ސުދާންގައި ވީހާވެސް އަވަހަކަށް މަދަނީ ސަރުކާރެއް ގާއިމް ނުކޮށްފި ނަމަ ހަޅުތާލު ކުރުމުގެ ވަރުގަދަ ކެމްޕޭނެއް ފަށާނެ ކަމުގެ އިންޒާރު ސުދާންގެ އިދިކޮޅު ކޯލިޝަން ފްރީޑަމް އެންޑް ޗޭންޖް އިން ދީފި އެވެ.
އިއްޔެގެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފްރީޑަމް އެންޑް ޗޭންޖަށް ނިސްބަތްވާ ސޫދާނީޒް ކޮންގްރެސް ޕާޓީގެ ސެކްރެޓްރީ ޖެނަރަލް ޚާލިދު އުމަރު ޔޫސުފް ވިދާޅުވެފައި ވަނީ މިހާރު ބާރުތައް ނަގާފައިވާ ސުދާންގެ މިލިޓަރީ ކައުންސިލުން ބަލަނީ އަދިވެސް ރައްޔިތުންގެ އަތަށް ބާރުތައް ނުދީ ލަސްކުރެވެން އޮތް ހުރިހާ އުކުޅެއް ހަދައި ލަސް ކުރަން ކަމަށެވެ.
"އެކަމު އަހަރެމެންނަށް ގޮތް ހުހެއް ނުވާނެ. އަހަރެމެންގެ މަގުސަދު ހާސިލް ކުރަން މުޒާހަރާތައް ކުރާނަން، އަދި އެވަރުން ނުފުދިއްޖެ ހާލަތެއްގައި ހަޅުތާލު ވެސް ކުރާނަން. ވެގެން ވަންޏާ އަހަރެމެން ވެސް ބޭނުން ސުލްހަވެރި ގޮތުގައި މިކަމަށް ހައްލެއް ހޯދަން. އެހެނަސް އެކަން އެގޮތައް ކުރެވޭނީ މިލިޓަރީ ކައުންސިލް ސީރިއަސް ވެގެން"، ހާލިދް ވިދާޅުވި އެވެ.
ދެ ފަރާތުގެ ދެމެދުގައި އެންމެ ފަހުން މިދިއަ އަންގާރަ ދުވަހު ކުރިއަށް ގެންދިޔަ މަޝްވަރާގެ ތެރެއިން އިދިކޮޅު ފަރާތުން ހުށަހެޅި ޕްރޮޕޯސަލްތަކަށް މިލިޓަރީ ކައުންސިލުން ވަނީ އިންކާރުކޮށްފަ އެވެ.
ފްރީޑަމް އެންޑް ޗޭންޖް ކޯލިޝަންގެ އިސް ބޭފުޅެއް ކަމަށްވާ މެދާނީ އަބާސް މެދާނީ ވިދާޅުވާ ގޮތުގައި މިލިޓަރީ ކައުންސިލަށް ހުށަހަޅާ ކޮންމެ ކަމަކަށް އެ ފަރާތުން ކެނޑިނޭޅި ދެކޮޅު ހަދަމުން ގެންދިއުމުގެ ސަބަބުން ސުދާންގެ މަޝްރަހު ދަނީ ހައްތާ ގޯސްވަމުންނެވެ. އެ ކައުންސިލުން މިހާރު ކަންތައް ކުރަމުންދާ ގޮތަކީ ވެރިކަމުން ދުރުކުރެވުނު ރައީސް އުމަރު އަލް ބަޝީރުގެ ޒައާމަތުގައި ވެސް ކަންތައް ވަމުން ދިޔަގޮތް ކަމަށް މަދާނީ ވަނީ ސިފަ ކުރައްވާފަ އެވެ.