(9 މެއި 2019 އާ ގުޅޭ)
"ދެން އެއީ ކިހިނެއްވާ އެއްޗެއްތޯ ނުބަލާ ތިއައީ ކީއްކުރަންތަ؟ ގޮސް ބަލާބަލަ އެކަމުގެ ހަޤީޤަތް، އެތަކެތި އުފުރާލެވޭނޭ ގޮތެއް ހޯދާ" ޒަގަން ބުންޏެވެ. އިތުރު އެއްވެސް އެއްޗެއް ބުނުމެއްނެތި ޒަގަންގެ ގާތުގައި ހުރި ޖިންނި ފެނުތެރޭގައި ދިޔަ އުންޑައެއްހެން ގޮސް ގެއްލިއްޖެއެވެ.
ރަށުގެ ފުށޮޅުފަރާތުގައި ވެސް ރާޅަށް ގޯނާ ނުކެރޭވޭނޭހާ އެއްގަމަށް ޖަހާފައި ހުރި ދަނޑިބުރިތަކުގެ ކުރި ކިރިޔާ ފެންނަނީއެވެ. އެ އެއްޗިއްސާ ހަމައަށް ޒަގަންއަށް ވާގިދޭ ޖިންނީންގެ ލަޝްކަރުގެ އިސް އޮފިސަރުންނަށް ވާސިލުވެވޭ ގޮތެއްނުވިއެވެ. ރަށުގެ ވަށައިގެން ރައްކާތެރިކަމުގެ ދުލިފަށެއް ލެވިފައިވާ ފަދައެވެ. އެ ފޫއަޅުވައިލާނޭ ގޮތެއް އެ މީހުންގެ ބުއްދިތަކާއި ލޯތަކަށް ނުފެނުނެވެ. ޒަގަންގެ އަމުރަށް އޭނާގެ މުޅި ލަޝްކަރު ރަށް ވަށައި އެތުރިލައިފިއެވެ. އެ މީހުންގެ އަތުގައިވާ ހަތިޔާރުތަކުން ރަށަށް ހަމަލާދެވޭތޯ އުޅެއެވެ. އޭރު އޮއެގަދަވެ މާކަނޑުން ބޮޑެތި ރާޅުތައް ނަގަންފަށައިފިއެވެ. ބައެއްފަހަރަށް ލޮނުގަނޑު ކެކިގަންނަހެން ވެސް ހީވެއެވެ. ގިނައިރެއްނުވެ ސުނާމީއެއް ފަދަ ވަރުގަދަ އުސް ބޮޑު ރާޅެއް ކަނޑުން ހިއްލާލައިފިއެވެ. އެއްކޮޅުން އަރައިގެން އަނެއްކޮޅަށް ފައިބައިގެން ދާ އުސޫލަކުން ނޫނެވެ. ރާޅު އުފުލިފައި ހުރީ ރަށުގެ ވަށައިގެންނެވެ. އަތިރިމަތީ ހުރި ޒިޔަޒެލް އެތަނުން ގެއްލުނުތަން ޒަގަން ދުށްޓެވެ. އޭނާއާއި ދެން ތިބި ޖިންނީންގެ ބާރުން ރަށް މައްޗަށް ރާޅު ބިންދާލިއެވެ. ނަމަވެސް އެކަމުން ރަށުގައި ތިބި އެކަކަށް ވެސް އަސަރެއްނުކުރިއެވެ. އެމީހުންނާ ހަމައަށް ލޮނުގަނޑެއް ނުފޯރިއެވެ. ފޮނުއަޑު ކިޔާފައި ރާޅު ހިނދިގެން ދިޔައީ ކިހިނެއްކަމެއް ވެސް ނޭނގުނެވެ.
"ލާސަން، ކޮބާ ރައުލްގެ ޚަބަރެއްވެއްޖެތަ" ލަޝްކަރުގެ އެންމެ އިސް ކޮމާންޑަރަށް ޒަގަން ގޮވާލިއެވެ.
"އޭނާއެއް ނެތް... މި ރަށުން އޭނާގެ ވަސް ވެސް ފިލައިފި... ސާހިބާ!... މަނިކުފާނު ދެކެ ބިރުން، އޭނާ ފިލީ ތޯއްޗެއް" ލާސަން ހަރުއަޑުން ބުނެލިއެވެ.
"ރައުލް!...ރައުލް!...ރައުލް!...." ރުޅިގަދަވެފައި ހުރެ ތަކުރާރުކޮށް ރައުލްގެ ނަން ޒަގަން ކިޔާލިއެވެ.
"ހިންދުކަނޑުގައިވި ޖަޒީރާތައް އަތްފުނާ އަޅާ، މި ޖަޒީރާތަކުގެ ތެރެއިން ނުފެނިއްޖެނަމަ އަވަށްޓެރި ބޮޑެތި ބިންތަކަށް މީހުން ފޮނުވާ، މިކަމުގައި އަހަރެމެންނަށް ވާގިދޭނޭ ބަޔަކު ވެއްޖެނަމަ ރައުލް ހޯދަން އެ މީހުންގެ އެހީތެރިކަން ހޯދާ... ލާސަން!... ކަލެއާއި ކަލޭގެ ދަށުން ހުންނަ އޮފިސަރާ ދެ މީހުން ހުންނާނީ އަހަރެންނާއެކު، އޭނާ ހޯދުމަށް އަހަރެން ވެސް ނުކުންނާނަން" ޒަގަން ބުންޏެވެ.
* * * * *
"އެމީހުން ފަހަތަށް ޖެހެނީހެން ހީވަނީ" ފަރުވާތެރިކަމާއެކު މޫދާ ދިމާއަށް ބަލަން ހުރެފައި ހަތޯރު ބުންޏެވެ.
"އެއީ ޒަގަންނޫން މީހަކަށްނުވާނެ" ދާރިއުސް ބުންޏެވެ.
"އަހަރެން ކިހިނެއް ހަދަންވީ މީކާޢިލް" ސޭމެސް އެއްސެވެ.
"މަޑުކުރޭ... ޒިޔަޒެލް އަންނަންދެން މަޑުކުރޭ... އޭނާއަށް އެނގޭނީ" މީކާޢިލް ބުންޏެވެ.
އަދަދުން މަދު ނަމަވެސް އެ މީހުންގެ ހިތްވަރަކީ ޒިޔަޒެލްއެވެ. ސޭމެސްއާއި ދެން ތިބި ބައިވެރީން ވެސް މިއަދު އެ މީހުންނަށް އެ ފެނުނުވަރުގެ އަޖައިބެއް ނުދެކެވެ. ހަނގުރާމައިގައި އެ މީހުންގެ އުސޫލަކީ ސިއްރުން ގޮސް އަރައިގަތެވެ. އެއީ އަނިޔާވެރި ބައްދަލުވުމެކެވެ. ދުޝްމަނުން ބަލިކުރެވެނީ ކަނޑީގެ މިޔަތަކުންނެވެ. ނަމަވެސް ޒިޔަޒެލް ތަފާތެވެ. އޭނާ އެފަދަ އަނިޔާވެރި ކުރިމަތިލުމަކަށް ތާޢީދެއްނުކުރެއެވެ. އެއްވެސް ގޮތެއް ނެތިގެން އެންމެ ފަހުގެ ކަމަކަށްނޫނީ ކަނޑިތައް އުރަތަކުން ނެގުމެއްނުވެއެވެ.
ރަށުތެރެއިން ހަތިޔާރާއެކު ޖިންނީން ކޮޅުކޮޅަށް ނުކުންނަން ފަށައިފިއެވެ. މީކާޢިލްމެންގެ ގާތަށް ޒިޔަޒެލް އަންނަތަން ފެނުނީ ދެނެވެ. ރަށުގެ ބޮޑު ގަސް ހުރި މައިދާނަށް އެއްކުރެވުނު ޖިންނީންނާ ޒިޔަޒެލް ބައްދަލުކޮށް އެބައިމީހުންނަށް ވެގެން އުޅޭ ކަންތަކުގެ މަޢުލޫމާތު ފޯރުކޮށްދިނީއެވެ. ރަށުން ފައިބައިގެން ދާން ބޭނުންވާނަމަ އެކަމަށް ފުރުޞަތު ވެސް ހުޅުވާލިއެވެ. ނަމަވެސް ޖިންނީންނަކީ އެ ތަބާވާ މީހަކަށް މަރުޖެހޭންދެން ކިޔަމަންތެރިކަން އަދާކުރާ ބައެކެވެ. އެ މީހުން ދުށް ގޮތުގައި ޒިޔަޒެލްއަކީ އެމީހުންގެ ވެރިޔާއެވެ. އީޝަލް ބޮޑުވީ އެ މީހުންގެ ކުރިމަތީގައެވެ. ޢާއިލާއަށް ނުވި ނަމަވެސް ޢާއިލީ ކުލުނުވަނީ އެއްބަޔަކު އަނެއްބައެއްގެ މައްޗަށް ޖެހިފައެވެ. އެކަކު ވެސް އެ ފަސްގަނޑު ދޫކޮށް ދާކަށް ބޭނުމެއްނުވިއެވެ. އީޝަލްއާއި އެ މީހުން ދިރިއުޅޭތަން ރައްކާތެރި ކުރުމުގައި ޒިޔަޒެލްއާއެކު ފަސްނުޖެހި ތިބޭން ނިންމީއެވެ. ޒިޔަޒެލްގެ އިރުޝާދު ތަކާއެކު އެބައިމީހުން ރަށުގެ ކޮޅުކޮޅަށް ފޯރިމެރުމަށް ފެތުރިގަތީއެވެ.
ޒިޔަޒެލްއަށް އެނބުރި އައުމުން މާކަނޑުގެ ލޮނުގަނޑު މަޑުވެ އޮއެ ހިނދެން ފަށައިފިކަމުގެ ޚަބަރު ހަތޯރު ދީފިއެވެ. އަދި މިހުރިހާކަމެއްގެ ފަހަތުގައި ޒަގަންނޫން މީހަކު ނުހުންނާނޭކަން އެމީހުންނަށް ޔަގީންވާކަމުގައި ބުންޏެވެ. އިރުކޮޅަކު ކަނޑާ ދިމާއަށް ނަޒަރު ހުއްޓާލައިގެން ހުރެފައި އޭނާ ވާހަކަދެއްކިއެވެ.
"ހަތޯރު!... އަހަރެންނަށް އަޑުއިވިފައި އޮތް ގޮތުގައި އެއީ ކަލޭގެ ބޭބެ، ދެން މިތިބަ މީހުންނަށްވުރެ ވެސް އޭނާއާއި ކަލޭގެ ދެމެދުގައި އޮތް ގާތްކަން ބޮޑު... އޭނާއާ ކުރިމަތިލާން ތައްޔާރުތަ؟ ފަހަރެއްގައި އޭނާ އަހަރެމެންގެ ތެރޭގައި ޤަތުލުވުމަކީ ވެސް ވެދާނޭ ކަމެއް" ޒިޔަޒެލްގެ ވާހަކަދެއްކުމުގައިވި މަޑުމައިތިރިކަމުގައި ހިސާބެއްގެ މޮޅިވެރިކަމެއްވިއެވެ.
"ރަނގަޅު... އޭނާއަކީ އަހަރެންނާއި އެއްބަނޑުއެއްބަފާ މީހެއް، އެކަމަކު އޭނާގެ ހިތްވަނީ ކަޅުވެފައި... އޭނާއާއި އަހަރެންގެ މަންމައަށް ވިސްނައިދޭން އަހަރެން މަސައްކަތްކުރީން، ބޮޑާކަމާއި ކިބުރުވެރިކަންވަނީ ޒަގަން އަނދިރި މީހަކަށް ހަދާފައި، އީޝަލްއަކީ ރައުލްގެ ހައްޤެއް، އަހަރެމެން އެންމެން ވެސް އޭނާ ދުށުމަށް އެދެނީ ރައުލްގެ އަނތްބެއްގެ ގޮތުގައި، މި ކުރިމަތިލުމަކީ ޒަގަން އަމިއްލައަށް އޭނާގެ މައްޗަށް ލިބިގަންނަ މުސީބާތެއް، އެތައް ސަބަބަކާ ހުރެ އަހަރެންނަށް ރައުލް ޚާއްޞަވަނީ، އޭނާއާއެކު ސާބިތުވެ ހުންނަން ނިންމީ... މީ އަހަރެންނާ ކުރިމަތިވާ ބޮޑު އިމްތިހާނެއް، ނޫންތަ ޒިޔަޒެލް، އަހަރެންގެ ކަނޑީގެ މިޔައިގައި އޭނާގެ މަރު ލިޔެވިފައިވާނަމަ އެއީ ﷲގެ މިންވަރުފުޅުކަން އަހަރެން މިހުރީ ޤަބޫލުކުރަން ތައްޔާރަށް، އެކަމަކު އޭނާއަށް ހެޔޮ ވިސްނުންލިބެން ވެސް އަހަރެންގެ ޟަމީރު އެދޭ... އެހެންވިޔަސް ހާސްނުވޭ... އަހަރެން ކަލޭމެންނަށް ހަރާންކޯރެއްނުވާނަން" ހަތޯރު ބުންޏެވެ. ޒިޔަޒެލް އިތުރު އެއްޗެއް ނުބުނެއެވެ. ހިނިތުންވެލައިގެން ހުރެ ހަތޯރުގެ ކޮނޑުގައި މަޑުމަޑުން ޖަހާލީއެވެ.
"އައިސް ތިބީ ޒަގަންއާއި އޭނާގެ ޢައުވާނުން، ހާހަކަށް ޖިންނީން ވަރު އެބައުޅޭ... އޭނާގެ މަޤްޞަދު ސާފު، އޭނާ އެ އައީ އީޝަލް ހޯދަންކަން ޔަގީން، މައިތިރިވާނަމަ އެމީހުންނަށް ކޮންމެވެސް ގޮތަކުން އެނގުނީ އަހަރެމެންގެ ތެރޭގައި ރައުލްއާއި އީޝަލް ވެސް ނެތްކަން" ޒިޔަޒެލް ބުންޏެވެ. އެ ޚަބަރުތައް ޒިޔަޒެލްއަށް އޮޅުންފިލި ގޮތެއް އެނގެން ސޭމެސް ބޭނުންވިއެވެ. ނަމަވެސް ޒިޔަޒެލްއަކީ އޭނާ ޚަބަރުތައް އޮޅުންފިލުވާގޮތުގެ އުކުޅުތައް ހާމަކުރާނޭ ޖިންނިއެއްނޫންކަން އެނގޭތީ ސޭމެސް ހިމޭނުން ހުރީއެވެ. ޒިޔަޒެލްގެ ބާރާމެދު ވަރަށް ބޮޑަށް ސޭމެސް ޝައުގުވެރިވެއެވެ. ޚާއްޞަކޮށް އޭނާގެ އެ ހުންނަ ރޭވުންތެރިކަމުގެ ހުނަރެވެ. އޭނާއަށް ބަލާލުމުން އޭނާގެ ފަހަތުގައި ލަޝްކަރެއް އޮވެއްޖެނަމަ އެބައިމީހުން އެންމެފަހު ވަގުތާ ހަމައަށް ވެސް ތިބޭނީ ސާބިތުކަމުގައިކަން ސޭމެސްގެ ޟަމީރު އެއްބަސްވިއެވެ.
"ޒިޔަޒެލް" މީކާޢިލް ގޮވާލިއެވެ. އޭނާ ބުނަން އުޅޭ އެއްޗެއް ފަހުމްވީ ފަދައަކުން ޒިޔަޒެލް ވާހަކަދައްކަން ފެށިއެވެ.
"އެމީހުން ތިބީ ކޮންތާކުކަން އެނގޭނަމަ ޒަގަން މި ރަށަކަށް ނައީސް، އައިޒަންގެ ޚާއްޞަ ބެލުމުގެ ދަށުން އެކުދީން އެ ދިޔައީ، އެ މީހުން ތިބިތަނެއް ހޯދުމަކީ ހީކުރާހާ ފަސޭހަކަމަކަށްނުވާނެ" ޒިޔަޒެލް ވިސްނައިދިނެވެ. އެހެންވިޔަސް މީކާޢިލްގެ މޫނުން އަދިވެސް ފެންނަނީ ހާސްކަމެވެ.
* * * * *
ފަރުބަދަމަތިން އޮހެމުންދިޔަ ފެންއާރުން ފެންވަރައިގެން އައިސް ފޭލިގެތެރެއަށް އީޝަލް ވަނެވެ. އޭނާގެ ހިތްބިރު ގަންނަތާ ދެ ދުވަހެއް ވެއްޖެއެވެ. ބުނެދޭންނޭނގޭ އުނދަގޫ އިޙްސާސެއް ކުރެވެނީއެވެ. ކުއްލިއަކަށް މީކާޢިލްގެ މަތިން އީޝަލް ހަނދާންވާނީއެވެ. ބައްޕަގެ ހާލު ރަނގަޅުބާއޭ ހިތަށް އަރަނީއެވެ. އިނގިލީގައި އައިޒަން އަޅުވައިދިން އަނގޮއްޓިއަށް އީޝަލް ބަލާލިއެވެ.
"އީޝަލް" ފުރަގަހުން ރައުލްގެ އަޑު އިވުނެވެ. އޭނާ އައިސް ފޭލިގޭގައިވާ ތަންމަތީގައި އީޝަލްގެ ގާތުގައި އިށީނެވެ.
"ތި ވިސްނާކަމެއް އަހަރެންނާ ޚިއްޞާއެއް ނުކުރާނަންތަ؟ އިއްޔެވެސް އީޝަލް އެކަނިވެލާއިރަށް ހުންނަނީ ކޮންމެވެސް ކަމަކަށް ގެއްލި ގަބުވެފައި، ބުނެބަލަ... ހިތުގައި އޮތް އެއްޗެއް ކިޔާދީބަލަ" އަނބިމީހާގެ އަތްތިލަ ނަގައި އަމިއްލަ އަތްތިލައާ ހެޔޮވަރުކޮށްލަމުން ރައުލް ވާހަކަދެއްކިއެވެ.
"ހިތަށް އުނދަގޫވާގޮތްވަނީ... ބައްޕަމެންގެ ހާލު ރަނގަޅުބާއޭ ހިތަށް އަރަނީ" ރައުލްގެ އަތާއި ގުޅިފައިވާ އަތްތިލައަށް ނަޒަރު ހުއްޓާލައިގެން އިނދެ އީޝަލް ބުންޏެވެ.
"އެނބުރި ދާހިތްވަނީތަ؟ އަހަރެންގެ މައްސަލައެއްނެތް... މިވީ މަދު ދުވަސްކޮޅުގެ ތެރޭ އަހަރެން އުންމީދުވެސް ނުކުރާހާ ހިތްހަމަޖެހުމާއި އުފާ އީޝަލް ދީފި، އަހަރެންނަށް ވެސް ހީވަނީ އަހަރެމެން އެނބުރި ދާންވެއްޖެހެން" ރައުލް ބުނެލިއެވެ. އީޝަލްގެ އަތްތިލައިގައި ރައުލް ބޮސްދިން ހިނދު އޭނާ އިސްއުފުލައި ރައުލްއަށް ބަލާލިއެވެ. އެ ދެލޮލުގައިވަނީ ރުހުމުގެ ވިދުމެވެ. ތުންފަތުގައިވަނީ ހިތުލޯބީގެ ރަމްޒީ ހިނިތުންވުމެވެ.
"ރާވިން ގާތުގައި ރައުލް އަހާލަބަލަ، އެމީހުން މަޑުކުރަން ބޭނުންވެދާނެ" އީޝަލް ބުންޏެވެ.
"އޭނާގެ ހިތެއް އަދިވެސް ނުފުރޭ، އަހަރެންނަށް ހީވަނީ ޔާފިއާ ރޮލާ ކާލެވެންޏާ އޭނާ އެކަން ކުރާނޭ ކަންނޭނގެ" ކުޑަކޮށް ހީނލަމުން ރައުލް ބުނެލިއެވެ. އެއާއެކު އީޝަލްގެ ލުއި ހުނުމުގެ އަޑު ފާޅުވެލިއެވެ.
"ރައުލް އެދޭނަމަ އަހަރެން މިހުރީ ވަގުތުދޭން" ލަދުވެތި އިސްޖަހާލުމަކާއެކު އީޝަލް ބުނެލީ މަޑުމަޑުންނެވެ.
"މުޅިއުމުރަށް އަހަރެންނަށް މިލްކުވެއްޖެ، އަހަރެންގެ ހަޔާތުގެ ބައިވެރިޔާއަށް އީޝަލްވެއްޖެ... މިތަނުގައި އެކަހެރި ވަގުތުތަކެއް ހޭދަކުރުމުގައި ނޫޅުނަސް ތީ އަހަރެންގެ އަނބިމީހާ، ހުރިހާ ވަގުތު އަހަރެންގެ ގާތުގައި ހުންނާނެ ލޯބިވެރިޔާ... އެހެނެއްނޫންތަ؟ އަހަރެންނަށް ހީވަނީ އީޝަލް ނެތީމަ މީކާޢިލްއަށް ހަމަޖެހިލާނޭ ފުރުޞަތެއް ނުލިބޭނެހެން، އަހަރެންމީ ފިރިމީހާ ވިޔަސް އޭނާއަށް އޭނާގެ ދަރިފުޅުގެ މަތިން ހަނދާންނައްތައެއްނުލެވޭނެއެއްނު" ރައުލް ބުންޏެވެ.
"އެހެންވީރު އަހަރެމެން އެނބުރި ދާން ޤަބޫލުތަ" އީޝަލް އެއްސެވެ. ބޯޖަހާލައި އީޝަލްގެ ކޯތާފަތުގައި ރައުލް ބޮސްދީފިއެވެ.
"އިރުކޮޅަކުން ރޭގަނޑުގެ ކެއުން ހިފައިގެން އެމީހުން އަންނާނެ، އޭގެ ކުރީން އަހަރެން އެބަ އަންނަން ރާވިންއާ ބައްދަލުކޮށްފައި، އަހަރެން އަންނަންދެން އީޝަލް އަރާމުކޮށްލަންވީނު" ރައުލް ބުންޏެވެ. އަދި އޭނާ އިންތަނުން ތެދުވެ އީޝަލްގެ އަތުން ދޫކޮށްލުމުގެ ކުރީން އެ އަތްތިލައިގައި ފިރުމާލައިފިއެވެ. ފޭލީގެއިން އޭނާ ނުކުމެ ރަނގަޅަށް ދޮރު ބަންދުކުރިއެވެ. ތަންމަތީގައި އަރިއަކަށް އީޝަލް އޮށޯވެލީ ދެނެވެ.
(ނުނިމޭ)