ދުނިޔޭގެ ބާރުތަކުން ވެފައިވާ ވައުދުތަކާއި އެ ފަރާތްތަކުން ހިލާފުވެއްޖެނަމަ އިރާނުން ޔޫރޭނިއަމް ފައްކާކުރަން ފަށާނެ ކަމަށް އެ ގައުމުގެ ރައީސް ހަސަން ރޫހާނީ މިއަދު ވިދާޅު ވެއްޖެ އެވެ.
އިރާނުގެ ގައުމީ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން ރޫހާނީ ވިދާޅުވީ އިރާނާއެކު ވެފައިވާ ނިއުކްލިއާ އެއްބަސްވުމަށް އެމެރިކާއިން މަކަރު ހަދައި ޣައްދާރުވެފައިވާ ކަމަށެވެ.
އިރާނާއެކު 2015 ގައި ވެފައިވާ ނިއުކްލިއާ އެއްބަސްވުމުގައި އެމެރިކާގެ އިތުރުން އިނގިރޭސި ވިލާތާއި ފްރާންސާއި ޖަރުމަނާއި ޗައިނާ އަދި ރަޝިއާ ބައިވެރިވެފައި ވެއެވެ. އޭގެ ތެރެއިން އެމެރިކާ މި އެއްބަސްވުމާ ދެކޮޅު ހަދައި އެއްބަސްވުމުން ވަނީ ވަކިވެފަ އެވެ.
އިރާނާއެކު ނިއުކްލިއާ އެއްބަސްވުމުގައި ސޮއިކޮށްފައި ތިބި އެހެން ގައުމުތައް އެމެރިކާގެ ފިއްތުންތަކުން އިރާނު ދިފާއު ކުރާނެ ކަމަށް ވެފައިވާ ވައުދު ފުއްދުމަށް އެ ގައުމުތަކަށް ދީފާއިވާ 60 ދުވަހުގެ ސުންގަޑި ފެށިފައިވާ ކަމަށް ވެސް ރޫހާނީ ވިދާޅުވެފައި ވެއެވެ.
ދެހާސް ފަނަރައިގެ އެއްބަސްވުމުގައި ހިމެނޭ ބައެއް ކަންތައް ކުރިއަށް އޮތްތަނުގައި އިރާނުން ބާތިލު ކުރާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި އެ ގައުމުން އުފައްދާ ޔުރޭނިއަމާއި ހެވީ ވޯޓާ އެހެން ގައުމުތަކަށް ނުވިއްކާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
އިރާނުގެ ނިއުކްލިއާ ޕްރޮގްރާމުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އެ ގައުމުން ތައްޔާރަށް އޮތް ނަމަވެސް އދ. ގެ ސަލާމަތީ މަޖިލީހަށް އިރާނުގެ ނިއުކްލިއާ މައްސަލަ ހުށަހަޅައިފި ނަމަ އެ ގައުމުން ދޭ ރައްދު ވަރުގަދަވާނެ ކަމަށް ރޫހާނީ މިއަދުވެސް އިންޒާރު ކުރެއްވި އެވެ.