ކުޅިވަރު

ބަކާ ގްރީން ސްޓްރީޓަށް

ގައުމީ ޓީމުގެ ޑިފެންސިވް މިޑްފީލްޑާ މުހައްމަދު އާރިފް (ބަކާ) ކުރިއަށް އޮތް ސީޒަންގައި ގްރީން ސްޓްރީޓަށް ސޮއި ކޮށްފި އެވެ.

މިދިޔަ ސީޒަންގައި ބާކާ ކުޅުނީ، ކުލަބު އީގަލްސް އަށެވެ. ކުޅުންތެރިން ކުލަބުތަކަށް ސޮއި ކުރުވުމުގެ މަސައްކަތް ފެބްރުއަރީ މަހު ކުލަބުތަކުން ފެށިއިރު، ކުޅޭނެ ވަކި ކުލަބެއް އިހްތިޔާރު ނުކުރާ މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ބަކާ ހިމެނެ އެވެ. ގްރީންއަށް ބަކާ ސޮއި ކުރީ އެއް އަހަރު ދުވަހުގެ އެއްބަސްވުމުގެ ދަށުންނެވެ.

އައްޑޫގެ ވިޔަފާރިވެރިންތަކެއް އުފެއްދި، އައިލެންޑް ފުޓްބޯޅަ ކުލަބު އައިއެފްސީން 2003 ވަނަ އަހަރު ސީނިއާ ކެރިއާ ފެށި ބަކާ، ވަނީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެއަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ. މިދިޔަ އަހަރު ސާފް ޗެމްޕިއަންޝިޕްގެ ސްކޮޑުގައި އޭނާ ހިމެނުނު ނަމަވެސް މުބާރާތުގައި އޭނާ ވިދުން ފެނުނީ ފަނޑުކޮށެވެ.

އާ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ގްރީން އިން ވަނީ ޓީމު ވަރުގަދަ ކުރުމުގެ ގޮތުން މަޝްހޫރު ކުޅުންތެރިންތަކެއް ލައްވައި ސޮއި ކުރުވާފަ އެވެ. އެގޮތުން އަލީ އަޝްފާގް 'ދަގަނޑޭ'، މުހައްމަދު އުމޭރު އަދި މުހައްމަދު ރިހާމް (ބޮބީ) ގެ ސޮއި އެ ޓީމުން ހޯދި އެވެ.

ރިލްވާން ވަހީދާއި ހަސަން އަދުހަމްގެ ސޮއި ވެސް އެ ޓީމުން ވަނީ ހޯދާފަ އެވެ.