ދުނިޔެ

އެމެރިކާ މެކްސިކޯ ބޯޑަރަށް އަނެއްކާވެސް 1.5 ބިލިއަން ޑޮލަރު

އެމެރިކާއާއި މެކްސިކޯގެ ބޯޑަރުގެ ފާރު އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ބޯޑަރު ފަންޑަށް 1.5 ބިލިއަން އެމެރިކާ ޑޮލަރު ހަމަޖައްސައިފިކަމަށް އެމެރިކާގެ ޕެންޓަގަންއިން ބުނެފި އެވެ.

ހުސްވި މާޗް މަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ކޮންގްރެސްއަށް ބޯޑަރު ފާރު ހަދާނެ ފަންޑު ހޯދަން ހުށަހެޅި ބިލް ފާސް ނުވުމާއި ގުޅިގެން އެ ގައުމުގައި ކުއްލި ހާލަތު އިއުލާންކޮށް ބޯޑަރަށް ބޭނުންވާ ފައިސާ ހޯދާފައި ވަނީ މިލިޓަރީ ފަންޑުން ނެވެ.

ކުއްލި ހާލަތުގެ ދަށުން ބޯޑަރު ތަރައްގީކުރަން ނަގާާ ފައިސާގެ ސަބަބުން އެ ގައުމުގެ އަސްކަރީ ސަލާމަތްތެރިކަމަށް ނޭދެވޭ އަސަރެއް ކޮށްގެން ނުވާނެ ކަމަށް އެމެރިކާގެ ކޮންގްރެސް އިން ޕެންޓަގަންއަށް ދަނީ އިންޒާރު ކުރަމުން ނެވެ.

އެކަމާއި ގުޅިގެން އެމެރިކާގެ ތަރުޖަމާނު ޓޮމް ކޮރޮސޮން ވިދާޅުވަނީ ބޯޑަރު ހެދުމަށް ޓްރާންސްފާ ކޮށްފައިވާ 1.5 ބިލިއަން ޑޮލަރުގެ ސަބަބުން އެ ގައުމުގެ އަސްކަރިއްޔާގެ ހިންގުންތެރިކަމަށް އެއްވެސް ކަހަލަ ހީނަރުކަމެއް ނާންނާނެ ކަމަށެވެ.

އެމެރިކާ މެކްސިކޯ ބޯޑަރުގައި 125 ކިލޯމީޓަރަށް ޖަހަން ނިންމާފަވާ 18 ފޫޓުގެ ފެންސުތައް ޖެހުމުގެ މަސައްކަތާ ހަވާލުވެ ހުންނެވީ އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕެޓްރިކް ޝެނަހަން އެވެ. އަދި އޭނާ ވިދާޅުވާ ގޮތުގައި ބޯޑަރު ހެދުމަށް އިތުރު ފައިސާއެއް ކުރިއަށް އޮތް ތަނުގައި ނުނަގާނެ އެވެ.