ހޮލެންޑްގެ ގަދަ ބާރު އަޔެކްސްގެ މައްޗަށް ފަހަތުން އަރައި ލޫކަސް މޯރާ ކާމިޔާބު ކުރި ހެޓްރިކުން އަޔެކްސްގެ ހިތްހަލާކު ކޮށްލުމަށް ފަހު ޓޮޓެންހަމް ހޮޓްސުޕާއިން ޗެމްޕިއަންސް ލީގް ފައިނަލަށް ފުރަތަމަ ފަހަރަށް ދަތުރު ކޮށްފި އެވެ.
ދެ ވަނަ ބުރުގައި ތިން އަހަރުގެ ޗެމްޕިއަން ވަރުގަދަ ރެއާލް މެޑްރިޑް އަދި ކްއާޓާ ފައިނަލުގައި މިދިޔަ ހަތަރު އަހަރު ތެރޭ ޗެމްޕިއަންސް ލީގްގެ ފައިނލުގައި ދެ ފަހަރަށް ވާދަ ކުރި ގަދަބާރު ޔުވެންޓަސް ކަޓުވާލި އަޔެކްސްއިން، ފުރަތަމަ ހާފުގައި ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް، ލޫކަސް މޯރާ ދެ ވަނަ ހާފަުގައި ހެދި ހެޓްރިކުން ޓޮޓެންހަމް މެޗު ކާމިޔާބު ކުރީ 3-2 ންނެވެ.
ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގް މެޗު އަޔެކްސް ކާމިޔާބު ކުރީ 1-0 ން ނެވެ. ސެމީފައިނަލުގެ ނަތީޖާ އެގްރިގޭޓުން އެއްވަރުވެ، ޓޮޓެންހަމް ސެމީ ފައިނަލަށް ދަތުރު ކުރީ އަވޭ ތިން ގޯލްގެ ފައިދާއިންނެވެ.
މެޗުގެ ފެށިގެން ފުރަތަމަ ފަސް މިނެޓް ތެރޭގައި އަޔެކްސްއިން ވަނީ ޓޮޓެންހަމްގެ ގޯލް ހުޅުވާފަ އެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މަތައިސް ޑިލްޓް އެވެ. އަޔެކްސްގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ 35 ވަނަ މިނެޓްގައި ހާކިމް ޒިޔެކް އެވެ.
އަމިއްލަ ދަނޑުގައި ކުޅެމުންދިޔަ އަޔެކްސްއަށް ދެ ލަނޑު ގެ ލީޑެއް އޮވެ، ދެ ވަނަ ހާފާ ކުރިމަތިލީ ނަމަވެސް އެ ޓީމަށް ހަމަޖެހިލާކަށް ވަގުތެއް ނުލިބެ އެވެ. ދެ ވަނަ ހާފުގެ ފުރަތަމަ 15 މިނެޓް ތެރޭގައި ލޫކަސް މޯރާ ދެ ލަނޑު ކާމިޔާބު ކޮށް އަޔެކްސް ރޫރޫ އަޅުވާލި އެވެ.
އޭނާ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ 55 ވަނަ މިނެޓްގަ އެވެ. ދެ ވަނަ ލަނޑު ކާމިޔާބު ކުރީ އޭގެ ހަތަރު މިނެޓް ފަހުންނެވެ. އަޔެކްސްގެ ހިތް ހަލާކުވީ މެޗުގެ 90 މިނެޓް ހަމަވެ އިތުރަށް ދެއްކި ވަގުތުތަކުގެ ތެރެއިން ހަ ވަނަ މިނެޓްގައި މޯރާ އަޔެކްސްގެ ކޮޅަށް ވައްދާލި ލަނޑުންނެވެ.
ފައިނަލު މެޗުގައި ޓޮޓެންހަމް ވާދަ ކުރާނީ ޕްރިމިއާ ލީގްގެ ވާދަވެރިޔާ އަދި މިދިޔަ އަހަރުވެސް ފައިނަލުގައި ކުޅުނު ލިވަޕޫލާ ދެކޮޅަށެވެ. ފައިނަލު މެޗު އޮންނާނީ އަންނަ މަހުގެ އެއް ވަނަ ދުވަހުގެ ރޭ ގަ އެވެ.