ކުޅިވަރު

އޭޝިއާ ހޯޕްސް ވީކްގެ ފައިނަލަށް ދީމާ ދަތުރު ކޮށްފި

ތައިލެންޑްގައި މިހާރު ކުރިއަށްދާ އޭޝިއާ ހޯޕްސް ވީކްގެ ފައިނަލަށް ރާއްޖޭގެ އެއް ވަނަ ޓީޓީ ކުޅުންތެރިޔާ، ފާތިމަތު ދީމާ އަލީ ދަތުރު ކޮށްފި އެވެ.

ދީމާ ފައިނަލަށް ދަތުރު ކުރީ، މިއަދު ހެނދުނު ކުޅުނު ސެމީ ފައިނަލު މެޗުގައި، ވަރުގަދަ އިރާންގެ ކުޅުންތެރިޔާ ސީދާ ތިން ގޭމުން ބަލި ކޮށްގެންނެވެ. ރާއްޖޭގެ ޓީމާއެކު ތައިލެންޑްގައި ހަރަކާތްތެރިވާ ޓީޓީ އެސޯސިއޭޝަންގެ އޮފިޝަލު ބުނީ ތިން ގޭމްގައިވެސް އިރާންގެ ކުޅުންތެރިޔާގެ ފަރާތުން ދީމާ އަށް ވަރުގަދަ ފައިޓެއް ދިން ކަމަށެވެ.

ފައިނަލުގައި، ދީމާ ވާދަ ކުރާނީ އިންޑިއާގެ ކުޅުންތެރިޔާ އާ ދެކޮޅަށެވެ. ފައިނަލު މެޗު ފަށާނީ މިއަދު މެންދުރު ފަހު 12:30 ގަ އެވެ.

މުބާރާތުގެ ސެމީ ފައިނަލަށް ދީމާ ދަތުރު ކުރީ، އޭނާ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބު ކޮށްގެންނެވެ. ގުރޫޕް ސްޓޭޖުގައި އޭނާ ކުޅުނު ހަތަރު މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި އިންޑިއާގެ ކުޅުންތެރިޔާ އަތުން ބަލިވީ ތިން ގޭމުންނެވެ.

އެހެންނަމަވެސް، އޭނާ ވަނީ ދެން ކުޅުނު ތިން މެޗުވެސް ކާމިޔާބު ކޮށްފަ އެވެ. ދެ ވަނަ މެޗުގައި ލުބުނާންގެ ކުޅުންތެރިޔާގެ މައްޗަށް އޭނާ ކާމިޔާބު ހޯދީ ސީދާ ތިން ގޭމުންނެވެ. ތިން ވަނަ މެޗުގައި މުބާރާތް ބާއްވާ ގައުމު ތައިލެންޑްގެ ކުޅުންތެރިޔާ އާ ދެކޮޅަށް ކުޅެ ދީމާ މެޗު ކާމިޔާބު ކުރީވެސް ސީދާ ތިން ގޭމުންނެވެ.

ހަތަރު ވަނަ މެޗުގައި ކަޒަކިސްތާން ކުޅުންތެރިޔާ ވަރުގަދަ ފައިޓެއް ދިން ނަމަވެސް ދީމާ އެ މެޗު ވެސް ކާމިޔާބު ކުރި އެވެ. އެ މެޗު އޭނާ ކާމިޔާބު ކުރީ 3-1 ންނެވެ.

ރާއްޖޭގެ ގައުމީ ޗެމްޕިއަން ދީމާ ވަނީ މިއަހަރު ޖަނަވަރީ މަހު އަވަށްޓެރި ލަންކާގައި ބޭއްވި ދެކުނު އޭޝިއާ ހޯޕްސް ވީކްގައި ދީމާ ވަނީ އޭނާ ވާދަ ކުރި ކެޓަގަރީން ޗެމްޕިއަންކަން ހޯދާފަ އެވެ. ރާއްޖޭގެ ޓޭބަލް ޓެނިސް ހަޔާތުގައި، ގައުމީ މުބާރާތް ކާމިޔާބު ކުރި އެންމެ ޒުވާން ކުޅުންތެރިޔަކީ އޭނާ އެވެ. މިއަހަރުގެ ގައުމީ މުބާރާތް އޭނާ ކާމިޔާބު ކުރިއިރު އޭނާގެ އުމުރަކީ 11 އަހަރެވެ.