ކުޅިވަރު

ޔޫރޮޕާ ލީގްގެ ފައިނަލަށް ޗެލްސީ، އާސެނަލް

ޔޫރޮޕާ ލީގްގެ ފައިނަލަށް، އިނގިރޭސި ޕްރިމިއާ ލީގްގެ ގަދަ ދެ ބާރު ކަމަށްވާ، ޗެލްސީ އާއި އާސެނަލް ދަތުރު ކޮށްފި އެވެ.

ޗެލްސީ ފައިނަލަށް ދަތުރު ކުރީ، ޖަރުމަންގެ އައިންޓްރެކްޓް ފްރެންކްފާޓްއާ ދެކޮޅަށް ކުޅުނު ދެ ވަނަ ލެގް މެޗުވެސް އެއްވަރުވެ، ޕެނަލްޓީ ޖަހައިގެން 4-3 ން މޮޅުވެގެންނެވެ. ޗެލްސީން މެޗު ކާމިޔާބު ކުރީ ޓީމުގެ ތަރި އެޑެން ހަޒާޑް ކާމިޔާބު ކުރި ޕެނަލްޓީންނެވެ.

ފްރެންކްފާޓުން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން، މާޓިން ހިންޓާއޭގާ އަދި ގޮންސާލޯ ޕެސެއެންސިއާ ޖެހި ޕެނަލްޓީ، ޗެލްސީގެ ކީޕަރު ކެޕާ އަރައިޒަބަލަގާ ދިފާއު ކުރި އެވެ. ޗެލްސީ ޖެހި ފަސް ޕެނަލްޓީގެ ތެރެއިން އަޒިޕިލިކްއޭޓާ ފޮނުވާލި ޕެނަލްޓީ ފްރެންކްފާޓްގެ ކީޕަރު ކެވިން ޓްރެޕް ދިފާއު ކުރި އެވެ.

ސެވިއްޔާ އާ އެކު ޖެހިޖެހިގެން ތިން ފަހަރަށް، ޔޫރޮޕާ ލީގް ހޯދި އުނައި އެމެރީ، އޭނާގެ މިހާރުގެ ޓީމު އާސެނަލް ފައިނަލަށް ގެންގޮސް ދިނީ، އޭނާގެ ކުރީގެ ކުލަބު ވެލެންސިއާ ބަލި ކުރުމަށް ފަހު އެވެ. ވެލެންސިއާގެ ދަނޑު މެސްޓެޔާގައި ކުޅުނު ދެ ވަނަ ލެގް މެޗު އާސެނަލް ކާމިޔާބު ކުރީ، 4-2 ންނެވެ. ދެ ލެގްގެ ނަތީޖާއިން އާސެނަލް މެޗު ކާމިޔާބު ކުރީ 7-3 ގެ އެގްރިގޭޓް ނަތީޖާއިންނެވެ.

ރޭ ގެ މެޗުގައި، ޕިއާ އެމްރިކް އޮބާމަޔެންގް ވަނީ އާސެނަލް އަށް ހެޓްރިކް ހަދައިދީފަ އެވެ. އާސެނަލްގެ އަނެއް ލަނޑު ކާމިޔާބު ކޮށްދިނީ އެލެގްޒެންޑާ ލަކެޒެޓް އެވެ. ވެލެންސިއާގެ ދެ ލަނޑުވެސް ކާމިޔާބު ކުރީ ކެވިން ގެމީރޯ އެވެ.

އަޒަރުބައިޖާންގެ ވެރިރަށް ބަކުގެ އޮލިމްޕިޔާ ސްޓޭޑިއަމްގައި ކުޅޭ ފައިނަލް މެޗު އޮންނާނީ މި މަހު 29 ވަނަ ދުވަހު އެވެ.