ޔުވެންޓާސް

ޔުވެންޓަސްގައި އެލެގްރީ މަގާމާމެދު ސުވާލު އުފެދިފައި

ޔުވެންޓަސްގެ ކޯޗް މެސިމިލިއާނޯ އެލެގްރީގެ ކުރިމަގާ މެދު ސުވާލު އުފެދިފައި ވަނިކޮށް، ކުލަބު ވެރިންނާ ބައްދަލު ކުރުމަށް ހަމަޖެހިއްޖެ އެވެ.

އެލެގްރީ ބުނީ، ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލުގެ ކުރިން ޔުވެންޓަސްގެ ރައީސް އަންޑްރޭ އަންނިއެލީ އާ ބައްދަލު ކުރި ކަމަށެވެ. އެ ބައްދަލު ވުމުގައި ޔުވެންޓަސްގެ ކޯޗްގެ މަގާމުގައި އޭނާ ދެމި ހުންނާނެ ކަމަށް ބުނެފައިވާނެ ކަމަށެވެ.

އެހެންނަނަމަވެސް، މިހާރު އެލެގްރީގެ މަގާމާ މެދު ސުވާލު އުފެދިފައިވާ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. ޔުވެންޓަސްގައި އެލެގްރީގެ ފަސް އަހަރުގައިވެސް އޭނާ ވަނީ އިޓާލިއަން ލީގް ޗެމްޕިއަންކަން ޔުވެންޓަސް އަށް ހޯދަިއިދީފަ އެވެެ. ނަމަވެސް ޗެމްޕިއަންސް ލީގްގައި އެ ޓީމަށް ކާމިޔާބު ނުހޯދޭތީ އެކަމުގެ ކަންބޮޑުވުން ޔުވެންޓަސްގެ ވެރިންގެ މެދުގައި އުފެދިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެލެގްރީ ބުނީ، ޔުވެންޓަސްގެ ވެރިންނާއި އޭނާއާ ރަނގަޅު ގުޅުމެއް އުފެދިފައިވާ ކަމަށެވެ. ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލުގެ ކުރިން އަންނިއެލީ އާ ބައްދަލު ކުރި ނަމަވެސް މި ހަފުތާގައިވެސް ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

"ރައިސް [އަންޑްރޭ އަންނިއެލީ] އާ މިހަފުތާގައި އަހަރެން ބައްދަލު ކުރާނަން،" އެލެގްރީ ބުންޏެވެ. "އަހަރެމެން ވަރަށް ހުޅުވާލެވިގެން އާންމު މަޝްވަރާތައް ކުރާނަން ކޮންމެ އަހަރަކުވެސް އަހަރެމެން ކުރާހެން."

އެލެގްރީ ބުނީ، ކްއާޓާ ފައިނަލުގެ ކުރިން ކުރި މަޝްވަރާތައް މިހާރަށް މުހިންމު ނުވާ ކަމަށެވެ. މި ސީޒަންގައިވެސް ޔުވެންޓަސްއިން ވަނީ އިޓަލީ ލީގް ކާމިޔާބު ކޮށްފަ އެވެ.

މިފަހަކަށް އައިސް ފެތުރެމުންދާ ވާހަކަ އަކީ ޓޮޓެންހަމް ހޮޓްސުޕާސްގެ ކޯޗް މައުރީޝިއޯ ޕޮޗެޓިނާ ގެނައުމަށް ޔުވެންޓަސްއިން މަސައްކަތް ކުރަމުންދާ ވާހަކަ އެވެ.