ސަރުކާރުގެ އޮފީސްތަކަށް ކަނޑައަޅާ ބަޖެޓަށް ވުރެ އިތުރަށް ބޭނުންކުރާނަމަ، ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ބަޖެޓް ބައިކުރުމާއި އެއް ބައިން އަނެއް ބަޔަކަށް ބަދަލުކުރުމުގެ އުސޫލު" ގައިވާ ގޮތުން މިނިސްޓްރީ އަކަށް ނޫނީ މުއައްސަސާ އަކަށް ދައުލަތުން ކަނޑައަޅާ ބަޖެޓަށް ހުއްދަ ދެވޭނީ ފަސް ޕަސެންޓު ބޮޑު ކުރުމަށެވެ. އަދި އެއަށްވުރެ އިތުރަށް ހަރަދު ކުރާނަމަ އަދި އެ އަށް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ހުއްދައެއް ހޯދަން ޖެހެ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މި އުސޫލުގެ މަގުސަދަކީ ސަރުކާރުގެ އިދާރާތަކުން ކުރާ ހަރަދުތއް ޕްލޭނާ އެއްގޮތަށް ކުރާ ހަރަދުތަކަށް ހެދުމެވެ. އަދި މި އުސޫލަށް އަމަލު ކުރަން ފަށާނީ އަންނަ އަހަރަށް ފާސް ކުރާ ދައުލަތުގެ ބަޖެޓުން ކަމަށް ބުނެފައިވެ އެވެ.
ފިނޭންސް މިނިސްޓްރީ އާއްމުކުރި އާ އުސޫލުގައިވާ ގޮތުން ބަޖެޓް ބޭނުން ކުރުމުގައި ހާއްސަ ކަމަކަށް ކަނޑައަޅާފައިވާ ބެޖެޓުން އެހެން ކަމަކަށް ބޭނުމެއް ނުކުރެވޭނެ އެވެ. މިސާލެއްގެ ގޮތުން ބުނެފައިވަނީ ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫއުތަކަށް ކަނޑައަޅާފައިވާ ބަޖެޓުން ބައެއް އެހެން މަޝްރޫއުއެއް ހިންގުމަށް ބޭނުން ނުކުރެވޭނެ ކަމަށެވެ.