭނައަށް އެނގެއެވެ. މަންހާ ގާތު އެއިންއެއްވެސް ކަމެއްގެ ވާހަކަ ބުނާނެހާ ހިތްވަރު އޭނަގެ ނެތީކަމެއް ނޫނީ ބުނަން ބޭނުންނުވަނީކަމައް ހުދު އޭނައަށްވެސް ނޭގެއެވެ. ވިޝާލްގެ ދުލެއް ހަރަކާތެއް ނުކުރިއެވެ. ކަރުބުޑުން އެއްވެސް އަޑެއްނުނިކުތެވެ. މަންހާ ވިޝާލްގެ ޖަވާބަކަށް ބޭނުންވެފައި އިނެއްކަމަކު އިތުރަށް އެއްވެސް އެއްޗެއް އަހަން ނުކެރުނީ ދާއިންގެ ހަގީގަތާއި އޭނަގެ ހިތްއޮތްގޮތް ޝަރަފްއަށް އެނގުމުން އޭނަ ކަންތައްކުރިގޮތް އެނގިފައިވުމުންނެވެ.
އިރުއޮއްސުނުތަނާހެން ވިޝާލް މަންހާ އޭނަގެ ގެއަށް ގެނެސްދިނެވެ. އެކަމަކު އޭނަގެ ފަހަތުން އެގެއަށް ވަންނަކަހަލަ ހިޔާލެއް ވިޝާލް ނުކުރިއެވެ. މަންހާވެސް ވިޝާލް ގާތު އެގެއަށް ވަނުމަކަށް ނޭދެއެވެ. އޭނަ އެތެރެއަށް ވަދެގެން ދިޔައީއެވެ.
އެނދުގައި އިށީނދެލައިގެން ދަމާލެވިފައިވާ ފައިމަތީ ލެޕްޓޮޕް ބައިންދާލައިގެން ޝަރަފް އިންއިރު އޭނަގެ ކަންފަތުގައި ފޯނުޖައްސާލާފައިވެއެވެ. އޭނަ ފޯނުން ވާހަކަދައްކަމުންދިޔައީ ޖެނީއާއެވެ. ލޯބީގެ ބަގީޗާގައިވާ މާތަށް ފޮޅުވަމުންދިޔައެވެ. އެދެލޯބިވެރިންނަށްވަނީ ބަހާރު މޫސުންއައިސްފައެވެ. ނަމަވެސް އަދިވެސް އެދެމީހުންގެ ގުޅުންވަނީ ސިއްރުކުރެވިފައެވެ. ދޭތެރެއަކުން ޝަރަފްގެ ވަރުގަދަ ހިނިގަނޑުގެ އަޑު އެކޮޓަރީގައި ހަރުލައިގެންދެއެވެ. ލާނެތް ސަމާސާތައް ފޯނުންވެސް ކުރަމުންދިޔައެވެ. ޖެނީ ޝަރަފްއާއި ސުވާލުކުރީ ވިޝާލް އާއި ބައްދަލު ކުރުމަށްފަހު ދެއްކި ވާހަކަ އާއި ބެހޭގޮތުންނެވެ. ޝަރަފް ކުރުކޮއްލަމުން ވިޝާލް އާއި މަންހާގެ ކައިވެނީގެ ވާހަކަ އިއުލާންކޮއްލިއެވެ. އޭނަ މަންމަމެން ގާތު އެވާހަކަ ދައްކަން ނިންމާފައިވާ ކަމުގައި ބުންޏެވެ. ޖެނީގެ އަޑުން އޭނަ އެކަމާ ގަބޫލުވިވަރާއި އުފާވިވަރު އެނގުނެވެ.
ނިދަން އޮށޮންނަމުން ދާއިންއަށް ގުޅާލަން މަންހާ ހިތަށްއެރިއެވެ. އެކަމަކު އެހާ ހިތްވަރެއް ނުލިބުނެވެ. ފޯނުގައިވާ ދާއިންގެ ނަންބަރަށް ބަލާލާފަވެސް ބާލީސް ކައިރީ ފޯނު ބައްވާލަމުން އޮށޯތެވެ. މަންހާއަށް ނިދެމުން ދަނިކޮށް ފޯނަށް މެސެޖެއް އައިއަޑުއިވުނެވެ. އަވަސް އަވަހަށް އަރިއަކަށް އެނބުރިލަމުން ކައިރީގައި އޮތް ފޯނަށް ބަލާލިއެވެ. ދާއިންގެ މެސެޖެކެވެ.
"ގުޑްނައިޓް މަންހާ.......ސީ ޔޫ ޓުމޯރޯ........" ދާއިންގެ މެސެޖުކުރުވެފައި ބުނާއެއްޗެއް ސާފެވެ. އޮޅުވާލުމެއްނުވާކަން ޔަގީނެވެ. ދާއިން ލޯބި ނުވިޔަސް އެކަން އޭނަ ފޮރުވާކަށް ނޫޅެއެވެ. މަންހާ އެންމެ ހިތްހަމަޖެހުނީ އެކަމާއެވެ. ދާއިންގެ ތެދުވެރިކަމެވެ. އެއާއިއެކު ހިތުގެ އެންމެ ފުނަށްއަސަރު ކުރުވި ޖުމްލަކަމުގައި ދާއިން ދެވަނަ ކައިވެންޏެއް ކުރަން ބޭނުންވަނީ ހަމައެކަނި މަންހާ އާއިކަމުގައި ބުނި ބުނުމެވެ. މަންހާ ދެލޯމަރާލީ ދާއިންގެ މަތިން ހިޔާލުކުރަމުންނެވެ. ހުވަފެނުގަވެސް ދާއިންގެ މޫނު ފެނިލުމަށް ހިތްއެދޭވަރުންނެވެ.
ދުނިޔޭން ދުވަހެއް ހަޔާތުންވެސް ދުވަހެއް ވޭތުވަމުންދިޔައެވެ. އެހެންނަމަވެސް މަންހާއަށް ދުވަސްތައް ދާލެއް މާލަސްވާހެން އިޙްސާސްކުރެވެމުންދިޔައީ ދާއިންގެ ހަޔާތުގެ ބައިވެރިއަކަށް ވުމުގެ ފުރުޞަތު އޭނައަށް ލިބުނުފަހުންނެވެ. މަސްދުވަސް ހޭދަވެގެން ދިޔައިރު އޮފީހުގައި ދާއިން އާއިއެކު އުޅެން މަންހާއަށް ވަކި އުނދަގުލެއްނުވިއެވެ. ބައެއްފަހަރުތަކުގައި ދާއިން އޭނަގެ އަތުގައި ހިފާލާނެއެވެ. އެއަށްވުރެ ގާތެއް ދާއިން މަންހާ އަކާއި ނުވެއެވެ. އެދެމެދުގައި އަބަދުވެސް ދުރުމިނެއް ހުރެއެވެ. ވާހަކަދެއްކުމުގައިވެސް ލޯބީގެ އަސަރުތަކެއް ފާޅެއްނުވެއެވެ. އެހެންނަމަވެސް އެދެހިތުގައި އެކަކުއަނެކަކަށް ދެވިފައިވާ ގަދަރު ވަރަށްވެސް ބޮޑެވެ. އަދި އެދެހިތުގެ ގާތްކަން އިތުރުވަމުންދިޔައެވެ.
ވަސީމާއަށް މަންހާ އާއިލާ އާއި ދުރުވާކަންވަނީ ފާހަގަ ކުރެވިފައެވެ. ކޮންމެވެސް ކަމެއްވެއްޖެކަން ވަސީމާގެ ސިކުނޑި ވިސްނާދެމުންދިޔައެވެ. އެގޮތުން މަންހާ އާއި ވާހަކަދައްކާލާނެ ރަނގަޅު ފުރުޞަތަކަށް ވަސީމާ ދިޔައީ ބަލަމުންނެވެ. ވިޝާލް ގެއަށް އަންނަލެއްވެސް މަދުވުމާއިއެކު އެކަމާ ސުވާލުކޮއްލަންވެސް ވަސީމާ ހުރީ ބޭނުންވެފައެވެ. އޭނަ މަންހާގެ ކޮޓަރިއަށްވަނީ ފަތިސްނަމާދުކޮއްލައިގެންނެވެ. އޭރު މަންހާވެސް ފަތިސްނަމާދުން ފައިބައި މުއްސަލަ ނަގަނީއެވެ.
"ދަރިފުޅާ މަންމަ ވާހަކައެއް ދައްކާލަންކަމަށް؟" ވަސިމާ ބުނެލިއެވެ. އަދި މަންހާގެ އެނދުގައި ވަދެ އިށީނެވެ.
މަންހާ އޭނަގެ ކޮމްޕިއުޓަރ މޭޒުކައިރީ ހުރި ގޮނޑި ދަމާލަމުން އިށީނީ ވަސީމާ ދައްކަން އުޅޭ ވާހަކައެއް އަޑުއެހުމަށެވެ. އަނެއްކޮޅުން އޭނަވެސް ވަނީ މަންމަ އާއި ވާހަކަދައްކަން ބޭނުންވެފައެވެ. ދާއިންގެ ވާހަކައެވެ. ދާއިންވަނީ މަންހާގެ މައިންބަފައިންގެ ގާތު އޭނަގެ ވާހަކަ ބުނުމަށް އެދިފައެވެ. އަދި އޭނަ އާއި މަންހާގެ އާއިލާ އާއި ބައްދަލުވެވޭނޭ ގޮތެއް ހަމަޖައްސާދިނުމަށްވެސް އެދިފައެވެ. އެހެނީ ކައިވެންޏާއި ހަމައަށް ދެވެންއޮތީ ދެފަރާތުގެ އާއިލާއަށްވެސް އެނގިގެންކަމަށްވުމެވެ.
"މިފަހަކަށް އައިސް އަބަދުހެން ދަރިފުޅު ހުންނަނީ ކޮންމެވެސް ބޮޑު ފިކުރެއްގައި.......ނިކަން މަންމައާއި ހިއްސާކޮއްބަލަ، ދަރިފުޅު ކުޑަކުޑައިރުއްސުރެ ބަލާ ބޮޑުކުރީ މިމަންމައޭ، އެހެންވީމަ އެނގޭނެއެއްނު ދަރިފުޅަށް ކަމެއްވެފަ ހުރިއްޔާ............ކޮންކަމަކާތަ ތިހާ ހާސްވާންޖެހުނީ..........." ވަސީމާ ލޯތްބާއިއެކު އަހާލިއެވެ.
"މަންމާ...........ތިބުނުއްވީ ތެދެއް، އަޅުގަނޑުގެ ހުރިހާ ކަމެއް އެންމެ މޮޅަށް އެނގޭނެ މީހަކަށް ހުންނާނީ ހަމަތި މަންމަ............ދެރަވެ ޖެހިލުންވަނީ ބުނަންއުޅޭ ވާހަކައިގެ ގޮތުން މަންމަ ހިތްހަމަނުޖެހިލައްވަފާނެތީ.........."މަންހާ ދެއަތްތިލަ އެއްކޮއްލަމުން ބާރުކޮއްލެވުނެވެ. ވަސީމާ ގާތު ބުނަންވީބާއޭ އޭރުވެސް އޭނަގެ ހިތަށް އަރަމުންދިޔައެވެ.
"ދަރިފުޅު ކޮންމެ ވާހަކައެއް ދެއްކިޔަސް މަންމަ އަޑުއަހާނަން، މަންމައަށް ޔަގީންވޭ ދަރިފުޅު ގޯސްމަގަކުން ނުދާނެކަން..........ދަރިފުޅާއިމެދު މަންމަ ފަޙުރުވެރިވަން...........އާއިލާގައި ހުރި ހަމައެކަނި އަންހެންކުއްޖާކަމަށް ދަރިފުޅު ވާއިރު އާއިލާގެ ނަންހަޑިވާނޭފަދަ ކަމެއް ދަރިފުޅު ނުކުރާނެކަން މަންމައަށް ޔަގީންކަމާއިއެކު ބުނެލަން ކެރިދާނެ............" ވަސީމާ ހިނިއައިސްފައި ބުނެލިއެވެ.
"މަންމާ............އަޅުގަނޑު ބޮޑުވެއްޖެ އެއްނު މިހާރު..........އުމުރުން ބާވީސް އަހަރުވީ، މިއަހަރުވެސް މިނިމެނީ.........އަންނަ އަހަރުން އަޅުގަނޑަށް ތޭވީސް އަހަރު ވާނެ...........އަޅުގަނޑު ކައިވެންޏެއް ކުރަން ގަސްދުކޮއްފިން.........." މަންހާ މަޑުމަޑުން ބުނެލީ ވަސީމާގެ މޫނަށް އިތުރުކުލަތަކެއް އަރާފައިބާތޯ ބަލަމުންނެވެ.
"ހެ ހެ ހެ ހެ...........މަންމަ މިހުންނަނީ ދަރިފުޅު ކައިވެނީގެ ވާހަކަ ދައްކާނެ އިރަކަށް އިންތިޒާރުކޮއްކޮއް.........އަންހެން ކުދިން އުމުރުގެ ތަންކޮޅެއް ކުރިން ކައިވެނިކުރުން އެއީ ރަނގަޅުކަމެއް.........އެހެންވީމަ މަންހާ ކައިވެނިކުރާނެ ކުއްޖަކު ހޯދީ ދޯ........." ވަސީމާގެ މޫނުމަތިން ފެންނަމުންދިޔައީ އުފާވެރިކަމެވެ.
"ހޫމް، މީ އޭނަ ބޭނުންވިގޮތް، އޭނަ ބުނީ މަންމަމެން ގާތު ކައިވެނީގެ ވާހަކަ ދެއްކުމަށް އަދި އޭނަ އާއިލާގެ އިސްމީހުންނާއި ބައްދަލު ކުރަން ބޭނުންވާ ވާހަކަވެސް ބުނި..........." މަންހާ ނޭވާ ހިފަހައްޓާލައިގެން އިނދެ ވާހަކަދެއްކިއެވެ. ނިތަށް އަރަމުންދިޔަ ރޫތަކާއިއެކު ހައިރާންވެފައިވަނީ ވަސީމާ އެހާ އުފާވާންވީ ސަބަބެއް ނޭގޭތީއެވެ.
"ރަގަނޅު އަޙްލާގެއް ލިބިފައިވާ ކުއްޖެއްކަން ޔަގީން.........މަންމަވެސް މިހިރީ އެކުއްޖަކާ ބައްދަލުކޮއްލާހިތުން.............ކިހިނެތްވާނީ މިރޭގެ ކެއުމަށް ދައުވަތު އެރުވުން............" ވަސީމާ ގަޑި ހަމަޖައްސާލިއެވެ. މަންހާ ވަކިއެއްޗެއް ނުބުނެ ބޯޖަހާލިއެވެ.
(ނުނިމޭ)