ހަބަރު

ކުޑަކުދިންގެ ހައްގުތަކާބެހޭ ގާނޫނާ މެދު އެޗްއާރްސީއެމްގެ ކަންބޮޑުވުން

May 10, 2019
4

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާބެހޭ ގާނޫނުގައި އިހުމާލުވާ ފަރާތްތަކަށް ދޭނެ އަދަބެއް ބަޔާންކޮށްފައި ނުވާތީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ކުޑަކުދިންގެ ދުވަހާ ގުޅިގެން އެޗްއާރްސީއެމް އިން މިއަދު ނެރުނު ބަަޔާނުގައި ބުނީ މި ދުވަސް ފާހަގަ ކުރަނީ ކުޑަކުދިންގެ ހައްގުތަކަށް އަހުލުވެރިކުރުވުމަށާއި އެ ކުދިންނަށް އަމާން ވެއްޓެއް ގާއިމް ކުރުމަށް ބާރު އެޅުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެ ކުދިންގެ ހައްގުތައް ކަށަވަރުކޮށްދީ، ރަނގަޅު ތައުލީމާއި ތަރުބިއްޔަތު ދޭން ޖެހޭ ކަމަށާއި ދުޅަ ހެޔޮ ސިއްހަތެއްގައި ހެދި ބޮޑުވުމަށް ފުރުސަތު ދޭން ޖެހޭ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެކަންކަން ހާސިލު ކުރުމަށާއި ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރާ ކުރާ މީހުންނާ މެދު ހާއްސަ އުސޫލަކުން އަމަލު ކުރުމަށް ގާނޫނެއް އެކުލަވާލާފައިވާ ކަމަށާއި ނަމަވެސް ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާ ބެހޭ އެ ގާނޫނުގައި އެ ކުދިންގެ ހައްގުތަކާމެދު އިހުމާލުވާ ފަރާތްތަކާއި ހައްގުތަކަށް އުނިކަން ލިބޭގޮތަށް އަމަލުކުރާ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތަކާއި، ދޭނެ އަދަބުތައް ބަޔާންކޮށްފައި ނެތް ކަމަށް އެޗްއާރްސީއެމް އިން ބުންޏެވެ. އެއީ ކުޑަކުދިންގެ ހައްގުތައް އެންމެ ފުރިހަމަ ގޮތުގައި ރައްކާތެރިކުރުމަށް އޮތް ގޮންޖެހުމެއް ކަމަށް ވެސް އެޗްއާރްސީއެމް އިން ބުންޏެވެ.

މިދިޔަ އަހަރުގެ ތެރޭގައި ކުޑަ ކުދިންނަށް ޖިސްމާނީ، ނަފްސާނީ އަދި ޖިންސީ އަނިޔާގެ މައްސަލަތަކާއި، އިހުމާލުވުމުގެ މައްސަލަތަކެއް އެޗްއާރްސީއެމްއަށް ހުށަހެޅިފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އޭގެ އިތުރުން މައިންބަފައިންގެ މެދުގައި ޖެހޭ މައްސަލަތަކާއި އަމިއްލަ ފައިދާއަށް ދަރިން ނަހަމަގޮތުގައި ބޭނުންކުރާ މައްސަލަތައް ވެސް ހުށަހެޅިފައިވާ ކަމަށް އެޗްއާރްސީއެމް އިން ބުންޏެވެ.

އެޗްއާރްސީއެމް އިން ބުނީ ކުޑަކުދިންނަށް ލިބެންޖެހޭ ހިމާޔަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބިލާއި ޖުވެނައިލް ޖަސްޓިސް ބިލު ވީއެންމެ އަވަހަށް ފާސްކުރުން މުހިންމު ކަމަށެވެ. އަދި މިހާރު ހަދާފައިވާ ގާނޫނުތައް ވެސް ތަންފީޒުކޮށް، އެއަށް މީހުން އަހުލުވެރިކުރުވުމަށް ބާރު އަޅަން ޖެހޭ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.