ދުނިޔެ

އިޒްރޭލުން ނޫސްވެރިންނަށް ދިން ހަމަލާތަކުގެ ރިޕޯޓް ނެރެފި

ފާއިތުވި އޭޕްރީލް މަހު އިޒްރޭލުން ނޫސްވެރިކަމުގެ މިނިވަންކަމާއި ދެކޮޅު 13 އަމަލެއް ހިންގައި ނޫސްވެރިންނަށް އެކި ވަރުގެ އަނިޔާތައް ދީފައިވާ ކަމަށް ފަލަސްތީނުގެ ވަފާ ނޫސް އެޖެންސީން ރިޕޯޓް ކޮށްފި އެވެ.

އިޒްރޭލުން ނޫސްވެރިންނާމެދު ހިންގާ ނޭދެވޭ އަމަލުތައް ބަލައި ވަފާއިން ކޮންމެ މަހަކު ނެރޭ ރިޕޯޓް މިއަދު ވަނީ ޝާއިއު ކޮށްފަ އެވެ. އެ ރިޕޯޓުގައި ބުނާގޮތުން ރަބަރު އުންޑަ އާއި އަސްލު ވަޒަނާއި އެކި ވައްތަރުގެ ގޭސް ބޭނުން ކޮށްގެން އިޒްރޭލު ސިފައިން ފާއިތުވި އެޕްރީލް މަހު ނޫސްވެރިންނަށް އަމާޒުކޮށް ދީފައިވާ ހަމަލަތަކުގެ އިތުރުން އެއް ނޫސްވެރިއަކު ހައްޔަރުކޮށް އެހެން ނޫސްވރިއެއްގެ ލިޔެކިޔުންތައް ޖަހައިގަންފައި ވެއެވެ.

ތުރުކީގެ ރިޕޯޓަރެއް ކަމަށްވާ މުސްތަފާ ޚަރޫފް އެޕްރީލް މަހު ހައްޔަރުކޮށް ގުދުސްގައި ތިބި އޭނާގެ އާއިލާ ގާތަށް ދިއުމަށް ދޫކޮށްލަން އެދުމުން ގުދުސްގެ ކޯޓުން އެކަމަށް އިންކާރުކޮށް މޭ މަހު ތުރުކީއަށް އޭނަ އަނބުރާ ފޮނުވާލަންދެން ބަހައްޓާފައިވަނީ ޖަލުގަ އެވެ.

އެޕްރިލް ފަސް ވަނަ ދުވަހު ގާޒާ ބޯޑަރު ކައިރީގައި ކޮންމެ ހަފުތާއަކު ކުރިއަށް ގެންދާ "ގްރޭޓް މާޗް އޮފް ރިޓާން" މުޒާހަރާ ކަވަރު ކުރަން ހަރަކާތްތެރިވި އަމަދް ނިއުސް އެޖެންސީ ނޫސްވެރިއަކާއި ނޫރު ނިއުސް އެޖެންސީގެ ނޫސްވެރިއެއްގެ ފަޔަށް ގޭސް ބޮމެއް ގޮއްވާލައި ޒަހަމް ކޮށްލާފައި ވެއެވެ.

އެޕްރީލް 10 ވަނަ ދުވަހު އިޒްރޭލް ސިފައިން ނޫސްވެރިޔާ ރާއިދް އަލް-ޝަރީފްގެ ގެއަށް ވަދެ އެ އާއިލާ ވަކި ކޮޓަރިއެއްގައި ހިފެހެއްޓުމަށް ފަހު އެގޭގެ އެތެރެ އެ ފުށް މި ފުށަށް ޖަހާލި އިރު 12 ވަނަ ދުވަހު ފަލަސްތީން އަލް ހަދަޘް ނޫހުގެ ފޮޓޯގްރާފަރު އަދި ނޫސްވެރިޔާ އަހްމަދު އަލް-ޒުރޭ ގާޒާގެ ބުރުޖު ރެފިއުޖީ ކޭމްޕުގެ މުޒާހަރާތައް ރިޕޯޓުކުރަން ހަރަކާތްތެރި ވަނިކޮށް އޭނަގެ ބަނޑަށް ވަނީ ރަބަރު ވަޒަން ޖަހައި އެތެރެހަށި ޒަހަމްކޮށްލާފައެވެ.