ހަބަރު

ދީބާޖާއިން އަލްހާންގެ ލޯފާމަށް ގިނަ އަދަދެއްގެ ފައިސާ

ދީބާޖާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓުން އަލްހާން ފަހުމީގެ ހިއްސާ އޮންނަ ލޯ ފާމަކަށް 174 މިލިއަން ރުފިޔާ ދޭން ޖެހޭކަން ހާމަވެއްޖެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހެދި އެއްބަސްވުމެއް އޭގެ ފަހުން އުވާލި މައްސަލާގައި ލިބުނު ގެއްލުމުގެ ގޮތުގައި ދީބާޖާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓަށް 348.10 މިލިއަން ރުފިޔާ ދޭން ދައުލަތުގެ މައްޗަށް ސުޕްރީމް ކޯޓުން މިފަހުން ވަނީ ހުކުމްކޮށްފަ އެވެ.

އެ ހުކުމް ކުރީ އެ މައްސަލަ މައުޟޫއީ ގޮތުން ބެލުމަށްފަހުއެއް ނޫނެވެ. މައްސަލާގައި ހައިކޯޓުގައި އިސްތިއުނާފުގެ މުއްދަތުގައި ދައުލަތުން އެކަން ކޮށްފައިނުވާ ކަމަށް ބުނެ ނެގި އިޖުރާއީ ނުކުތާއެއްގެ މައްޗަށް ބިނާކޮށް މުޅި މައްސަލަ ދީބާޖާއާ އެއްކޮޅަށް ނިންމީ އެވެ.

އެ މައްސަލާގައި ސުޕްރީމް ކޯޓުގައި ދީބާޖާގެ ފަރާތުން ވަކާލާތުކޮށްފައި ވަނީ އަލްހާން ފަހުމީގެ ހިއްސާ އޮންނަ ލޯ ފާމެއް ކަމަށްވާ ކިންގްސް އެޓާނީސް އެންޑް ކޮންސަލްޓަންޓްސް އެވެ. އެ ދެ ފާރާތުން އެ މައްސަލައާ ގުޅިގެން ވެފައިވާ އެއްބަސްވުން ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ.

އޭގައިވާ ގޮތުން ދީބާޖާއަށް ދޭން ސިވިލް ކޯޓުން ކަނޑައެޅި، ފައިސާގެ 50 ޕަސެންޓް ސުޕްރީމް ކޯޓުން އެ މައްސަލަ އެ ކުންފުންޏާ އެއްކޮޅަށް ނިންމާ ހާލަތެއްގައި ދޭން ޖެހޭނެ އެވެ. އަދި ސުޕްރީމް ކޯޓުން އިތުރަށް ފައިސާ ނަގައިދީފިނަމަ، އެ ފައިސާއެއްގެ ވެސް 50 ޕަސެންޓް ދޭން ޖެހޭނެ ކަމަށެވެ. އެއްބަސްވުމުގައިވާ ގޮތުން އެއީ "ސަކްސެސް ފީ"ގެ ގޮތުގަ އެވެ.

އެ ހުކުމާ ގުޅިގެން ފާޑުކިޔުންތައް ވަރަށް ބޮޑުވި އެވެ. އެ މައްސަލަ ބޮޑުވުމުން މިހާރު ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވަނީ އެ މައްސަލަ އަލުން ރިވިއުކޮށް ދޭން ސުޕްރީމް ކޯޓުގައި އެދިވަޑައިގަންނަވަން ނިންމަވާފަ އެވެ.

ދެހާސްދިހަ ވަނަ އަހަރުގެ ތެރޭގައި ދީބާޖާ އިންވެސްޓްމެންޓް ކުންފުންޏަށް ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަދި ޅ. އަތޮޅުގެ ދަތުރުފަތުރު ހިދުމަތް ދިނުމުގެ އެންމެހާ ކަންކަން އެއްބަސްވުމެއްގެ ދަށުން ހަވާލުކުރި އެވެ. ނަމަވެސް އެއްބަސްވުމުގެ ދަށުން އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީން ފުރިހަމަކޮށް ދޭންޖެހޭ ކަންކަން ފުރިހަމަ ނުކޮށް 2013 ވަނަ އަހަރު އެއްބަސްވުން ވަނީ ބާތިލްކޮށްފަ އެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ.

އެއްބަސްވުން ބާތިލްކުރީ ކުންފުނިން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ބުނެ އެވެ. އެ މައްސަލަ ސިވިލް ކޯޓުން ނިންމީ އެ ކުންފުންޏާ އެއްކޮޅަށެވެ. ނަމަވެސް އެ މައްސަލަ ހައިކޯޓުން ބެލެމަށްފަހު އެއީ ދައުލަތުން ބަދަލު ދޭން ނުޖެހޭ މައްސަލައެއްގެ ގޮތުގައި ކަނޑައެޅި އެވެ. ބޮޑު އަދަދެއްގެ ގެއްލުމުން ދައުލަތް ސަލާމަތްވި އެވެ. އެކަމަކު، އޭގައި އިޖުރާއީ ބޮޑު މައްސަލައެއް ނުކުތެވެ.

ބަންޑާރަ ނައިބުގެ ފަރާތުން ހައިކޯޓަށް މައްސަލަ އިސްތިއުނާފު ކުރުމަށް ހުށަހެޅީ އެކަމަށް ލިބޭ މުއްދަތު މާބޮޑަށް ވެސް ފަހަނައަޅާ ދިޔަ ފަހުންނެވެ. އޭރު އަމަލު ކުރަމުން ދިޔަ އުސޫލުގައިވާ ގޮތުން ދަށު ކޯޓުތަކުގެ ހުކުމްތައް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް 90 ދުވަހުގެ މުއްދަތެއް ލިބެ އެވެ. --- މިހާރު އެކަމަށް ލިބެނީ 10 ދުވަހުގެ މުއްދަތެކެވެ.

ދައުލަތުން ހައިކޯޓަށް އެ މައްސަލަ ހުށަހެޅީ ޖުލައި 22، 2015 އިގައެވެ. ނަމަވެސް އިސްތިއުނާފު ކުރުމަށް ލިބޭ 90 ދުވަހަށް ބަލާއިރު އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅޭނެ އެންމެ ފަހު ތާރީހަކީ މާޗް 12، 2015 އެވެ. ސުޕްރީމް ކޯޓުން ހައިިކޯޓުގެ ހުކުމް ބާތިލްކުރި މައިގަނޑު ސަބަބަކީ އެއީ އެވެ. ދައުލަތަށް އެ ބޮޑު ގެއްލުމުގެ ސަބަބަކީ ކުޑަ އިހުމާލެކެވެ. އޭރުގެ ބަންޑާރަ ނައިބަކީ މުހައްމަދު އަނިލެވެ.