ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކޮންމެ ކުއްޖަކަށް އާއިލީ ލޯބި ލިބޭކަން ކަށަވަރު ކުރަންޖެހޭ: ރައީސް

May 10, 2019
7

ދިވެހި ކޮންމެ އާއިލާއަކަށް އުފަންވާ ކުއްޖަކީވެސް، ޅަފަތުން ފެށިގެން އާއިލީ ލޯތްބާއި އޯގާތެރިކަން ލިބޭނެ ކުއްޖެއްކަން ކަށަވަރު ކުރުމަކީ، ސަރުކާރުގެ ވަރަށް މުހިންމު މަގުސަދެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތޯބެއް މެދުވެރި ކުރައްވަ އެވެ.

ރައީސްގެ ހިތޯބުގައި ސަރަޙައްދުގެ ގައުމުތަކުގެ ކުޑަކުދިންގެ ހާލަތާ އަޅައިބަލާއިރު، ރާއްޖޭގެ ކުޑަކުދިންގެ ހާލަތު ނިސްބަތުން ރަނގަޅުކަން ފާހަގަ ކުރައްވާފައި ވެއެވެ. އެ ހިތޯބުގައި ރައީސް ވިދާޅުވީ ދިވެހި ކުޑަކުދީންގެ ހާލަތު ރަނގަޅު ކުރަން އިތުރަށް ހަރުދަނާ ކުރަންޖެހޭ ބައެއް ކަންކަން އެބަހުރި ކަމަށާއި މިވަގުތު އެންމެ އިސްކަންދީގެން، ސަރުކާރުން ކުރިއަށް ގެންދަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނެއް ފާސްކުރުމުގެ މަސައްކަތް ކަމަށެވެ.

ތުއްތު ކުދީންގެ ޞިއްހީ ދުޅަހެޔޮ ކަމާއި، ޖިސްމާނީ ހަށިހެޔޮކަމަށް، ހެޔޮ ބަދަލުތަކެއް ގެނެސްދޭންޖެހޭ ކަމަށާއި، ހެޔޮލަފާ ތަރުބިއްޔަތު ދިނުމަށް، ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ. އިތުރަށް ވިދާޅުވީ ހަށިހެޔޮ ދުޅަހެޔޮ ޒުވާން ޖީލެއް ބިނާ ކުރުމަށް ރަސްމީ ތަޢުލީމީ ނިޒާމުގެ ތެރެއިން، ކުޑަކުދިންގެ ޞިއްޙަތު ބެލޭނެ ދާއިމީ އިންތިޒާމުތަކެއް ހަމަޖެއްސުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ.