ކުޅިވަރު

އުންމީދު ފަނޑެއް ނުވޭ!

މިދިޔަ ބުދަ ދުވަސް ގޯލްކީޕަރު އިކާ ކަސިއަސް ފެށީ ހަމަ އާދައިގެ ދުވަހެއެއްގެ ގޮތުގަ އެވެ. އެފްސީ ޕޯޓޯގެ ފަރިތަކުރުންތައް ފެށުމުގެ ބައިގަނޑިއިރު ކުރިން އޭނާ ޕްރެކްޓިހަށް ހާޒިރު ވި އެވެ. އޭގެ ކުރިން ބޭއްވި ޕްރެކްޓިސް ޝެޝަނަށްވެސް ގަޑި ޖެހުމުގެ ބައިގަޑިއިރު ކުރިން އޭނާ ހާޒިރުވި އެވެ. އަދި އެންމެ ލަހުން ޕްރެކްޓިސް ނިންމާފައި ދިޔައީވެސް އޭނާ އެވެ. އެއީ ހަމަ ކޮންމެ ދުވަހެއްގައިވެސް އޭނާގެ އާދަ އެވެ. ޓީމުގެ އެހެން ކުޅުންތެރިންނަށް ނަމޫނާ ދެއްކުމުގައި އެންމެ ފުރަތަމަ ކުރިއަށް ނިކުންނާނީ އޭނާ އެވެ.

ޓީމުގެ ކެޕްޓަން ބޭންޑު އޭނާ ނޭޅިއަސް ޓީމުގައި ހުރި ލީޑަރަކީ ކަސިއަސް އެވެ. ކޯޗް ސާޖިއޯ ކޮންސެސާ އާއި ޓީމުގެ އެހެން ކުޅުންތެރިންވެސް ދެކެނީ އެގޮތަށެވެ. އެންމެ އުނދަގޫ ވަގުތުގައިވެސް ޓީމުގެ ކުޅުންތެރިންނަށް ހިތްވަރު ދިނުމުގައި އޭނާ ދެމި ހުރެ އެވެ. ބުދަ ދުވަހުގެ ފަރިތަކުރުން ތަކުގައިވެސް އޭނާ ދައްކަމުން ދިޔައީ އެ ނަމޫނާ އެވެ. ފަރިތަކުރުންތަކުގައި ހުއްޓައި ދަނޑުމައްޗަށް ވެއްޓުނީ ކުއްލިއަކަށެވެ. ވަގުތުން އިމަޖެންސީގައި އޭނާ ގެންދެވުނީ ޕޯޓޯގެ ހޮސްޕިޓަލަށެވެ.

ކަސިއަސްގެ ހިއްވަގުތު ކޮޅަކަށް މަޑުޖެހުނީ އެވެ. ހާޓް އެޓޭކެއްކަން އެނގުނީ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ރިޕޯޓްތަކަށް ފަހު އެވެ. ދުނިޔޭގެ ފުޓްބޯޅައިގެ އެކިކަންކޮޅުތަކުން ކަސިއަސްއަށް ހާއްސަ ޓްރިބިޔުޓްތައް ފޮނުވަމުން ދިޔަ އެވެ. ސްޕެއިން އަށް ވޯލްޑްކަޕު އުފާލަދިން ކެޕްޓަނަށް މުޅި ސްޕެއިނުން ހެޔޮ އެދުންތައް ފޮނުވަމުން ދިޔަ އެވެ. އެ ކުލަބެއްގައި އޭނާ އަހަރުތަކެއް ހޭދަ ކުރި ރެއާލް މެޑްރިޑްގެ ވާދަވެރި ބާސެލޯނާއިންވެސް ކަސިއަސްއަށް ހެޔޮއެދުންތައް ފޮނުވި އެވެ.

ހިތުގެ ހިނގުމަށް ކުރިމަތިވި އެޓޭކުން، ކަސިއަސްގެ ހަޔާތާއި ފުޓްބޯޅައާ ދެމެދު އޮތީ ސުވާލު މާކެއް ޖެހިފަ އެވެ. އޭނާއަށް އާދައިގެ ދިރިއުޅުމެއް އުޅެވިދާނެ އެވެ. އެހެންނަަމަވެސް ފުޓްބޯޅަ ކުޅުންތެރިޔެއްގެ ގޮތުގައި ދެން އިތުރަށް ކުރިއަށް ދެވޭނެ ކަމާމެދު ކަސިއަސް ވެސް ސުވާލު އުފައްދަ އެވެ.

"އަހަންނަކަށް ނޭންގެ ކުރިމަގުގައި ވާނެ ގޮތެއް،" ހޮސްޕިޓަލުން ދޫކޮށްލުމަށް ފަހު ހޮސްޕިޓަލުގެ ބޭރުގައި ޕޯޓޯގެ އާއިލާއާ ވާހަކަ ދައްކަމުން އޭނާ ބުންޏެވެ. "ނަމަވެސް މިވަގުތު އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ހަމަޖެހިލައިގެން މިތާންގައި ވާހަކަ ދައްކައިލެވޭން ހުރެވޭކަން."

ޕޯޓޯގައި އިތުރު ދެ އަހަރު މަޑުކުރުމަށް އެއްބަސްވުން އޭނާ އާ ކުރީ މިދިޔަ މާޗް މަހު އެވެ. މިދިޔަ ދެ އަހަރުވެސް، ޗެމްޕިއަންސްލީގްގެ ނޮކައުޓް ސްޓޭޖަށް ޕޯޓޯ ގެންގޮސްދިނުމުގައި އޭނާ މުހިންމު ދައުރެއް އަދާ ކުރި އެވެ. ދެހާސް އަށެއްގެ ޔޫރޯ ފުޓްބޯޅަ މުބާރާތާއި 2010 ގެ ވޯލްޑްކަޕާއި 2012ގެ ޔޫރޯ ސްޕެއިންއަށް އުފުލާލަދިން ކެޕްޓަނަކީ އޭނާ އެވެ. ޗެމްޕިއަންސް ލީގްގައި އެންމެ ގިނަ މެޗު ކުޅުނީ އޭނާ އެވެ.

ދުނިޔޭގެ އެންމެ މޮޅު ކީޕަރުންގެ ތެރޭގައި އޭނާ ހިމެނެ އެވެ. ވޯލްޑްކަޕު ފައިނަލުގައި ހޮލެންޑްގެ އާރެން ރޮބެން ފޮނުވާލި ނުރައްކާތެރި ހަމަލާއިން ސްޕެއިންގެ ގޯލް ދިފާއު ކުރި ސޭވްކީ، ކަސިއަސްގެ މުޅި ކެރިއަރުގައިވެސް އެންމެ ހާއްސަ ސޭވް ކަމުގައި ވާނެ އެވެ. ކަސިއަސްއަކީ އދ ގެ އެމްބަސެޑެރެކެވެ. އެ މަގާމު އޭނާ އަށް ލިބުނީ ލީޑާޝިޕްގައި އޭނާ ދައްކާ ނަމުނާގެ ސަބަބުންނެވެ.

ހިތުގެ ހިނގުމަށް ސޮކެއް މެދުވެރިވެ، ކުރިމަގާ މެދު ސުވާލު އުފެދިފައި ވީނަމަވެސް ކަސިއަސްގެ އުންމީދަށް ގުޑުމެއް ނޭރި އެވެ.

"އަހަރެން މަޑު ކުރަން ޖެހޭނެ ހަފުތާތަކެއް ވަންދެން، ނޫނީ އެތައް މަސްތަކެއް ވަންދެން،" ކަސިއަސް ވާހަކަ ދެއްކި އެވެ. "ހަގީގަތަކީ އަހަރެން ފަރުވާލެއް ނެތް ކިތަންމެ ގިނަ ދުވަހަކު މަޑު ކުރަން ޖެހުނަސް، އަހަރެން މިހުރީ ކުރިއަށްދާ ގޮތަށް."