ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ޝަރަފުގައި ރޮމޭނިއާގެ ގްރޭންޑް މުފްތީ އަދި އެ ގައުމުގެ މުސްލިމް ކޮމިއުނިޓީގެ ވެރިޔާ ލުސުފް މުރައްތް ރޯދަ ވީއްލުމެއް ދެއްވައިފި އެވެ.
މި ރޯދަ ވީއްލުން ބާއްވާފައިވަނީ ރޮމޭނިއާގެ ވެރިރަށް ބުކަރެސްޓްގައި ހުންނަ ހަންކިއާ ކަރޯލް އަލް މިސްކިތުގަ އެވެ. މި ރޯދަ ވީއްލުމުގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދް ހަލީލް ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
ރަސްމީ ދަތުރުފުޅެއްގައި ޝާހިދު ރޮމޭނިއާއަށް ފުރާވަޑައިގަތީ މި މަހު ނުވަ ވަނަ ދުވަހު އެވެ. މި ދަތުރުފުޅަކީ ރޮމޭނިއާގެ ފޮރިން މިނިސްޓަރު މެލެސްކާނޯގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.
ޔޫރަޕުން ރާއްޖެއަށް ގިނަ ލުއިތަކެއް ހޯދުމާ ގުޅޭގޮތުން މިނިސްޓަރު ޝާހިދު ރޮމޭނިއާގެ ވައިސް ޕްރައިމް މިނިސްޓާ ފޮ ސްޓްރެޓީޖިކް ޕާޓްނަޝިޕްސް އިމްޕްލިމެންޓޭޝަން އަނާ ބާޗޯލް އާއި ވެސް ވަނީ ބައްދަލުކުރައްވާފަ އެވެ.
ޔޫރަޕިއަން ކައުންސިލްގެ ރިޔާސަތު ރުމޭނިއާއިން ބަލަހައްޓަމުންދާއިރު، ރާއްޖޭގެ މަހުގެ ބާވަތްތައް ޔޫރަޕްގެ މާކެޓްގައި އިތުރަށް ޕްރޮމޯޓްކުރުމަށް ދިވެހި ސަރުކާރުން ބޭނުންވާކަން ޝާހިދު ވަނީ އަނާ ބާޗޯލް ހިއްސާ ކުރައްވާފަ އެވެ. މީގެ އިތުރުން އަނާ ބާޗޯލް އާއިއެކު ކުރިއަށް ދިޔަ ބައްދަލުވުމުގައި ދިވެހި މަސްވެރިކަމުގެ ބާވަތްތަކުން ނަގާ 24 އިންސައްތަ ޑިއުޓީ ކުޑަކުރުމުގެ އިތުރުން ޔޫރަޕަށް ދާން ނަގަން ޖެހޭ ވިސާއާއި ގުޅޭ ގޮތުން މަޝްވަރާކުރައްވައި، އެކަންކަމުގައި ރާއްޖެއަށް ފަސޭހަތަކެއް ލިބޭތޯ މިނިސްޓަރު ވަނީ މަޝްވަރާކުރައްވާފަ އެވެ.