ވިޔަފާރި

ބަޖެޓުގައި ހިމަނާނެ ކަންކަން ފޮނުވޭނީ އައިއިލްސް އިން

Aug 12, 2020

ސަރުކާރުގެ އޮފީސް ތަކުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ، ކަންތައްތައް އޮންލައިން ސިސްޓަމް "އައިލްސް ޑޮޓް ގޮވް އެމްވީ" މެދުވެރިކޮށް ފޮނުވަން އަންގައިފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ 2021 އިން 2023 ވަނަ އަހަރަށް ލަފާކުރާ މެދުރާސްތާގެ ބަޖެޓުގެ "ނިއު ޕޮލިސީ އިނިޝިއޭޓިވްސް" ހުށަހަޅަން މިހާރު ހަމަޖައްސާފައި ވަނީ "އައިލްސް ޑޮޓް ގޮވް އެމްވީ" ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. އެ ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ މައުލޫމާތުތަކަކީ ބަޖެޓް ސާކިއުލާގައިވާ ފޯމްތަކުގައި އެދިފައިވާ މައުލޫމާތު ތަކަށްވާން ވާނެ ކަމަށާއި ޕޯޓަލް އަށް މައުލޫމާތު އަޅާނެ ގޮތުގެ އިރުޝާދާއި ގައިޑްލައިން ވެސް ފިނޭންސް މިނިސްޓްރީން އާއްމު ކޮށްފައި ވާނެ ކަމަށެވެ.

އަންނަ އަހަރުގެ ބަޖެޓަށް ސަރުކާރުގެ އޮފީސް ތަކުން ހިމަނާނެ، ކަންތައްތައް ފޮނުވަން ޖެހެނީ މި މަހުގެ 31 ގެ ކުރިންނެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އަންނަ އަހަރުގެ ބަޖެޓަށް ކަންކަން ހުށަހަޅާއިރު، އެ ކަންތައްތަކަކީ ސަރުކާރުން އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި ހިމެނޭ ކަންތައްތައް ހާސިލުވާނެ ގޮތަށް އެކުލަވާލާފައިވާ ކަންތައްތައް ކަމުގައި ވާން ވާނެ އެވެ.

އަންނަ އަހަރުގެ ބަޖެޓް އެކުލަވާލުމުގެ މަސައްކަތް ކުރާއިރު، މި އަހަރު ހަރަދު ކުރަމުން ދަނީ 37.8 ބިލިއަން ރުފިޔާގެ ބަޖެޓަކުންނެވެ. މި ބަޖެޓުގައި ލިބޭނެ ކަމަށް 30 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. ނަމަވެސް ކޮވިޑް-19 އިގެ ސަބަބުން އާމްދަނީ ދަށްވެފައި ވާތީ މި އަހަރު ލިބޭނެ ކަމަށް ލަފާ ކޮށްފައި ވަނީ 15 ބިލިއަން ރުފިޔާ އެވެ.