ވިޔަފާރި

މިފްކޯއިން ދުނިޔޭގެ އެންމެ ބޮޑު ސީފުޑް ފެއާގައި ބައިވެރިވެއްޖެ

May 9, 2019

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ދުނިޔޭގެ އެންމެ ބޮޑު ސީފުޑް ފެއާގައި ބައިވެރިވެއްޖެ އެވެ.

މިފްކޯ އިން ބުނީ ދުނިޔޭގައި އެންމެ ބޮޑުކޮށް ބާއްވާ މަސްވެރިކަމުގެ މި ފެއާ ކަމަށް ބަރަސަންސް ސީފުޑް ފެއާގައި ބައިވެރިވަމުންދާ ކަމަށާ، "ސީފުޑް އެކްސްޕޯ ގްލޯބަލް" ޝޯގައި ސީފުޑްގެ އެކި ބާވަތްތަކާއި ފަރުމާހާއި ބޮޑު ކަންނެލި އަދި ކަޅު ބިލަމަހުން ތައްޔާރުކުރާ ދަޅުމަސް، ފްރެޝް އަދި ފްރޯޒަން އާއި ތައްޔާރީ ކާތަކެތި އެ ކުންފުނިން ދައްކާލާނެ ކަމަށެވެ.

މި ފެއާގައި އެ ކުންފުނީގެ ސީއީއޯ އިސްމާއިލް ފައުޒީގެ އިތުރުން ސީނިޔަ ދެ ބޭފުޅުން ބައިވެރިވެފައިވެ އެވެ.

މި ފެއާއަކީ ސީފުޑްގެ ވިޔާފާރީގައި ހަރަކާތްތެރިވާ ޕްރޮސެސަރުން، ގަނެ ވިއްކާ ފަރާތް ތަކުން އަދި ސިނާއީ ގޮތުން ގުޅުން ހުރި އެކި ދާއިރާތަކުން އެކުލެވޭ ނަން މަޝްހޫރު އެތައް ބްރޭޑްތަކާއި ތަޖުރިބާކާރުން މިޝޯގައި ބައިވެރިވެ އުފެއްދުންތައް ދައްކާ އިޝްތިހާރު ކުރާ ފެއާއެކެވެ. މި ފެއާ ކުރި އަށް ދަނީ މި މަހުގެ 7 އިން 9 އަށެވެ.

މި އަހަރު ބާއްވާ 27 ވަނަ ސީފުޑް އެކްސްޕޯ ޝޯގައި 88 ގައުމަކުން ބައިވެރިވެފައިވެ އެވެ.

ދެހާސް ސަތާރަ ވަނަ އަހަރުން ފެށިގެން، މިފްކޯ އިން ދަނީ މި ފެއާގައި ބައިވެރިވަމުންނެވެ. މި އަހަރުގެ މިފްކޯގެ ސްޓޯލުގައި އެ ކުންފުނީގެ ވިޔަފާރި ކުރާ ފަރާތްތަކާއި އެއް ފުރާޅެއްގެ ދަށުން ބައްދަލުކޮށް އަދި އިތުރަށް ވިޔަފާރި ފުޅާކުރުމަށް ހުރި ފުރުސަތުތައް ދެނެގަންނާނެ އެވެ. އަދި ދިވެހި މަސްވެރިކަމުގެ އުފެއްދުންތަކުގެ މަގުބޫލުކަން އިތުރުކުރުމަށް ރާއްޖޭގެ ދޮށީގެ މަސްވެރިކަމާއި މަސްވެރިކަން ދެމެހެއްޓެނިވި ގޮތުގައި ކުރުމަށްކުރެވޭ މަސައްކަތްތަކާއި ދިވެހި މަސްވެރިކަމުގައި ހުރި ޒިންމާދާރުކަން ބޭރުގެ ފަރާތްތަކަށް ހާމަކޮށްދޭނެ ކަމަށް މިފްކޯއިން ބުނެފައިވެ އެވެ.