ވިޔަފާރި

ދިރާގު މޮބައިލް ޕޭގެ ހިދުމަތް މާރުކޭޓު ގޮޅިއަށް

ފޯނު މެދުވެރިކޮށް ފައިސާ ދެއްކޭ ގޮތަށް ދިރާގުން ތައާރަފުކޮށްފައިވާ "ދިރާގު ޕޭ" ގެ ހިދުމަތް މާރުކޭޓުގެ ގޮޅި ތަކަށް ތައާރަފު ކުރަން ފަށައިފި އެވެ.

"ޑިޖިޓަލް ވޮލެޓް" ގެ ގޮތުގައި ދިރާގުން ތައާރަފުކޮށްފައިވާ މޮބައިލް ޕޭގެ ހިދުމަތް ފުރަތަމަ ތައާރަފުކޮށްފައިވަނީ މާރުކޭޓު ހަ ނަމްބަރު ގޮޅި އަށެވެ. މީގެ އިތުރުން އަމީނީ މަގުގައި ހުންނަ މާރުކޭޓުގެ ގޮޅިއަކަށް ވެސް ވަނީ މި ހިދުމަތް ދީފަ އެވެ.

ދަނޑުވެރިކަމުގެ އުފެއްދުންތައް ވިއްކާ ލޯކަލް މާރުކޭޓުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ދިރާގުގެ އެސިސްޑެންޓް މެނޭޖަރު، އެޑްވަޓައިސިން އެންޑް އިވެންޓްސް ހަސަން ޝާރިހު އާދަމް ވިދާޅުވީ މިހާރު މޮބައިލް ފޯނު މެދުވެރިކޮށް ނަގުދު ފައިސާ ބޭނުން ނުކޮށް ފަސޭހައިން ފައިސާ ދެއްކޭނެ ކަމަށެވެ.

"މި ހިދުމަތް މާރުކޭޓަށް ތައާރަފު ކުރުމަށްފަހު މިހާރު މި ވަނީ ރޯދަ މަހާ ދިމާކޮށް ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށާފަ. މި ޕްރޮމޯޝަންގެ ދަށުން 150ރ. އާ ހަމައަށް ވިޔަފާރި ކުރުމުން ކަރާ ކިލޯއެއް މުޅިން ހިލޭ ލިބޭނެ،" ޝާރިހު

ދިރާގު "ޑިޖިޓަލް ވޮލެޓް" ގެ ހިދުމަތް ހޯދަން ފުރަތަމަ ޖެހޭނީ އެކަމަށް ރަޖިސްޓްރީ ކުރާ ށެވެ. އަދި އެ އަށްފަހު "ދިރާގު ޕޭ" އެޕްލިކޭޝަން ފޯނަށް އަޅައިގެން ފައިސާ ދެއްކުމާއި ފައިސާ ފޮނުވުން އަދި ނެގުމުގެ ހިދުމަތް ލިބޭނެ އެވެ. ފައިސާ ދެއްކޭނީ ދިރާގު މޮބައިލް ޕޭގެ ހިދުމަތަށް ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކުނެވެ. މި ގޮތުން މި ހިދުމަތް ދޭން ރާއްޖޭގެ އެކި ހިސާބުތަކުގައި އެޖެންޓުންނަށް ވަނީ ކަނޑައަޅާފަ އެވެ.

ދިރާގު މޮބައިލް މަނީ އެންޑް ޑިޖިޓަލް ކޮމާސް މުހައްމަދު ނައުޝާން ވިދާޅުވީ ދިރާގު ޕޭ ނުވަތަ ޑިޖިޓަލް ވޮލެޓް ހާއްސަ ވަނީ ކުދި އަދަދު ތަކުން ފައިސާ ދައްކާ ފަރާތްތަކަށް ކަމަށެވެ.

"މިއީ ހަމަ ޑިޖިޓަލް ވޮލެޓެއް. މި ހިދުމަތް ހޯދަން ބޭނުން އެއްޗެއް ހިޔާރު ކުރުމަށްފަހު އެޕް ހުޅުވުމަށްފަހު ކިއުއާރު ކޯޑު ސްކޭން ކޮށްލާފަ، ޕޭމަންޓް ދައްކާލެވޭނެ. މި ހިސާބުން ނިމުނީ،" ނައުޝާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިރާގު ކަސްޓަމަރު ބޭސް ދުވަހެއް ދުވަހަށް އިތުރުން ވަމުންދާ ކަމަށެވެ. މިގޮތުން މި ހިދުމަތް ދޭން ލާރި އެޅުމާއި ލާރި ނެގުމުގެ ހިދުމަތް ދޭން ފަންސާހަށް ވުރެ ގިނަ އެޖެންޓުން ހަރަކާތްތެރިވާ ކަމަށެވެ.

"މި ހިދުމަތް ދިނުމަށް 150 އަށް ވުރެ ގިނަ ވިޔަފާރި ހަރަކާތްތެރިވޭ. މި ހިދުމަތް މެދުވެރިކޮށް ރީލޯޑު ކުރުމުން 20 ޕަސެންޓާ ހަމަ އަށް ޑިސްކައުންޓް ލިބޭ. މީގެ އިތުރުން ބައެއް ރެސްޓޯރެންޓް ތަކުން ވެސް ހާއްސަ ޑިސްކައުންޓްތަކެއް ލިބޭނެ. އޮކްސިޖަން އާއި އެޗްއައިއެޗް އަދި ސީހައުސް ފަދަ ތަންތަނުން މި ޑިސްކައުންޓް ލިބޭނެ،" ނައުޝާން ވިދާޅުވި އެވެ.

މާރުކޭޓުން މި ހިދުމަތް ފުރަތަމަ ބޭނުންކުރި، މާރުކޭޓު ހަ ނަމްބަރު ގޮޅީގެ ވެރިޔާ އަބްދުﷲ ބުނީ "ދިރާގު ޕޭ" އިން ލިބޭ އެންމެ ބޮޑު ފަސޭހައަކީ ފައިސާ މާރު ކުރަން ނުޖެހުުން ކަމަށެވެ.

"މިއީ ވަރަށް ރައްކާތެރި ހިދުމަތެއް. މި ހިދުމަތް މެދުވެރިކޮށް ފައިސާ ދައްކާލަން ފަސޭހަ،" އަބްދުﷲ ބުންޏެވެ.