ހަބަރު

މީރާއަށް މިދިޔަ މަހު ބަލައިގަތީ 1.31 ބިލިއަން ރުފިޔާ

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ އެޕްރީލް މަހު 1.31 ބިލިއަން ރުފިޔާ ބަލައިގެންފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.

މީރާއިން ބުނީ އެ އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 12.6 ޕަސެންޓް އިތުރު އަދަދެއް ކަމަށާއި، މިއީ މި އަހަރުގެ މި މުއްދަތުގައި ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ 6.3 ޕަސެންޓް އިތުރު އަދަދެއް ކަމަށެވެ.

ވޭތުވެދިޔަ އަހަރުގެ އެޕްރީލް މަހު ލިބުނު އާމްދަނީއަށްވުރެ މި އަހަރުގެ އޭޕްރީލް މަހުގެ އާމްދަނީ އިތުރުވެފައިވަނީ، ބައެއް ޓެކުހުގެ ގޮތުގައި ދައްކަންޖެހި ނުދައްކާހުރި ފައިސާ ޓެކްސް ދައްކާ ފަރާތްތަކުން މި މަހުގެ ތެރޭގައި ދައްކާފައިވާތީކަމަށް ވެސް މީރާާއިން ބުންޏެވެ.

އޭޕްރީލް މަހު ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓީޖީއެސްޓީ، އާއި ޖީޖީއެސްޓީ އާއި ބީޕީޓީ އަދި ރިޒޯޓު ކުލީގެ ގޮތުގައި ދައްކަންޖެހި ނުދައްކާހުރި ފައިސާ އެ މަހުގެ ތެރޭގައި ދައްކާފައިވުމެވެ. އެޕްރީލް މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ.

އެގޮތުން ޖީއެސްޓީގެ ގޮތުގައި 875.69 މިލިއަން ރުފިޔާ ލިބިފައިވާއިރު، ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނު، ގްރީން ޓެކުހުން ލިބިފައިވަނީ، 83.6 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން، އެއަރޕޯޓު ޑެވެލޮޕްމަންޓް ފީގެ ގޮތުގައި 70.65 މިލިއަން ރުފިޔާ، އެއަރޕޯޓު ސަރވިސް ޗާޖްގެ ގޮތުގައި 70.13 މިލިއަން ރުފިޔާ، ބީ.ޕީ.ޓީގެ ގޮތުގައި 69.72 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 135.88 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މީގެ އިތުރުން މިދިޔަ މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 55.9 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށްވެސް މީރާއިން ވަނީ ބުނެފަ އެވެ.