އިންޑިއާ

އިންޑިއާގެ ކޯޗްކަމަށް ހަތަރު ނަމެއް

May 9, 2019

އިންޑިއާގެ ގައުމީ ޓީމުގެ ކޯޗް ކަމަށް ކުރިމަތިލި މަޝްހޫރު ކޯޗުންގެ ނަންތައް އުނިކޮށް، ފައިނަލް ލިސްޓްގައި ހަތަރު ނަމެއް ޝޯޓް ލިސްޓް ކޮށްފި އެވެ.

އިންޑިއާގެ ކޯޗް ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި، އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ދެ ކޯޗުން ކަމަށްވާ ސްވެން ޔޯރާން އެރިކްސަން އަދި ސޭމް އަލަޑައިސްގެ އިތުރުން ފްރާންސްގެ ވޯލްޑްކަޕް ކޯޗް ރޭމަންޑް ޑޮމިނިކްވެސް އެ މަގާމަށް ކުރިމަތި ލި އެވެ. އަދި ކޮސްޓަރިކާ އަށް ދެ ފަހަރެއްގެ މަތިން ވޯލްޑްކަޕުގައި ކޯޗް ކޮށްދިން ގިމަރޭސްވެސް އިންޑިއާގެ ފެޑްރޭޝަނަށް ސީވީ ހުށަހެޅި އެވެ.

އެހެންނަމަވެސް އިންޑިއާއިން ވަނީ އެ ހަތަރު ކޯޗުންގެ ނަންވެސް ފައިނަލު ލިސްޓުން އުނިކޮށްފަ އެވެ. އެ ކޯޗުންގެ ނަން ފައިނަލު ލިސްޓުން އުނިކުރީ، އެ ކޯޗުން ހުށަހަޅާފައިވާ މުސާރަ ބޮޑު ކަމުންނެވެ. ބައެއް ރިޕޯޓްތަކާއި ހަވާލާދީ ޓައިމްސް އޮފް އިންޑިއާއިން ބުނެފައި ވަނީ އެންމެ ބޮޑު މުސާރައަކަށް ޑިމާންޑް ކޮށްފައި ވަނީ އަލަޑައިސް އެވެ. މުސާރައިގެ ގޮތުގައި އަހަރަކު އެއް މިލިއަން ޑޮލަރު ދިނުމަށް އޭނާ ހުށަހަޅާފައިވާ ކަމަށް އެ ނޫހުން ބުނެ އެވެ.

އީގޯ ސުޓިމަކް

ޝޯޓް ލިސްޓް ކުރި ހަތަރު ކޯޗުންގެ ތެރޭގައި، 2014 ގެ ވޯލްޑްކަޕަށް ކްރޮއޭޝިއާ ކޮލިފައި ކޮށްދިން އެންޑްރޭ ސްޓަމިކް ހިމެނެ އެވެ. ސޯޓްލިސްޓްގައި ހިމެނޭ އެންމެ ހައިޕްރޮފައިލް ކޯޗަކީވެސް އޭނާ އެވެ. އެ އަހަރުގެ ވޯލްޑްކަޕަށް ކޮރޮއޭޝިއާ ކޮލިފައި ކޮށްދިން ނަމަވެސް އޭނާ އާއެކު ވޯލްޑްކަޕަށް ދާން ކްރޮއޭޝިއާގެ ފެޑްރޭޝަނުން ބޭނުމެއް ނުވި އެވެ. އެއީ އޭރު އޭނާގެ ތަޖުރިބާ މަދު ކަމުންނެވެ. އޭނާ ވަނީ އިރާން ލީގް އަދި ގަތަރު ލީގްގަ މަސައްކަތް ކޮށްފަ އެވެ. އޭޝިއާގެ ތަޖުރިބާ އޭނާގެ ކިބައިގައި ބޮޑުވުމަކީ އިންޑިއާއިން އޭނާގެ ނަން އިހްތިޔާރު ކޮށްފާނެ ސަބަބެކެވެ.

އަލްބަޓް ރޮކާ

ޝޯޓް ލިސްޓް ކުރި ހަތަރު ކޯޗުންގެ ތެރެއިން އިންޑިއާގެ ފުޓްބޯޅަ އެންމެ ބޮޑަށް އެނގޭނެ ކޯޗަކީ، ބެންގަލޫރު އެފްސީގެ ކުރީގެ ކޯޗް އަލްބަޓް ރޮކާ އެވެ. އޭނާ ވަނީ އައި ލީގް އަދި އިންޑިއަން ސުޕަ ލީގް ގައި ބެންގަލޫރަށް އިރުޝާދު ދީފަ އެވެ. އޭނާގެ އެންމެ ހާއްސަ ކާމިޔާބަކީ، 2016 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ފައިނަލަށް ބެންގަލޫރު ގެންގޮސް ދިނުމެވެ.

އިންޑިއާގެ ފައިނަލު ލިސްޓްގައި އޭނާގެ ނަން ޝޯޓްލިސްޓް ކުރި ނަމަވެސް، ބާސެލޯނާގެ ކުރީގެ އެސިސްޓެންޓް ކޯޗަށް އޮތް އެންމެ ބޮޑު ޑިސްއެޑްވާންޓޭޖަކީ، ގައުމީ ޓީމަކަށް ކޯޗް ކޮށްދިނުމުގައި އެކަށީގެންވާ ތަޖުރިބާ ނެތުމެވެ. އެހެން ނަމަވެސް އޭނާ ވަނީ ބާސެލޯނާގެ ކުރީގެ ކޯޗް ފްރޭންކް ރައިކާޑްގެ އެސިސްޓެންޓެއްގެ ގޮތުގައި ސައުދީ އަރަބިއްޔާގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. އަދި ދުވަސްކޮޅެއް ވަންދެން އެލް ސަލްވަޑޯގެ ގައުމީ ޓީމަށް ކޯޗް ކޮށްދިނެވެ.

ހޮކާން އެރިކްސަން

ހޮކާން އަކީ، ސްވިޑެންގެ ގައުމީ ޓީމުގެ ކުރިގެ ކޯޗް ޖޯޖް އެރިކްސަންގެ ދަރިފުޅެވެ. އޭޝިއަން ކަޕުގައި އެންމެ ޒުވާން ސްކޮޑެއް އޮތީ އިންޑިއާގެ ޓީމުގަ އެވެ. އަދި ބޮޑެތި މުބާރާތްތަކަށް ދާއިރުވެސް އިންޑިއާގެ ޓީމުގައި ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިން ހިމެނުމަށް އެ ގައުމުން އިސްކަން ދެ އެވެ. އެކަމަށް ބަލާއިރު ހޮކާން އަކީ އިންޑިއާގެ ޓީމަށް ވަރަށް އެކަށޭނެ ކޯޗަކަށް ވާނެ އެވެ.

އޭނާ ވަނީ ހަ އަހަރު ވަންދެން ސްވިޑެންގެ 21 އަހަރުން ދަށުގެ ގައުމީ ޓީމަށް ކޯޗް ކޮށްދީފަ އެވެ. އެހެންނަމަވެސް އޭނާއަށް އޮތް އެންމެ ބޮޑު ޑިސްއެޑްވާންޓޭޖަކީ އޭޝިއާގެ ފުޓްބޯޅައިގެ ތަޖުރިބާ ނެތުމެވެ. އަދި ޔޫރަޕްގެ ފުޓްބޯޅައިގެ ތަޖުރިބާވެސް އޭނާގެ ނެތެވެ. ސްވިޑެންއިން ބޭރުން ޔޫރަޕްގެ އެއް ވެސް ކުލަބަކަށް އަދި ޓީމަކަށްވެސް އޭނާ ކޯޗް ކޮށްދީފައެއް ނުވެ އެވެ.

ލީ މިންގް ސަން

ދެކުނު ކޮރެއާގެ ތާރީހްގައި ހޯދި ވޯލްޑްކަޕުގެ އެންމެ ބޮޑ ކާމިޔާބު ހޯދިއިރު ލީ މިންގް އަކީ އެ ޓީމުގެ ކުޅުންތެރިޔެކެވެ. ކޮރެއާ ޖަޕާންގައި 2002 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕުގެ ސެމީފައިނަލަށް ވަރުގަދަ އިޓަލީ ކަޓުވާލުމަށް ފަހު ދަތުރު ކުރި ކޮރެއާގެ ޓީމުގައި ލީ މިންގް ހިމެނެ އެވެ. އޭނާ ވަނީ ވޯލްޑްކަޕުގައި ދެ ފަހަރަށް ކުޅެފަ އެވެ.

މާ ހައިޕްރޮފައިލް ކޯޗެއް ނޫން ނަމަވެސް އިންޑިއާގެ ކޯޗް ކަމަށް އައުމުގައި އޭނާ އަށް ފަހި ފުރުސަތެއް އޮތް ކަމަށް ގަބޫލު ކުރެވެ އެވެ. އެއީ ކޮރެއާގެ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗަކީ އޭނާ ކަމަށް ވުމުންނެވެ. ކޮރެއާގެ ދުރު ހިސާބުތަކުން ޒުވާން ކުޅުންތެރިން ގެނެސް އެ ކުޅުންތެރިން ތަމްރީން ކުރުމަށް އޭނާ ވަނީ އިސްކަން ދިފަ އެވެ. މިއީ އިންޑިއާއިންވެސް އޭނާ އާ މެދު ޝައުގުވެރިވާ އެއް ސަބަބެވެ. އެހެންނަމަވެސް ސީނިއާ ޓީމެއް ގެންގުޅުމުގެ ތަޖުރިބާ އޭނާގެ ކިބައިގައި އެހާ ބޮޑަކަށް ނެތެވެ.