ހަބަރު

ވައުދުތާކާއި އެއްގޮތަށް އަމަލު ކުރަން ކޮންގްރެސް ޕާޓީން ގޮވާލައިފި

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ވެވަޑައިގެންފައިވާ ވައުދުތަކާއި އެއްގޮތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަމަލުތައް ބެހެއްޓެވުމަށް ކޮންގްރެސް ޕާޓީން ގޮވާލައިފި އެވެ.

މިއަދު އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެއްވެސް ހަމައެއް އަދި އުސޫލަކަށް ބެލުމެއްނެތި ގިނަ އަދަދެއްގެ މުވަޒްއަފުންތަކެއް ވަޒީފާތަކުން ވަކިކުރަމުން ގެންދާ ކަމަށާއި، އެގޮތުން ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވަޒީފާތަކުން ވަކިކޮށް، ވަކި ސިޔާސީ ފިކުރަކަށް ތާއީދުކުރާ މުވައްޒަފުންނަށް ވަޒީފާއިން ވަކިކުރާނެ ކަމުގެ ބިރުދައްކާ، އެފަރާތްތަކުން ވަޒީފާއަދާކުރާ ތަން ބަދަލުކޮށް އެތައް ބަޔަކަށް ފިޔަވަޅު އަޅަމުން ގެންދާ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވަނީ، މި ރޯދަމަހުގެ ތެރޭގައި ވެސް ކުންފުނިތަކުގައި މަސައްކުރާ އެތަކެއް މުވައްޒަފުން ވަނީ ވަޒީފާއިން ވަކިކޮށްފައި ކަމަށާއި، ސަރުކާރުން ހިންގަމުންދާ އެ އަނިޔާވެރި އަމަލު އެޕާޓީން ކުށްވެރިކުރާ ކަމަށެވެ. އަދި ވަޒީފާއަދާކުރާ ކޮންމެ މުވައްޒަފަކީ ވެސް އާއިލީ ޒިންމާތައް އުފުލަމުންދާ މީހަކަށްވާ އިރު، އެތައްބަޔަކު ވަޒީފާއިން ވަކިކޮށް ނިކަމެތިކޮށްލުމަކީ އެތައް ޢާއިލާއަކަށް އޭގެ ވޭނާއި ކެކުޅުން ތަހައްމަލް ކުރަންޖެހޭނެ ކަމެއް ކަމަށެވެ.

މި ސަރުކާރުން ވެރިކަމަށް އައީ "ކޮންމެ ޕާޓީއެއްގައި އުޅޭ، ކޮންމެ ފިކުރެއްގެ ކޮންމެ ކުލައެއް ރީތިވާ ބޭފުޅަކަށްވެސް ވަޒީފާގައި ހަމަޖެހިގެން އުޅެވޭނެ ކަމުގެ ޔަގީންކަން" އަރުވަމުން ކަމަށާއި، އެހެންކަމުން ރިޔާސީ ކެމްޕެއިންގައި ކުރި ވަޢުދާ އެއްގޮތްވާ ގޮތުގެ މަތިން ޢަމަލުތައް ބެހެއްޓުމަށް ރައީސަށް އެ ޕާޓީން ގޮވާލާކަމަށްވެސް އެބަޔާނުގައި ވަނީ ބުނެފަ އެވެ.

މީގެއިތުރުން ރާއްޖޭގެ އެތައް ރަށަކުން ކަރަންޓްގެ ހިދުމަތްކެނޑި، މި ރޯދަމަހުވެސް ރައްޔިތުން ކަނު އަނދިރީގައި ހޭދަކުރަންޖެހުމަކީ މިސަރުކާރުގެ ދޯހަޅި ސިޔާސަތުތަކާއި ކަންކަން ކުރުމުގެ ގާބިލްކަން ނެތްކަމުގެ ހެތްކެއްކަމަށާއި، މަހަކަށްވުރެ ގިނަ ދުވަސްވެގެން ދިޔައިރުވެސް އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ އިމްޖެންސީރޫމްގެ އޭސީތައް ހަލާކުވެ، ހޫނުގަދަ ވުމުގެ ސަބަބުން ހިދުމަތް ހޯދާ ރައްޔިތުންނަށާއި ހާއްސަކޮށް ބަލިމީހުންނަށް ކުރިމަތިވެފައިވާ ތަކުލީފު ހައްލު ކުރެވިފައި ނުވާ ކަމަށެވެ.

އެބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެކަންކަން ހައްލުކޮށް، މިހާރަށްވުރެ ބޮޑަށް ސަރުކާރު ޒިންމާދާރުވެ، ހަރަކާތްތެރިވެ، ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފަހިކޮށްދިނުމަށް ވީހާވެސް އަވަސް ސްޕީޑެއްގައި މަސައްކަތް ކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށާއި، ސަރުކާރު ޒިންމާދާރުކޮށް ޖަވާބުދާރީ ކުރުމަށްޓަކައި އެޕާޓީ އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށެވެ.