ކުޅިވަރު

ގައުމީ ޗެމްޕިއަން ދީމާ، އޭޝިއާ ހޯޕްސްގެ ސެމީއަށް

ތައިލެންޑްގައި މިހާރު ކުރިއަށް ދާ އޭޝިއޯ ހޯޕްސް ވީކްގެ ގައި ވާދަ ކުރަމުން އަންނަ ގައުމީ ޓޭބަލްޓެނިސް ޗެމްޕިއަން ފާތިމަތު ދީމާ އަލީ، މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.

މުބާރާތުގެ ގުރޫޕް ސްޓޭޖު މެޗުތައް މިހާރު ވަނީ ކުޅެ ނިމިފަ އެވެ. ދީމާ ވަނީ އޭނާ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބު ކޮށްފަ އެވެ. އޭނާ ބަލިވީ އިންޑިއާ އާ ދެކޮޅަށް ކުޅުނު މެޗުންނެވެ.

އިންޑިއާގެ ކުޅުންތެރިޔާ އާ ދެކޮޅަށް ކުޅުނު މެޗުން އޭނާ ބަލިވީ 3-0 ންނެވެ. ނަމަވެސް ދެން ޖެހިގެން އައި ތިން މެޗު އޭނާ ކާމިޔާބު ކުރި އެވެ. ދެ ވަނަ މެޗުގައި ލުބުނާންގެ ކުޅުނންތެރިޔާއާ ވާދަކޮށް ދީމާ މެޗު ކާމިޔާބު ކުރީ ސީދާ ތިން ގޭމުން ނެވެ.

ތިން ވަނަ މެޗުގައި، މުބާރާތް ބާއްވާ ގައުމު ތައިލެންޑްގެ ކުޅުންތެރިޔާއާ ދެކޮޅަށްވެސް މެޗު ކާމިޔާބު ކުރީ 3-0 ންނެވެ. ހަތަރު ވަނަ މެޗުގައި ކަޒަކިސްތާން އާ ވާދަކޮށް ދީމާ މެޗު ކާމިޔާބު ކުރީ 3-1 ން ނެވެ.

އޭޝިއާ ހޯޕްސް ވީކަކީ، އިންޓަނޭޝަނަލް ޓޭބަލްޓެނިސް ފެޑްރޭޝަން އައިޓީޓީއެފް އިން އޭޝިއާގެ ޖޫނިއާ ކުޅުންތެރިންނަށް ހާއްސަ ކޮށްގެން ބާއްވާ މުބާރާތެކެވެ. މިދިޔަ ޖަނަވަރި މަހު އަވަށްޓެރި ޝްރީ ލަންކާގައި ބޭއްވި ސައުތު އޭޝިއާ ހޯޕްސް މުބާރާތުން ދީމާ ވަނީ ރަން މެޑަލް ހޯދާފަ އެވެ.

މުބާރާތުގެ ސެމީ ފައިނަލު މެޗު އޮންނާނީ މާދަމާ ހެނދުނު އެވެ. ބައިގަރުނަށް ވުރެ ގިނަ ދުވަސްވީ ރާއްޖޭގެ ޓޭބަލް ޓެނިސް ހަޔާތުގައި ދީމާ އަކީ، ގައުމީ މުބާރާތް ކާމިޔާބު ކުރި އެންމެ ހަގު ކުޅުންތެރިޔާ އެވެ. މިއަހަރުގެ ގައުމީ މުބާރާތް އޭނާ ކާމިޔާބު ކުރީ އުމުރުން 11 އަހަރުގަ އެވެ.