(7 މެއި 2019 އާ ގުޅޭ)
"އީޝަލްމެން ގެންނަން އަހަރެން ބޭނުންވަނީ، އަހަރެންނަށް ފެންނަ ހިސާބުގައި އެކުއްޖާ ހުންނަން އެދެވެނީ، ދުރުގައި ހުއްޓާ ކަމެއްވެއްޖެނަމަ އަހަރެން ކިހިނެއް ހަދާނީ" މީކާޢިލް ބުންޏެވެ.
ވާނޭހެން ހީވާ ކަމަކާމެދު އެކަން ނުވާނޭ ބުނުމަކީ ދޮގަކަށްނޫނީ ނުވާނޭކަން ޒަލަފްއަށް އެނގެއެވެ. މީކާޢިލްގެ ހިތްހަމަޖައްސައިދޭންށޭ ކިޔާ ހާސްނުވުމަށް އޭނާ ނުބުނީ އެހެންވެއެވެ. ޖިންނީންގެ ތެރެއިންވާ ޝައިތާނުންނަކީ ގޮތްދޫނުކުރާ ބައެކެވެ. ރަނގަޅު ގޮތް އެނގޭއިރު ވެސް އެބައިމީހުންނަކީ އެ މީހުންގެ ގޮތުގައި ހިފަހައްޓާ ބައެކެވެ. ޒައްރާއެއްގެ މިންވަރަށް ވެސް އެ މީހުންނަށް ފުރުޞަތު ލިބިއްޖެނަމަ ހަމަލާދޭނެއެވެ. ނުބައި ވަސްވާސްތަކުގެ ޒަހަރު ބުއްދިއާއި ހިތަށް ފޮނުވާލައި ބަލިކަށިކޮށްލާނެއެވެ. އަޤީދާ ވަރުގަދަވާން ޖެހެނީ އެހެންވެއެވެ. އެކަކުއަނެކަކު މައްޗަށް އޮންނަ އިތުބާރާއި ސާބިތުކަން މަތީ ދެމި ހުންނަން ޖެހެނީ އެހެންވެއެވެ. އެބައި މީހުންގެ ނުބައި ކުޅިވަރުތަކުގައި ޖެހިފައި ވުމުން ޒަލަފްއަށް އެއީ ކިހާ ވަރެއްގެ ކަމެއްކަން އެނގެއެވެ. މީކާޢިލްއަކީ އޭނާއަށްވުރެ ބޮޑަށް ކަންކަމަށް ލޯ ހުޅުވިފައިވާ ޒުވާނެއްކަން ޒަލަފްއަށް އެނގެއެވެ.
"ފަހަރެއްގައި އެ މީހުން ދުރުގައި ތިބުމަކީ ރަނގަޅު ނިންމުމަކަށް ވެދާނެ" ޒަލަފް ބުންޏެވެ.
މީކާޢިލް ވެސް މިހާތަނަށް އަމިއްލަ ނަފްސަށް ވިސްނައިދޭން މަސައްކަތްކުރީ އެހެންނެވެ. އީޝަލް ދުރުގައި ހުރުމަކީ ރަނގަޅު ނިންމުމަކަށް ވެދާނޭ ކަމެވެ. ކުރިމަތިލުމަކަށް ދާން ބޭނުންނޫނަސް އޭނާ ހުންނާނީ ތައްޔާރުވެގެންނެވެ. އެންމެންގެ އެ ތިބީ ތައްޔާރުވެގެންނެވެ.
* * * * *
އީޝަލްއާއި ރައުލްގެ އިތުރުން ރާވިންއާއި ޔާފިއާ ދުރުގައި ތިބޭތާ ހަފްތާއަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. އެންމެން ވެސް ތިބެނީ އިޝާރާތަކަށް ބަލަބަލައެވެ.
"ކޮންމެވެސް ބަޔަކު އަތުވެއްޖެ" ހަލުވިކޮށް އައިސް ޒިޔަޒެލްގެ ކުތުބުޚާނާއަށް ވަން ހަތޯރު ބުންޏެވެ. ޒިޔަޒެލް ކުރަން އިން މަސައްކަތް ވަގުތުން ހުއްޓާލައި ތެދުވިއެވެ. ހަތޯރުގެ ގާތަށް އޭނާ އައެވެ.
"އެ މީހުން ތިބީ މާކަނޑުގަ... އަހަރެމެން މޫދަށް ފައިބައިގެން ނޫނީ އެއީ ކޮންބައެއްކަން ބުނާކަށް ނޭނގޭނެ" ހަތޯރު ބުންޏެވެ.
"ކޮބާ ސޭމެސްއާއި ދާރިއުސް" ޒިޔަޒެލް ވަގުތުން އެއްސެވެ.
"އެމީހުން އެބަތިބި އަތިރިމަތީގަ" ހަތޯރު ޖަވާބުދިނެވެ. އޭނާގެ މޫނުން ފެންނަނީ ހިސާބަކަށް ހާސްވެ ކަންބޮޑުވެފައި ހުރިތަނެވެ.
"ކަލޭމެންގެ ތެރެއިން އެކަކު ވެސް ލޮނާ ކައިރިވެގެން ނުވާނެ" ޒިޔަޒެލް ނިކަން އަވަހަށް ބުންޏެވެ. އަދި އޭނާ ހަތޯރު ގޮވައިގެން ފެންޑާއަށް ނުކުމެ ހުރެ ނިކަން ބާރަށް މީކާޢިލްއަށް ގޮވާލިއެވެ. ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ފެނުނީ އެ މީހުންގެ ކުރިމަތިން މީކާޢިލްއާއި ޒަލަފް ފާޅުވިތަނެވެ.
"ރަށް ބޭރުގައި ބަޔަކު އެބަތިބި... ހަތޯރާއެކު ކަލޭމެން ދޭ، އިޝާރާތެއް ނުވަނީސް ކުރިމަތިނުލާތި، އަހަރެން މިޒަރެންނާއި ލުގަލްއަށް އަންގައި އެ މީހުން ގޮވައިގެން މިދަނީ" ޒިޔަޒެލް ބުންޏެވެ.
ޒަލަފް ބަލާލީ މީކާޢިލްއަށެވެ. އޭނާ އެއްވެސް އެއްޗެކޭ ނުބުންޏެވެ. އަތުން އިޝާރާތެއް ކޮއްލީ ހަތޯރަށެވެ. މަގުދެއްކުމަށް އެދޭ ފަދައިންނެވެ. ހަތޯރު ކުރިއަށް ނުކުމެ ހިނގައިގަތެވެ. މީކާޢިލް ދާންފެށުމުން އޭނާއާއެކު ޒަލަފް ވެސް އައެވެ. ޒިޔަޒެލް އަވަހަށް އޭނާ މިޒަރެންނަށް އިޝާރާތެއް ކުރަންވެއްޖެނަމަ ގެންގުޅޭ ހިލަކޮޅު ނެގިއެވެ. އެ މެސެޖު މިޒަރެންނަށް ލިބުނުހާ އަވަހަކަށް އޭނާ އެނބުރި އަންނާނޭކަން ޒިޔަޒެލްއަށް އެނގެއެވެ. ގޭތެރޭގައި މަޑުކޮށްލައިގެން ހުރީ އެހެންވެއެވެ.
ސޭމެސްއާއި ދާރިއުސް ތިބިގޮތް ފެނި އެ މީހުން އެ ތިބީ އަތުވެދާނޭ ހަމަލާއަކަށް ސަމާލުވެ ތައްޔާރުގެންކަން މީކާޢިލްއަށް އެނގުނެވެ. ހަތޯރު ނިކަން އަވަހަށް ޒިޔަޒެލްގެ މެސެޖު އެ މީހުންނަށް ރައްދުކުރިއެވެ. އެއާއެކު އެ ދެ މީހުން ވެސް ރާޅުފަށާ ދުރަށް އެއްގަމަށް ޖެހިލިއެވެ. މީކާޢީލް އައިސް ހުއްޓިލީ އެ ދެ މީހުންގެ މެދުގައެވެ. ކުރިމަތިން ފެންނަން އޮތް ކަނޑަށް ކުރިމަތި ލައިގެންނެވެ.
"ރަށް ވަށައިގެން އެނބުރެނީހެން ހީވަނީ... ފުޅަނގި ފުންމާތަން އެބަފެނެއެއްނު، އެއީ އެ މީހުން ތިބި ހިސާބު، އެކަމަކު އެމީހުން ތަން ބަދަލުކުރަނީހެން ހީވަނީ، ބަލަބަލާ ހުއްޓާ ދެތިން ފަހަރަށް އޮއެ ބަދަލުވެއްޖެ، ޔަގީނެއްނުވޭ ރަށަށް އަރާނީ ކޮންދިމާއަކުންކަން" ސޭމެސް ބުންޏެވެ. އޭނާއަކީ ހުސިޔާރު ފަހުލަވާނެއްކަން މީކާޢިލްއަށް އޮތީ ފާހަގަވެއެވެ. ވާހަކަދެއްކުމުގައި ވެސް އޭނާގެ ފުށުން ހާސްކަމެއް ފާޅެއްނުވެއެވެ. އެއަށްވުރެ އޭނާ ހީވަނީ ވަށައިގެންވީ މާޙައުލަށް ސަމާލުކަން ހުއްޓާލައިފައި ހުރި ހެންނެވެ.
ޒިޔަޒެލް އަތިރިމައްޗަށް ފޭބީ ދެން ތިބި މީހުން އެތަނުގައި ތިބިތާ ވަގުތުކޮޅެއް ފަހުންނެވެ. މީކާޢިލް ގާތު ބުނި ފަދައިން ސޭމެސްއަށް ފާހަގަކުރެވުނު ކަންތައްތައް އޭނާ ކިޔައިދިނެވެ. އެއާއެކު ޒިޔަޒެލް މަޑުމަޑުން ބޯޖަހާލީއެވެ.
"މިޒަރެން، ރަށުތެރެއަށް ގޮވާލައި، އެބައިމީހުންނަށް ހުއްދަދެވެންދެކަށް އަންހެނުންނާއި ކުޑަކުދީން އަތިރިމައްޗަށް ނުނިކުތުމަށް، ގައިގާ ވަރުހުރި ޒުވާނުން ބޮޑުގަސް ހުރި މައިދާނަށް އައުމަށް ގޮވާލައި" ޒިޔަޒެލް ބުންޏެވެ. މިޒަރެން ހަލުވިކޮށް އޭނާއާ ހަވާލުކުރެވުނު މަސައްކަތް ފުރިހަމަކުރުމަށް ދިޔައެވެ. ޒިޔަޒެލްގެ ވައަތްފަރާތުގައި ލުގަލްބަންދާ މަޑުކޮށްލައިގެން ހުއްޓެވެ.
"އެމީހުން މަޑުއެކުރަނީ ކީއްވެކަމެއް ނޭނގޭ، އެހެން ދިމާއަކުން އަރަން ދިމާކޮށްފިއްޔާ ދެނޯ... އެއްތަނެއްގައި މިހެން ތިބުމަށްވުރެ ރަށުގެ އެކި ދިމާއަށް ދިއުމެއްނޫންތަ ރަނގަޅުވާނީ" ދާރިއުސް ބުންޏެވެ.
"ނޭރިގެން އެ އުޅެނީ، އަހަރެންގެ ގެދޮރަށް ވަނުމަކީ ހީކުރާ ފަސޭހަކަމެއްނޫން، ވަގުތީގޮތުން އެ ހުއްދަ އަހަރެން ބާތިލުކޮށްފިން" ކަނޑަށް ބަލަހައްޓައިގެން ހުރެ ސަމާސާ ގޮތަކަށް ޒިޔަޒެލް ބުންޏެވެ. އެއާއެކު އެންމެންނަށް ވެސް ވިސްނުނީ އެކައްޗެކެވެ. ޒިޔަޒެލް މައިތިރިއެއް ބެހެއްޓީކަމެވެ. މީކާޢިލް ފިޔަވައި ދެންތިބި އެންމެންގެ މޫނުތަކުން ފާޅުވީ ހައިރާންކަމެވެ. އެއިން އެކަކަށް ވެސް ނޭނގި ޒިޔަޒެލް އެފަދަކަމެއް ކުރީ ކޮންއިރުބާއޭ ސުވާލު އުފެދުނީއެވެ. އެ އެންމެންނަށް ޒިޔަޒެލް ބަދަލުކޮށްލީ ހިނިތުންވުމެކެވެ.
"އަސުރުން ފައިބާ މީހާ ނުފެންނަނީ އެހެންވެގެންތަ؟" މީކާޢިލް ބުންޏެވެ. ޒިޔަޒެލް ބޯޖަހާލީއެވެ.
* * * * *
"ސާހިބު!..." ޒަގަންގެ އެންމެ ގާތުގައި ހުރި ޖިންނި ގޮވާލިއެވެ.
"ނުވިތަ؟" ޒަގަން އަހާލިއެވެ. އެއާއެކު އޭނާގެ ގާތުގައި ހުރި ޖިންނި އިސްޖަހާލީއެވެ.
"އެމީހުން އެއްވެއްޖެ، އެކަމަކު... ރައުލް... ރައުލްގެ ހިލަމެއްނުވޭ، އެމީހުންގެ ތެރޭގައި ރާވިންއާއި ޔާފިއާއެއް ވެސް ނެތް، ސާހިބުގެ ކޮއްކޮ އެބަހުރި ނުކުމެ" ސިއްރުން ކަހަލަ ގޮތަކަށް ޒަގަންގެ ގާތުގައި ހުރި ޖިންނި ހޯދައިގެން އައި މަޢުލޫމާތު ދިނެވެ.
"އެމީހުން ފޮރުވީތަ؟... ނޫނީ.... ހެ ހެ ހެ... އަހަރެން ހީކުރިވަރަށްވުރެ ބޮޑު ފިނޑިއަކަށް އޭނާ އެވީ، އަހަރެންނާ ކުރިމަތިލާން އޭނާ ފަސްޖެހުނީތާ" ޒަގަން ޖަހާލީ ބާރު ހިނިގަނޑެކެވެ. އޭނާއަށް ހީކުރެވުނީ އީޝަލް ގޮވައިގެން ރައުލް ފިލީކަމަށެވެ.
"ކޮންމެ ގޮތަކުންވިޔަސް ވަރިހަމަ، އެމީހުންގެ ގަގަން ފުނޑުފުނޑުކޮށްލައި، ވަށައިގެން ބަލައި... އެމީހުންނަކީ ވާހުގައި ދަތުރުކުރާބައެއް، އެމީހުންގެ ތެރެއިން ބަޔަކު ދަތުރުކޮށްފިނަމަ އަހަރެންނަށް ވަގުތުން އަންގާތި" ޒަގަން ބުންޏެވެ. ކުރުނީސްކޮށް ޒަގަންގެ ގާތުގައި ހުރި ޖިންނިއަށް އަމުރުކުރެވުނު ކަންތައް ކުރުމަށް ދިޔައެވެ.
ޒަގަންއާއެކު އައީ އެންމެ އެއްހާސް ޖިންނީގެ ލަޝްކަރެކެވެ. އެއީ އެމީހުންގެ ނިސްބަތުން ވަރަށް މަދު މިންވަރެކެވެ. ނަމަވެސް އޭނާގެ އަމިއްލަ ބާރު ހިނގާ ގަނޑުވަރުގައި ތިބި ބަޔަކީ އެއީއެވެ. އެންމެން ޖެހިލުންވާވަރުގެ ބޮޑު ލަޝްކަރެއް އެކުލާވާލަން އޭނާ ދަތުރުކުރުމުގައި ވަގުތު ބޭކާރުކުރަން ބޭނުންނުވީއެވެ. އެއަށްވުރެ އޭނާ ހުރީ ރައުލްއާއި އީޝަލްއާ ދެމެދުގައި އޮތް ގުޅުމާމެދު މޭނުބައިކޮށްފައެވެ. އީޝަލްގެ މައްޗަށް އޭނާގެ ނަފްސު ދޫވި ހިސާބުން ޒަގަން ޤަބޫލުކުރަނީ އީޝަލްއަކީ ހަމައެކަނި އޭނާގެ މިލްކިއްޔާތެއްކަމެވެ. އީޝަލްގެ ހުރިހާކަމަކަށް އެންމެ ހައްޤުކަން ބޮޑީ އޭނާ ކަމެވެ. ރައުލް ގާތްވުމަކީ އޭނާގެ އެއްޗެއްކަމަކު އެ އެއްޗެއް ނަޖިސްކުރުވާނޭ ކަމެއްކަމުގައި ޒަގަން ދެކެއެވެ. އެ ޚިޔާލުތަކުން ޒަގަންއަށް ދަތްކުނޑިވިކާލެވުނެވެ. ހިތުގެ ނުތަނަވަސްކަން އިތުރުވެ ކެތްތެރިކަން ކުޑަވަމުންދިޔައެވެ. އެހެންވިޔަސް އޭނާ ކުރިއަށް ނުކުންނާކަށް ބޭނުމެއްނޫނެވެ. ވެރިމީހާއަށްވީތީ ކަނޑީގެ މިޔަމައްޗަށް ފުރަތަމަ ދިއްކޮށްލެވޭނޭ ބަޔަކީ އޭނާގެ ޢައުވާނުންނެވެ. ކަންތައްތައް ގޯސްވެއްޖެނަމަ އެބައިމީހުން ދޫކޮށް އަމިއްލަ ފުރާނަ ސަލާމަތް ކުރެވޭނީ އޭރުންކަން ޒަގަން ޤަބޫލުކުރެއެވެ.
ރަށުގެ ވަށައިގެން ޒަގަން ވެސް ބަލައިފިއެވެ. ފެންނަނީ އާދަޔާ ޚިލާފަށް ހަމަހިމޭންކޮށެވެ. ޖިންނިތައް ހާސްވެގެން ބައިބަޔަށް އުޅޭތަނެއް ނުފެނެއެވެ. އެމީހުން ކުރިއާލާ ތައްޔާރީތައްވީބާއޭ ޒަގަންގެ ހިތަށް އެރިއެވެ. އެ ވިސްނުމުގައި ކުއްލިއަކަށް އީޝަލް ރަށުގައި ނެތީބާއޭ ޒަގަންގެ ހިތަށް އެރިއެވެ.
"އެމީހުން ހަޤީޤަތަށް ވެސް އީޝަލްއާއި ރައުލް ފޮރުވީތަ؟... އުޑުގައި ފޮރުވީތަ؟... އެހިސާބަށް އަހަރެމެންނަށް ވާސިލުނުވެވޭނޭކަން އެނގޭތީތަ؟... އެހެންވެއްޖެނަމަ އަހަރެން މިއައި ބޭނުން ބޭކާރުވީ، މިކަމުގައި ބައްޕަގެ ލަފާ ބޭނުންވާނެ، މީ އަހަރެންނަށް ލިބިފައިވާ ޢިލްމެއްނޫން... އެމީހުންގެ ވައްޓަފާޅިއެއް އަހަރެންނަކަށް ނޭނގޭ، އެކަމަކު އެ މީހުންގެ ތެރޭގައި ވެސް އަހަރެމެންނާ އެއްބައިވެދާނޭ ބަޔަކު ތިބެދާނެ، އުޑަށް އެރޭނޭ ބަޔަކު ތިބެދާނެ، އެހެންވެއްޖެނަމަ އެބަޔަކު ހޯދޭނީ ބައްޕަގެ އެހީގައި... ކީއްވެތަ ކުރީން މިހެންވެދާނޭކަން ނުވިސްނުނީ... ވަރަތަކުގެ ވެރީންވޭ، އީޝަލްއާ އެ މީހުން ތަފާތު، އީޝަލްގެ ވަރައިގަވާ ފަދަ ރީތިކަމެއް ދުވަހަކުވެސް ނުދެކެން" ޒަގަންއަށް ދެފަރާތައް ބޮހޫރާލެވުނެވެ. ކުއްލިއަކަށް މިލިބުނު ހާސްކަމުގައި އޭނާގެ ވަށައިގެން ލޮނުގަނޑު ކެކެންފެށިއެވެ. ނަފްސުގެ ހިފެހެއްޓުން ގެއްލެމުންދަނީއެވެ. އާދެވުނީ ބޭކާރުގޮތުގައިހެން ހީވާން ފެށީއެވެ.
"ސާހިބު" ކުރިން ވެސް ޒަގަންގެ ގާތަށް އައި ޖިންނި އަތުވެއްޖެއެވެ.
"ތި އައީ ރަނގަޅު ޚަބަރަކައިގެންނަމަ އަވަސްކުރޭ، އެހެންނޫނީ އަހަރެންގެ ކުރިމަތިން ފެއްސޭ" ޒަގަން ބުންޏެވެ. އޭނާ އަޑުގައިވީ ހަރުކަށިކަމެވެ.
"ރަނގަޅު ޚަބަރަކަށް ވާނޭކަން ބުނާކަށް ނޭނގޭ، އެކަމަކު ރަށުގެ ވަށައިގެން އެ ދަނޑިބުރިތަކެއް ޖަހާފައި ހުރިކަމުގެ ނިޝަން ފެނިއްޖެ" އެ ޖިންނި ޖެހިލުންވެފައި ހުރެ ބުންޏެވެ.
"ދެން އެއީ ކިހިނެއްވާ އެއްޗެއްތޯ ނުބަލާ ތިއައީ ކީއްކުރަންތަ؟ ގޮސް ބަލާބަލަ އެކަމުގެ ހަޤީޤަތް، އެތަކެތި އުފުރާލެވޭނޭ ގޮތެއް ހޯދާ" ޒަގަން ބުންޏެވެ. އިތުރު އެއްވެސް އެއްޗެއް ބުނުމެއްނެތި ޒަގަންގެ ގާތުގައި ހުރި ޖިންނި ފެނުތެރޭގައި ދިޔަ އުންޑައެއްހެން ގޮސް ގެއްލިއްޖެއެވެ. (ނުނިމޭ)