(8 މެއި 2019 އާ ގުޅޭ)
"ރަގަނޅު އަޙްލާގެއް ލިބިފައިވާ ކުއްޖެއްކަން ޔަގީން.........މަންމަވެސް މިހިރީ އެކުއްޖަކާ ބައްދަލުކޮއްލާހިތުން.............ކިހިނެތްވާނީ މިރޭގެ ކެއުމަށް ދައުވަތު އެރުވުން............" ވަސީމާ ގަޑި ހަމަޖައްސާލިއެވެ. މަންހާ ވަކިއެއްޗެއް ނުބުނެ ބޯޖަހާލިއެވެ.
ވަސީމާ ނުކުމެގެން ދިޔައިރު އޭނަގެ އަނގައިގައިވާ ހުރިހާ ތަދެއްހެން ހުރީ ހިނިއައިވަރުން ފެންނާށެވެ. އަވަސް އަވަހަށް ފުއްމަމުން ކަހަލަގޮތަކަށް ގޮސް ކޮޓަރިއަށްވެދެ ފާހާނާގައި އުޅޭ ސަޢީދުއަށް ގޮވާލިއެވެ.
"ސަޢީދު.........އަހަރުމެންގެ މަންހާ ބޮޑުވެއްޖެ......." ވަސީމާ ފާހާނާ ދޮރުކައިރީ ހުރެ ބުނެލިއެވެ.
"ވަސީ........އަހަރެން މިނިކުންނަނީ..........އެހަށް އިރުކޮޅަކަށްވެސް ދޭން ތިއުޅޭ ހަބަރު ފަސްކޮށްނުލެވޭނެތަ؟" ސަޢީދު ބުނިއަޑުއިވުނެވެ.
"މައްސަލައެއްނެތް، ނުކުތީމަ ބުނާނީ............ބުނަން............އެކުން މާލަސްނުކުރާތީ، އަހަންނަށް މިވާހަކަ ނުބެނެ އެހާ ގިނައިރު ނުހިފެއްޓޭނެ........." ވަސީމާ ބުނެލިއެވެ. އަދި އެނދުގެ ކޮޅުގައި އިށިންގޮތަށް ގުޑިވެސް ނުލާއިނީ ސަޢީދު ނުކުންނަންދެންނެވެ.
"ވިޝާލް މަންހާގެ ކައިވަންޏަށް އެދެފި..........." ސަޢީދު ފާހާނާއިން ނުކުތްތަން ފެނި ވަސީމާ ފުއްމައިގެން ތެދުވަމުން ބުނެލިއެވެ.
"ކީކޭ...........ވަސީ............ވަސީ...........އެހަށް ހަމަޖެހިބަލަ، ހަމަޖެހިލައިގެންވެސް ތިބުނަން އުޅޭ އެއްޗެއް ބުނެވިދާނެއެއްނު.........." ސަޢީދު ވަސީމާ ފުއްމައިގެންތަން ފެނުމުން ބުނެލިއެވެ.
"އަހަރެން މިބުނާއެއްޗެއް އަޑުއަހާބަލަ..............ވިޝާލް މަންހާގެ ކައިވެންޏަށް އެދެފިއޭ.............އޭނަ އަހަރުމެންނާ ބައްދަލު ކުރަން ބޭނުންވާ ވާހަކަ މަންހާ ބުނެފި............އަހަރެން ބުނެފިން މިރޭގެ ކެއުމަށް ދައުވަތު ދިނުމަށް........ޒިޔާ އަހަންނަށް ގުޅާވެސް ނުލައެއްނު، އޭނަ އާއި މޫސައަށް އެކަން ރަނގަޅަށް އެނގޭނެ........އެމީހުންނަށް ނޭގި ވިޝާލް އެފަދަ ފިޔަވަޅެއް ނާޅާނެ...........ޝަރަފް ވިޝާލްއާއި އެހާގާތްކޮށް އުޅެން ފެށުމުން އަހަރެންގެ ހިތަށްވެސް އެރިއޭ........." ވަސީމާ އުފަލުން ހުރެ ވާހަކަދައްކަމުންދިޔައެވެ.
"އެކުދިން އުޅެނީ ވަރަށް ސިއްރުން، އަހަރެންވެސް ވަސީ ކައިރީ ވާހަކައެއް ބުނަންތަ؟ ޔަގީންވަންދެން މިހާ ދުވަހު މަޑުކުރީ..........އެނގޭތަ، ޝަރަފް އާއި ޖެނީގެ މެދުގައި ކަމެއް ހިނގަމުންދާކަން.........." ސަޢީދު ލޯގަނޑު ކުރިމަތީ ހުރެ އިސްތަށިގަނޑު ރީތިކުރަމުން ވާހަކަދެއްކިއެވެ.
"އަސްލުވެސްތަ؟ ކޮންއިރަކު އެނގުނީ؟ އަޅެ އެސޮރު އުޅޭ ގޮތުން އަހަރުމެންނަށް ޝައްކެއްވެސް ނުވެއެއްނު..........." ވަސީމާ ހައިރާންވެފައި ހުރެ ބުނެލިއެވެ.
"އާން..........މިހާރުގެ ކުދިން ކުރާ ކަންތައްތަކެއް ނޭގޭނެ.........އަހަރުމެންގެ އިރުހެނެއް ނޫނޭ މިހާރު ލޯބީގެ ކަންތައްތައް އޮންނަނީ..........އަހަރެންވެސް ވަރަށް އުފާވެއްޖެ ވިޝާލް އާއި މަންހާގެ ކައިވެނީގެ ވާހަކަ އަޑުއިވުމުން.........ވަސީ، މޫސަމެންގެ ދެމަފިރިންވެސް އެތިބީ އަހަރުމެންނަށް ސިހުމެއްދޭންވެގެން ނުބުނަން، އަހަރުމެންވެސް އެނގުނު ކަމަށް ހަދާނެކަމެއްނެތް..........." ސަޢީދު ލާނެތް ހިނިތުންވުމަކާއިއެކު ބުނެލިއެވެ.
"އާން.........ނުބުނާން، ކުދިން ކައިރީ ބުނަންވީތަ؟ ނޫންދޯ..........އަހަރެން ބޭނުންވަނީ ވިޝާލް ކައިވެނީގެ ވާހަކަ އިއުލާން ކުރުމުން އެކުދިންގެ މޫނުމަތިން ފެނިގެންދާނެ ކުލަވަރުތައް ވަކިވަކިން ބަލާލަން.........." ވަސީމާ ހީލަމުން ބުނެލިއެވެ.
"އާން..........އާން...........ތީ ވަރަށް ރަނގަޅު ހިޔާލެއް..........، ޝަރަފް އާއި ޝިމާދުއަށް ވާނީ ކިހިނެއްބާއޭ އަހަރެން ހިތަށް އަރާ، އެމީހުންގެ ކޮއްކޮގެ ކައިވެނީގެ ހަބަރު ލިބުމުން........." ސަޢީދު ވަސީމާއަށް ބަލާލިއެވެ.
ވަސީމާގެ ފަރާތުން މަންހާއަށް ފެނުނީ އޭނަ ހީކުރިފަދަ ހަރަކާތްތަކެއްނޫނެވެ. ވަސީމާގެ މޫނުމަތިން އެފަދަ އުފާވެރިކަމެއް ފެންނަންވީ ސަބަބެއް އޮޅުން ފިލުވުމަށް މަންހާ ބޭނުންވިއެވެ. ހެނދުނުގެ ސައިބުއިމަށް ކާމޭޒުކައިރީ އާއިލާގެ ހުރިހާ ކުދިންތިއްބެވެ. މަންހާއަށް ކުރިމަތީގައި އިން ޝަރަފް ފެނި ޖެހިލުންވިވަރުން އެއްޗެއް ބުނާނެހާ ހިތްވަރެއް ނުލިބުނެވެ. އެހެންވެ ވަސީމާ އެކަނިވާނެ އިރަކަށް މަންހާ ބަލަމުންދިޔައެވެ. ސަޢީދު އާއިއެކު ދެފިރިހެންދަރިންވެސް ގެއިން ނުކުމެގެން ދިޔަވަގުތު މަންހާ ވަސީމާގެ ގާތަށް ޖެހިލިއެވެ.
"މަންމާ، އަޅުގަނޑު ކައިވެނި ކުރާވާހަކަ ބުނުމުން މަންމަ ތިހާ އުފާވާނެ ކަމެއް އަޅުގަނޑު ހިއެއްނުކުރަން، މަންމައަށް އެނގިލައްވާތޯ އަޅުގަނޑު ކައިވެނި ކުރަން މިއުޅެނީ ކާކާކަން..........." މަންހާ އެހެން ބުނެލުމާއިއެކު ވަސީމާ އޭނަގެ ތުންފަތުގައި އިނގިލި ޖައްސާލަމުން އެވާހަކަ ނުދެއްކުމަށްބުންޏެވެ.
"ދަރިފުޅަށް ވުރެބޮޑަށް މަންމައަށް އެނގެޔޭ، ދެންދޭ އަވަހަށް ތައްޔާރުވާން، މިހާރު އެއޮއްގެން އޮފީހަށްދާ ގަޑިޖެހެނީ" ވަސީމާ މަންހާގެ އަތުގައި އެއްއަތުން ހިފާލަމުން އަނެއްއަތުން ބުރަކަށީގައި ފިރުމާލިއެވެ.
ސުވާލުތަކަކާއިއެކު މަންހާ އެނބުރި އޭނަގެ ކޮޓަރިއަށް ދިޔައީ އޮފީހަށް ދާން ތައްޔާރު ވުމަށެވެ. ރީތިވާ މޭޒުގެ ކައިރީހުރެ ތައްޔާރުވަމުންދިޔަ މަންހާއަށް ވިސްނެމުންދިޔައީ އޭނަގެ އާއިލާ ދާއިން ގަބޫލުކުރާނެބާއެވެ. އަނެއްކޮޅުން އޭނަ އާއި އެންމެ ގާތްކޮށް އުޅުނު ވިޝާލް އާއި ޝަރަފްވެސް ކޮންމެވެސް ވަރަކަށް އޭނަ އާއި ދުރުވެއްޖެކަން ފާހަގަކުރެވެއެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭ އޭނައަށް ވަރަށްވެސް ބޮޑު ބަދަލުތަކެއް އަތުވެއްޖެކަން ޔަގީނެވެ.
"މޯނިންގ.........." ދާއިން އޭނަގެ ކެބިންއަށް ވަނުމާއިއެކު އެކެބިންގެ އެއްފަރާތުގައި ހުރި މޭޒުގެ ދޮށުގައި އިން މަންހާއަށް ބުނެލިއެވެ. މަންހާ ދާއިންއަށް ޖަވާބުދާރީވަމުން ތެދުވިއެވެ. މަންހާގެ މަގާމު މަތިވިފަހުން އޭނަ އިންނަނީ ދާއިންގެ އޮފީސްތެރޭއެވެ. މިއިން އެއްވެސް ކަމަކާއި ގުޅިގެން އޮފީހުގެ މާހައުލަށް އެއްވެސް ބަދަލެއް ނާދެއެވެ. އެންމެނަށްވެސް މަންހާގެ ކުޅަދާނަކަން މިހާރު އެނގެއެވެ. އޭނައަކީ ކިޔަވައިގެން ހުރި އަންހެން ކުއްޖެއްކަމާއި މަގާމާ އެކަށީގެންވާކަން ދާއިންވަނީ އެންމެނަށް އަންގާފައެވެ. އޭގެއިތުރުން އެދެމެދުގައި އެއްވެސް ގުޅުމެއް ވާކަމުގެ އިޝާރާތެއްހާ ހިސާބުވެސް މުވައްޒަފުންނަށް ފެނިފައެއްނުވެއެވެ. ނަމަވެސް ކާއިލް ހުންނަނީ ކޮންމެވެސް ވަރެއްގެ ޝައްކެއްގެ މަތީއެވެ. ދާއިންގެ ޢަމަލުތައް ބައެއްފަހަރު ހުންނަ ގޮތުން އޭނައަށް ޝައްކު ކުރެވެނީއެވެ. އެވަރަށްވެސް ފާހަގަ ކުރެވެނީ ކާއިލްއަކީ ދާއިންގެ ގާތް މީހެއްގެ ގޮތުގައި އުޅޭތީއެވެ.
"ރެޑް އެންޑް ބްލެކް.......ވަރަށް ގުޅޭ........އަހަންނާއެކު ސައިބޯން ދާނަންތަ؟ އަނެއްކާ ސައިބޮއެގެންތަ އައީ؟" ދާއިން އޭނަގެ މޭޒުކައިރީ ހަމަޖެހިލަމުން މަންހާއަށް ފުންނަޒަރަކުން ބަލާލިއެވެ.
"ކުޑަކޮށް ސައިބޮއެގެން އައީ، އެހެންނޫނީ މަންމަ ހިތްހަމައެއް ނުޖެހޭނެ.......ދާއިން ބޭނުންނަމަ އަހަރެން ސައިބޯން ގޮސްދާނަން، އެކަމަކު........" މަންހާއަށް ޖުމްލަ ފުރިހަމަކުރަން އުނދަގޫވިއެވެ.
"އެކަމަކު ކިހިނެއްވީ......" ދާއިން އޭނަގެ ލެޕްޓޮޕް ހުޅުވާލަމުން ބުނެލިއެވެ.
"ދާއިން ހެނދުނުގެ ސައިބޮނީ ގޭގައެއްނު.........މިއަދު ބޭރުން ސައިބޯން ބޭނުންވަނީތަ؟" މަންހާ ނުކެރިފަ ހުރެ އަހާލިއެވެ.
"ހެ ހެ ހެ ހެ..........ނޫނޭ، މިއަދުވެސް ސައިބޯނީ ހަމަގޭން، އެނގޭތަ، ރޭގަ އަހަންނަށް ހުވަފެނެއް ފެނުން.............މަންހާގެ ހުވަފެނެއް، އެކަމަކު ހުވަފެނަށްވުރެ މިހެން ކައިރިން ފެނުމުން މާރީތި........." ދާއިން އޭނަގެ ގޮނޑިން ތެދުވިއެވެ. އަދި މަޑުހިނގުމުގައި ގޮސް މޭޒުގެ އެއްފަރާތުގައި ޖެހިލީ މަންހާގެ މޭޒާ ކުރިމަތިވާގޮތަށެވެ. މޭޒުގައި ދެއަތުން ހިފަހައްޓާލަމުން މަންހާއަށް ބަލާލީ މަސްތުކުރުވަނިވި ބަލާލުމަކުންނެވެ.
"އަހަރެން ކީއްކުރީ ހުވަފެނުގަ" ދާއިން ބަލަން ހުރި ގޮތުން މަންހާ ލަދުގަންނަގޮތްވިއެވެ.
"އަހަންނަށް ބޭވަފާތެރިވަނީ.........." ދާއިން ލާނެތްގޮތަކަށް ބުނެލިއެވެ.
"ނޫން.........ތީދޮގެއް...........އަހަރެން ހުވަފެނުގަވެސް ދާއިންއަށް ބޭވަފާތެރިއެއްނުވާނަން" މަންހާގެ ހިތަށް ދާއިންބުނި ޖުމްލައިން ތަދުވިއެވެ. އޭނަވެސް އައިސް ދާއިން އާއި ކުރިމަތިވާގޮތަށް މޭޒުގެ އެއްފަރާތުގައި ޖެހިލަމުން ހުއްޓުނެވެ.
"ކީއްވެތަ އަހަރެންދެކެ ތިހާ ލޯބިވަނީ" ދާއިން މަންހާއަށް އެއްއަތްދިއްކޮއްލަމުން ބުނެލިއެވެ.
"އަހަންނަށް ތިސުވާލުގެ ޖަވާބު އެނގޭނަމަ ޖަވާބު ނުދީއެއް ނުހުންނާނަން، އައި ޖަސްޓް ލަވް ޔޫ....." މަންހާ ދާއިންގެ އަތުގައި ހިފާލަމުން ބުނެލިއެވެ.
"އަހަރެންގެ ހުވަފެން ހަގީގަތަކަށް ހަދަން ބޭނުން..........އަހަރެންގެ ދެވަނަ އަނބިވެސް އަހަރެންގެ މަންމައަށް ދައްކަންވާނެއެއްނު ދޯ.........." ދާއިން މަންހާގެ އެއްއަތުގައި ހިފަހައްޓާލައިގެން ހުރެ މަންހާގެ ކޯތާފަތުގައި އިނގިލިތައް ބީއްސާލިއެވެ. މަންހާގެ ހިތުގެ ހިނގުން އަވަސްވުމާއިއެކު ނޭވާވެސް ކުރުވާހެން ހީވިއެވެ. ދާއިން މަންހާގެ އަތުގައި ހިފައިގެން ހުރެ އޭނަ އާއި ގާތަށް ދަމާލިއެވެ. ދާއިން މަންހާގެ މޫނާ ގާތްވެލީ އޭނަގެ ނޭވާވެސް އިހްސާސްވާހާ ކައިރިއަށެވެ. އެއާއިއެކު ދާއިންގެ އަތުގެތެރޭއޮތް މަންހާގެއަތަށް ބާރުލެވުނެވެ. މަންހާގެ ދެލޯ މެރިގެންދިޔައީ ދާއިންގެ ތުންފަތް އޭނަގެ ކޯތާފަތުގައި ބީހިލުމާއިއެކުއެވެ. ދާއިންގެ ގަމީހުގައި މަންހާއަށް ހިފާލެވުނެވެ. ދާއިން މަންހާގެ ކަންފަތްކައިރީ ކަރުގައި ބޮސްދިނެވެ. މަންހާއަށް ދާއިންގެ މޭގައި އަތްވިއްދާލަމުން ދުރަށް ޖެހިލަން އުޅުނެވެ. ދާއިން އަވަސް އަވަހަށް މަންހާ ދޫކޮއްލިއެވެ.
"ކާއިލް ނޫނީ ސްޓާފެއް އައިސްދާނެ........." މަންހާ ހިންދިރުވާލަމުން ނޭވާ ހަމައަކަށް އަޅުވަމުން ބުނެލިއެވެ.
"ޔޫ ލުކް ބިއުޓިފުލް............ހިނގާ ސައިބޯން ދާން..........." ދާއިން އިރުކޮޅަކު މަންހާއަށް ބަލަހައްޓައިގެން ހުރުމަށްފަހު ލުއިގޮތަކަށް ހީލާފައި ބުނެލިއެވެ. މަންހާއަށް ދެންމެވީ ކަންތައްތަކާއިމެދު ދާއިން އެއްވެސް އެއްޗެއް ބުނަން ބޭނުންނުވާކަން އެނގުނެވެ. އޭނަގެ ހިތް އަދިވެސް ތެޅެމުންދިޔައި ބުނެދޭންނޭގޭ ބާރުމިނެއްގައެވެ. ދާއިން މަންހާ އާއި އެފަދަ މިންވަރަކަށް ކައިރިވި ފުރަތަމަ ފަހަރެވެ. އެހެންނަމަވެސް އެދެމެދުގައި ނޭގޭބާރެއްވިއެވެ. އެކަކުވެސް އަނެކަކާ ދުރައްދާން ބޭނުންނުވާ ކަހަލައެވެ. ހަގީގަތުގައި ދާއިން ހުއްޓުވަން މަންހާ ބޭނުމެއްނޫނެވެ. ނަމަވެސް ސިކުނޑި އެވަގުތަށް ހަތިޔާރު ބެހެއްޓީއެވެ. ދާއިންގެ ގަދަރާއި އިއްޒަތަށް މަންހާގެ ސިކުނޑި ވިސްނާލީއެވެ.
"ދާއިން...........ސައިން ކުރަންޖެހޭ ލިޔުންތައް............." ކުއްލިއަކަށް ހުޅުވުނު ދާއިންގެ ކެބިންގެ ދޮރާދިމާލަށް މަންހާ އާއި ދާއިންއަށް ބަލާލެވުނެވެ. އޭރު ކާއިލް ވަންނަނީއެވެ.
"ކާއިލް.......އަހަރެން ސައިބޮއެގެން އައިހެއްނު ލިޔުންތައް ބަލަނީ، ދެން އަދި ބުނަން، ކީއްވެތަ މިހާރު ޓަކިވެސް ޖަހާނުލަނީ ވަންނައިރު............" ދާއިން ކުޑަކޮށް ހިތްހަމަ ނުޖެހުކަން ކާއިލްއަށް އެނގުނެވެ. އެހެންނަމަވެސް އޭނަ އެހެން ކަންތައް ކުރަނީ ހަމަ ގަސްދުގައެވެ. ކާއިލް މަންހާ އާއި ދާއިންއަށް އަވަސް ނަޒަރެއް ދިނެވެ. ދެމީހުން ތިބީ ދުރުގައިކަމަށްވިޔަސް އެދެމެދުގައި ކޮންވެސް ވާހަކައެއް ދެކެވެމުންދިޔަ ގަޑިއެއްކަން ކާއިލްއަށް އެނގުނެވެ. ދާއިން ހިތްހަމަ ނުޖެހުމުގެ އަސްލަކީ އެއީ ކަމުގައި ކާއިލް ދެކުނެވެ.
ލިފްޓުގެތެރެއަށް ދާއިން ވަނުމަށްފަހު މަންހާއަށް ތަންދެއްކިއެވެ. މަންހާގެ މޫނުމަތިން ހާސްކަން ފެންނަމުންދިޔައެވެ. އޭނަ ކަންބޮޑުވަނީ ދާއިންގެ މަންމަ ބުނެފާނެ އެއްޗަކާއިމެދުއެވެ.
"ފިނިވެފަދޯ ތިހިރީ........މަންމަ ވަރަށް ރަނގަޅުވާނެ، މަންހާ ހާސްވާއެއްޗެއްނޫނޭ........" ދާއިން ކައިރީގައި ހުރި މަންހާގެ އަތްތިލާގައި ހިފާލިއިރު އެއްއަތްތިލަ ގަނޑުފެންކޮޅެއްހާ ފިނިވުމުން ބުނެލިއެވެ. މަންހާ ހިނިތުންވެލިއެވެ. ދާއިން އޭނަގެ އަތުގައި ހިފައިގެން ކުރިއަށް ދާންހުރިހާ ވަގުތަކު އޭނަ ފަސްޖެހޭކަށްނެތެވެ. ލިފްޓުގެ ދޮރު ހުޅުވިގެންދިއުމާއިއެކު މަންހާ ފުންނޭވާއެއް ބޭރުކޮއްލިއެވެ. އަދި ނިތްކުރިމައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅު ރީތިކޮއްލިއެވެ.
"އާ ޔޫ އޯކޭ......." ދާއިން އޭނަ އުޅޭ އެޕާރޓްމެންޓު ދޮރު ހުޅުވާލުމުގެ ކުރިން މަންހާއަށް ބަލާލިއެވެ. މަންހާ ބޯޖަހާލަމުން އާއެކޭ ބުނެލިއެވެ.
"ދަރިފުޅު ތިއައީ މަންމަ ގުޅަން އުޅެނިކޮށް.........އަހާ، މީ ކޮންކުއްޖެއް" މޫމިނާގެ ވާހަކަ ބަދަލުވެގެންދިޔައީ ދާއިންގެ ފަހަތުންވަތް މަންހާ ފެނުމުންނެވެ.
"މީ މަންހާ، މަންހާ.............މީ އަހަރެންގެ މަންމަ........." ދާއިން މަންހާއަށް ހިނިތުންވެލަމުން މޫމިނާ ދައްކާލިއެވެ.
"ކިހިނެތްތައް މަންހާ؟ ހިނގާ އަވަހަށް ސައިބޯން، ދަރިފުޅު ނުވެސް ބުނަމެއްނު މިއަދު ރައްޓެހިކުއްޖަކު އަންނާނެކަމެއް......." މޫމިނާ ދާއިންއަށް ބަލާލިއެވެ..
"ރަނގަޅު........" މަންހާ ޖަވާބުދިނީ ޖެހިލުންވެފައި ހުރެއެވެ. މޫމިނާގެ މޫނުމަތިން ފާޅުވެގެންދިޔައީ ހިތްހެޔޮކަމެވެ.
"މަންމާ، ކޮބާ ޒާރާ........" ދާއިން އަހާލިއެވެ.
".......ދަރިފުޅު ޒާރާ އާއި ވާހަކަދައްކާލަބަލަ، ކުޑަކޮށް ހިތްހަމަ ނުޖެހިގެން އުޅެނީ........." މޫމިނާ ދާއިންގެ ގާތުގައި ބުނެލިއެވެ.
މޫމިނާ މަންހާ އާއި ވާހަކަދައްކަމުން ކާމޭޒުކައިރިއަށް ދިޔައެވެ. ދާއިން އެބައަންނަން ކަމުގައި ބުނެ އެތެރެއަށް ހިނގައިގަތެވެ. މޫމިނާ މަންހާއަށް ވަރަށް ރަނގަޅަށް ބަލާލިއެވެ. ބުރުސޫރަރީތި އެއަންހެން ކުއްޖާއަކީ ދާއިންގެ އާދައިގެ ރަޙުމަތްތެރިއެއް ނޫންކަން މޫމިނާއަށް އެނގުނެވެ. ކިތަންމެހާވެސް އެއަންހެން ކުއްޖާރީއްޗެވެ. ފެންނަފެނުމަށް ކިޔަވައިގެން ހުރި ކުއްޖެއްކަންވެސް އެނގެއެވެ.
"ޒާރާ، މިއަދުވެސް މަންމަ އާއި ރުޅި ހަދާލީތަ؟ އާދެބަލަ ރީތިވެލައިގެން، ޒާރާ އާއި ރަޙުމަތްތެރިވާން އެބައިން ކުއްޖަކު އައިސް" ދާއިން އެނދުމަތީ ޓީވީ ބަލަންއިން ޒާރާގެ ގާތުގައި އިށިންނަމުން ބުނެލިއެވެ.
"ކާކު، އަހަރެންގެ ފްރެންޑެއްތަ؟" ޒާރާގެ ސަމާލުކަން ދާއިންއަށް ލިބުނެވެ.
"ޒާގެ ފުރެންޑެއް ނޫން، އެކަމަކު ދެން ޒާގެ ފްރެންޑަކަށްވެސް އޭނަ ވާނެ..........އަވަހަށް ހިނގާ، އެކުއްޖާ އެބައިން ޒާ އާއިއެކު ސައިބޯން ކާމޭޒުދޮށުގަ........" ދާއިން ބުނެލިއެވެ. ޒާރާ އަވަސް އަވަހަށް އެނދުމަތިން ފޭބިއެވެ. އަދި ލޯގަނޑު ކުރިމައްޗަށް ހުއްޓި އިސްތަށިގަނޑުގައި ފުނާއަޅަން ފެށިއެވެ. ލައިގެން ހުރި ހެދުން ބަދަލުކުރުމަށްފަހު ޓޮފަކާއި ޖިންސެއްލިޔެވެ. ދާއިން ޒާރާގެ ހަރަކާތްތަކަށް ނަޒަރު ހުއްޓާލައިގެން އިންއިރު އޭނަގެ ތުންފަތުގައި ހިނިތުންވުމެއްވިއެވެ. އޭނަ ޒާރާ މަންހާ އާއި ބައްދަލު ކުރުވަން ބޭނުންވަނީ ކީއްވެކަމެއް ނޭގެއެވެ. އޭނަ ޒާރާދެކެ އަދިވެސް އިންތިހާއަށް ލޯބިވެއެވެ.
"އެކުއްޖާއަށް ބޭބީވެސް ދައްކާލަންވާނެދޯ........." ޒާރާވަނީ އެއީ ކާކުތޯ ބަލާހިތުން ކެތްމަދުވެފައެވެ.
"ނޫން، މިހާރު ޒާރާއެކަނި ބައްދަލު ކުރާނީ، ފަހުން ބޭބީ ކައިރިއަށް ގެންނާނީ، އެގޮތް ރަނގަޅުވާނެ އެއްނު ދޯ........." ދާއިން ޒާރާއަށް ވިސްނާދޭފަދަ ގޮތަކަށް ބުނެލިއެވެ. ނަސީބަކުން އެގޮތަށްކަންތައް ކުރަން ޒާރާ އެއްބަސްވިއެވެ.
ދާއިންގެ އަތުގައި ހިފައިލައިގެން އަންނަ ޒާރާ ފެނުމުން މަންހާގެ ހިތަށް ބުނެދޭންނޭގޭ ގޮތްތަކެއްވިއެވެ. އެހެންނަމަވެސް ހިތްހަމަޖައްސާލީ ދާއިންގެ އަނެއްއަތްވަނީ މަންހާއަށްޓަކައި ހުސްކޮށްކަން ހިތަށް އަރުވާލަމުންނެވެ. އަނެއްކޮޅުން ދާއިން އާއި ގުޅެން މިއުޅެނީ އޭނައަކީ މީހެއްގެ ފިރިއެއްކަން އެނގިހުރެކަމެވެ.
"މީދީތަ އެކުއްޖާ........." ޒާރާގެ ހިތުން އެހެންބުނެލީ ވަރަށް ސިއްރުންނެވެ. އެހެންނަމަވެސް ކާމޭޒުދޮށުގައި ތިބި މޫމިނާ އާއި މަންހާއަށްވެސް ސާފުކޮށް އެއަޑުއިވުނެވެ. ޒާރާގެ ޢަމަލުތައް ހުރިގޮތުން މަންހާ ހައިރާންވިއެވެ. ޒާރާގެ އުމުރަކާ އޭނަގެ ހަރަކާތްތަކާއި ދައްކާ ވާހަކައެއް ނުގުޅެއެވެ. ދާއިން ޒާރާ ބަލިވެއުޅޭވާހަކަ ބުނުމުންވެސް މަންހާއަށް ނަގައިގަނެވުނީ އެހެންގޮތަކަށެވެ. ޒާރާއަކީ ސިކުނޑިހަމަނުޖެހޭ މީހެއްކަމެއް އޭނައަކަށް ނޭގެއެވެ.
"މީ ޒާ............ދާއިންގެ ވައިފް އިނގޭ........." ޒާރާ ވަރަށް ހަރުކޮށް ހިނގާލާފައި އައިއިރުވެސް ހީވަނީ ކުޑަކުއްޖެއްހެންނެވެ.
"މީ މަންހާ، ޒާ ކިހިނެތްތައް؟" މަންހާ ހިނިތުންވެލަމުން ޒާރާ އާއި ސަލާމްކޮއްލަން އަތްދިއްކޮލިއެވެ. ޒާރާ ފަހަތަށް ދާއިންއަށް ބަލާލާފައި ދާއިން ހިނިތުންވެލުމުން މަންހާގެ އަތުގައި ހިފާ ސަލާމްކޮއްލިއެވެ.
"ޒާ އާއި އެއްކޮށް ސައިބޯންތަ ތިއައީ؟" ޒާރާ އަހާލިއެވެ. މަންހާ ހިނިތުންވެލަމުން އާއެކޭ ބުނެލިއެވެ.
"މަންހާ ޒާގެ ފްރެންޑެކަށް ވާނަންތަ.........ހާދަ ރީއްޗޭ މަންހާ..........މިހެދުންވެސް ވަރަށް ރީތި.............ޒާވެސް މިކަހަލަ ހެދުމެއްލާން ބޭނުން..............ދާންގެ ފޭވަރިޓްވާނެ ރެޑްކުލަ...........ދޯ ދާން............." ޒާރާ މަންހާގެ ގާތުގައި ހުރެ އޮޅެމުން ކަހަލަ ގޮތަކަށްވާހަކަދެއްކިއެވެ. އަދި މަންހާ ލައިގެން ހުރި ސްކާޓްގައި ޒާރާ އަތްހާކަމުންދިޔައީ މަންހާގެ ހެނދުން ކަމުދިޔަ ވަރުންނެވެ.
"ޒާއަށް މިކަހަލަ ހެދުމެއް ގެނެސްދެންތަ؟" މަންހާ ހިތްހެޔޮކަމާއިއެކު ބުނެލިއެވެ. އެމަންޒަރުތައް ބަލަންތިބި މޫމިނާ އާއި ދާއިންގެ މޫނުމަތީގައިވެސް ވަނީ ހިނިތުންވުމެކެވެ. ޒާރާއަށް މަންހާ ވަރަށް ކަމުދިޔައެވެ. އޭނަ އެތަށް ފަހަރަކު މަންހާގެ ރީތިކަމަށް ތައުރީފުކުރިއެވެ.
"ޒާގެ ބޭބީ ދެކިލާނަންތަ؟" ޒާރާ ބުނިއެއްޗަކުން މަންހާ ސިހުނެވެ. ދާއިންގެ ކުއްޖެއް ހުންނަކަން އޭނައަކަށް ނޭގެއެވެ. އޭނައަށް ދާއިންއަށް ބަލާލެވުނެވެ. މޫމިނާއަށް އެދެމެދުގައި ބަދަލުކޮއްލެވުނު ބަލާލުން ނަގައިގަނެވުނެވެ.
"ޒާ........މަންހާ ބޭބީ ކައިރިއަށްވެސް ދާނެއޭ، މިހާރު މަންހާ އޭނީ ވަރަށް ބަނޑުހައިވެފަ، ހިނގާ ހުރިހާ އެންމެން ސައިބޯން............." ދާއިން ޒާރާ ގެނައުމަށް ބުންޏެވެ. ކާމޭޒުމަތީ މަންހާ އާއި އެހެންމީހަކު ވާހަކަ ދެއްކުމަށް ފުރުޞަތު ނުދީ ޒާރާ ބޭނުންވީ މަންހާ ހަމައެކަނި އޭނަގެ ވާހަކަ އަޑުއެހުމަށެވެ. ކުޑަކުއްޖެކޭ ޒާރާއެކޭ ތަފާތެއްނެތެވެ.
ހެނދުނުގެ ސަޔަށްފަހު ދާއިން މަންހާ ގޮވައިގެން އޮފީހަށް ދިއުމަށް އުޅުނުވަގުތު ޒާރާ ބޮޑާ ހާކާލިއެވެ. އޭނަ މަންހާ ގާތުން ނުދިއުމަށް އެދުނެވެ. އަދި ދުވެފައި އޭނަ އެތެރެއަށްވަނެވެ. ދާއިން ޒާރާގެ ފަހަތުން ދިޔައެވެ. މަންހާ ހުރީ ވާނުވާ ނޭގިފައެވެ.
"މަންހާ ޒާގެ ބޭބީ ދެކިވެސް ނުލާ ދަނީނު، މިހާރު ތީ ޒާގެ ފުރެންޑެއްނު..........." އެތެރެއިން މަންހާ އާއި ދިމާލަށް ދުވަފައިކަހަލަ ގޮތަކަށް އައި ޒާރާއަށް މަންހާ ބަލާލިއެވެ. ދާއިންގެ މޫނުމަތިން ނުތަނަވަސްކަން ފެނިގެންދިޔައީ ކީއްވެކަމެއްނޭގެއެވެ. މަންހާ ޒާރާގެ އަތުގައި ބާއްވާލާފައި އޮތް ބުދަށްބަލާލިއެވެ. ފިރިހެންކުއްޖެއްގެ ހެދުންލައްވާފައި އޭގައި އޮތެވެ. އެންމެ ފުރަތަމަ މަންހާ އާއި ޒާރާ ދިމާވިދުވަސް އަދިވެސް އޭނަ ހަނދާންއެބަހުއްޓެވެ. ޒާރާއަކީ މިނިވަން ހިޔާލުތަކެއްގެ ވެރިއެކެވެ. މިއަދު އޭނައެވަނީ ކޮންފަދަ ހާލެއްގަހެއްޔެވެ. ދާއިންގެ އެކަނިވެރިކަން މަންހާއަށް އިޙްސާސް ކުރެވިގެންދިޔައެވެ. ދާއިންއަށް ބަލާލިވަގުތު ޒާރާ މަންހާގެ އަތުގައި ހިފާދަމާލަމުން އަނެއްކާވެސް އޭނައަށް ގޮވާލިއެވެ.
"ވަރަށް ލޯބި..........ހީވަނީ ޒާހެން.........." މަންހާ ޒާރާގެ އަތުގައި އޮތް ބުދުގެ ބޮލުގައި ފިރުމާލަމުން ޒާރާގެ ކޯތާފަތުގައި ފިރުމާލިއެވެ. މަންހާގެ ހިނިތުންވުމުގެ ފަހަތުގައިވަނީ ހަމްދަރުދީއެވެ.
"އަދި އަންނާނަންތަ" ޒާރާ މަންހާގެ އަތުގައި ހިފާލަމުން އަހާލިއެވެ.
"އަދި އަންނާނެ މަންހާ މިގެއަށް، އެއީ އަހަރުމެން ދެމީހުންގެ ފްރެންޑެއް...........ޒާރާއަށް އެންމެ ރަނގަޅުތަ މަންހާ މިގެއަށް ގެނެޔަސް..........ޒާޔާ އެއްކޮށް މިގޭގަ އުޅެން އަޔަސް.........." ދާއިންގެ އެބަސްތަކުގައިވަނީ ތަފާތު މާނައެއްކަން ދުރުނޫން ހިސާބެއްގައި މަޑުކޮއްލައިގެން ހުރި މޫމިނާއަށް އެނގުނެވެ. އަދި މޭޒުމަތީގައި ހުރި ތަށިތައްނަގަމުންދިޔަ އިމީގެ ނަޒަރު މަންހާ އާއި ވަކިނުވެއެވެ. ޒާރާ މަންހާ އާއިގެން އުޅުނުވަރުން އޭނަގެ ހިތަށް ހަމަޖެހުން ލިބިގެންދިޔައެވެ.
(ނުނިމޭ)