ކުޅިވަރު

އޭޝިއާ ހޯޕްސް ވީކްސްއިން ދީމާ ރިހި މެޑަލް ހޯދައިފި

ތައިލެންޑްގައި މިހާރު ކުރިއަށްދާ، އޭޝިއާ ހޯޕްސް ވީކްސްގައި ވާދަ ކުރި ރާއްޖޭގެ އެއް ވަނަ ޓީޓީ ކުޅުންތެރިޔާ، ފާތިމަތު ދީމާ އަލީ، އެ މުބާރާތުން ރިހި މެޑަލް ހޯދައިފި އެވެ.

ދީމާ ވާދަ ކުރި ކެޓަގަރީން ރަން މެޑަލް ހޯދީ، ފައިނަލުގައި ދީމާ މައްޗަށް ކާމިޔާބު ހޯދި، އިންޑިއާގެ ކުޅުންތެރިޔާ އެވެ. ފައިނަލުގައި ދީމާ ވަނީ ވަރުގަދަ ފައިޓެއް ދީފަ އެވެ. އިންޑިއާގެ ކުޅުންތެރިޔާ މެޗު ކާމިޔާބު ކުރީ 3-1 ންނެވެ.

ދީމާ ވަނީ ޖަނަވަރީ މަހު ބޭއްވި ދެކުނު އޭޝިއާގެ ހޯޕްސް ވީކްސްގައި ރަން މެޑަލް ހޯދާފަ އެވެ. މިއީ މުޅި އޭޝިއާއަށް ހުޅުވާލެވިގެން ބާއްވާ ހޯޕްސްގެ އިވެންޓްގައި ދިވެހި ކުޅުންތެރިޔަކު ހޯދި އެންމެ ބޮޑު ކާމިޔާބެވެ.

ސެމީ ފައިނަލާ ހަމައަށް ކުރި ދަތުރުގައި، ދީމާ ވަނީ އެންމެ މެޗެއް ފިޔަވައި ހުރިހާ މެޗަކުން މޮޅުވެފަ އެވެ. މުބާރާތުގެ ސެމީ ފައިނަލަށް ދީމާ ދަތުރު ކުރީ، އޭނާ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބު ކޮށްގެންނެވެ. ގުރޫޕް ސްޓޭޖުގައި އޭނާ ކުޅުނު ހަތަރު މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި އިންޑިއާގެ ކުޅުންތެރިޔާ އަތުން ބަލިވީ ތިން ގޭމުންނެވެ.

އެހެން ނަމަވެސް، އޭނާ ވަނީ ދެން ކުޅުނު ތިން މެޗުވެސް ކާމިޔާބު ކޮށްފަ އެވެ. ދެ ވަނަ މެޗުގައި ލުބުނާންގެ ކުޅުންތެރިޔާގެ މައްޗަށް އޭނާ ކާމިޔާބު ހޯދީ ސީދާ ތިން ގޭމުންނެވެ. ތިން ވަނަ މެޗުގައި މުބާރާތް ބާއްވާ ގައުމު ތައިލެންޑްގެ ކުޅުންތެރިޔާ އާ ދެކޮޅަށް ކުޅެ ދީމާ މެޗު ކާމިޔާބު ކުރީވެސް ސީދާ ތިން ގޭމުންނެވެ.

ހަތަރު ވަނަ މެޗުގައި ކަޒަކިސްތާން ކުޅުންތެރިޔާ ވަރުގަދަ ފައިޓެއް ދިން ނަމަވެސް ދީމާ އެ މެޗު ވެސް ކާމިޔާބު ކުރި އެވެ. އެ މެޗު އޭނާ ކާމިޔާބު ކުރީ 3-1 ންނެވެ.

ރާއްޖޭގެ ޓޭބަލް ޓެނިސް ހަޔާތުގައި، ގައުމީ މުބާރާތް ކާމިޔާބު ކުރި އެންމެ ޒުވާން ކުޅުންތެރިޔަކީ އޭނާ އެވެ. މިއަހަރުގެ ގައުމީ މުބާރާތް އޭނާ ކާމިޔާބު ކުރިއިރު އޭނާގެ އުމުރަކީ 11 އަހަރެވެ.