ލ. ގަން

ލ. ގަމު މުބާރާތުން ހިތްގައިމު މެސެޖެއް ތަފާތު އިނާމެއް

ކޮންމެ އަހަރު ރޯދަ މަހެއްގައި، ލ. ގަމުގައި ބާއްވާ މަތިވަރު ފުޓްސަލް ޗެލެންޖުގެ މިއަހަރުގެ މުބާރާތުގެ ފޯރި އެހެން އަހަރުތަކަށް ވުރެ ގަދަ އެވެ. ތަފާތަކަށްވީ މި އަހަރުގެ މުބާރާތުގެ ފޯރި ގަދަ ވުން އެކަންޏެއް ނޫނެވެ.

މި އަހަރުގެ މުބާރާތް ފޯކަސް ކުރެވިފައިވާ އަމާޒާއި މުބާރާތުން ދޭ ހިތްގައިމު މެސެޖާއި، ކޮންމެ މެޗެއްގެ މޭން އޮފް ދަ މެޗުގައި ދޭ އިނާމުވެސް ހާއްސަ އެވެ.

ލާމު އަތޮޅުގެ ހިތަކީ ގަމެވެ. އެއީ ގުދުރަތީ ގޮތުން އުފެދިފައިވާ ރާއްޖޭގެ އެންމެ ބޮޑު ބިމުގެ ސަރަހައްދެވެ. ގަމާއި އަތޮޅުގެ ވެރިކަންކުރާ ރަށް ފޮނަދޫ އާއި އެއާޕޯޓް ބޭސް ވެފައި އޮތް ކައްދޫ އަދި ސިނާއީ ރަށެއްގެ ގޮތުގައި މަޝްހޫރުވެފައިވާ މާންދޫ ގުޅުވައިދެނީ ލާމް ލިންކް ރޯޑެވެ.

ހައްދުންމަތީ ޕޮލިސްޓޭޝަންގެ ޔޫތު ފޯރ ސޭފާ ކޮމިޔުނިޓީ އާ ގުޅިގެން މުބާރާތް ކުރިއަށް ގެންދާއިރު މުޅި މުބާރާތް އަމާޒު ކޮށްފައި ވަނީ، ޓްރެފިކް ގަވާއިދުތަކާއި މަގުމަތީގެ އަދަބު ތަކަށް އަހުލުވެރި ކުރުމުގެ މައްޗަށެވެ.

ލާމް އަތޮޅުގެ ގިނަ ޒުވާނުންނަކީ، އެއް ރަށްުން އަނެއް ރަށަށް ދިއުމަށާއި އެއްތަނުން އަނެއް ތަނަށް ދިއުމަށް ލާމް ލިންކްރޯޑް ބޭނުން ކުރާ ބަޔަކަށް ވުމާއެކު މުބާރާތް އިންތިޒާމު ކޮށްފައި ވަނީ އެ ހެޔޮ މެސެޖު މުބާރާތުގައި ވާދަ ކުރާ ކޮންމެ ޒުވާނަކަށް ލިބޭނެ ގޮތަށެވެ.

މުޅި ސަރަހައްދުގައި ޓްރެފިކް ގަވާއިދުތަކަށް އަހުލުވެރި ކުރުމަށް ދޭ މެސެޖުތަކުގެ ބޯޑުތައް ވަނީ ހަރުކޮށްފަ އަދި މެޗު ކުޅެމުން ދާއިރުވެސް އެ މެސެޖު ލިބޭނެހެން އަޑުގަދަ ކުރާއިން އެ މެސެޖުތައް ފޯރުކޮށް ދެމުން ގެންދާނެ،" މުބާރާތް އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ އޮފިޝަލަކު ބުންޏެވެ. "އެހެންވީމަ މި މެސެޖު ލިބޭނީ ހަމައެކަނި މުބާރާތުގައި ވާދަ ކުރާ 19 ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް އެކަންޏެއް ނޫން، މުބާރާތުގެ މެޗުތައް ބަލާލަން އަންނަ ކޮންމެ މީހަކަށް އެ މެސެޖު ފޯރާނެ."

މުބާރާތުގެ ކޮންމެ މެޗެއްގެ މޭން އޮފްދަ މެޗަށް ދޭ އިނާމުވެސް ތަފާތެވެ. ލާމް ލިންކްގައި ދުއްވާ އުޅަނދުތަކުގެ ތެރެއިން 80 ވަރަކަށް ޕަސަންޓް އުޅަނދަކީ، ސައިކަލެވެ. މިމަހު އެކަކުން ފެށިގެން ލާމް ލިންކްގައި ސައިކަލް ދުއްވާނަމަ، ހެލްމެޓް އަޅަން ޖެހޭ ގޮތަށް ވަނީ ގަވާއިދު އެކުލަވާލަފަ އެވެ. ސައިކަލްގައި ޑަބްލް ސީޓް ކުރި ނަމަވެސް ފަހަތުގައި އިންނަ މީހާވެސް ހެލްމެޓް އަޅަން ޖެހެ އެވެ.

މުބާރާތުގެ ކޮންމެ މެޗެއްގެ މޮޅު ކުޅުންތެރިޔަކަށް އިނާމަކަށް ދެނީ، ހެލްމެޓެކެވެ. ބޭނުމަކީ ހެލްމެޓް އަޅައިގެން ސައިކަލް ދުއްވުމަށް އަހުލުވެރި ކުރުމެވެ.

މުބާރާތުގައި 19 ޓީމު ވާދަ ކުރެ އެވެ. އޭގެ ތެރޭގައި ލ. މުންޑޫގެ ޓީމަކާއި ރިޒޯޓުން ޓީމެއް ވާދަ ކުރ އެވެ. އަނެއް 17 ޓީމަކީ ގަމާއި ފޮނަދޫއަށް ނިސްބަތްވާ ޓީމުތަކެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. ރަނަރަފް ޓީމަށް 10،000 ރުފިޔާ އެވެ.