ރޯދަމަހާއި ދިމާކޮށް އިނގިރޭސި ވިލާތުގެ މުސްލިމުން އަޅުކަންކުރާ މިސްކިތްތަކުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރަމުން އަންނަ ކަމަށް އެ ގައުމުގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.
މުސްލިމުންގެ މިސްކިތްތަކާއި އެހެން ދީންތަކުގެ މީހުން އަޅުކަންކުރާ އިމާރާތްތައް ރައްކާތެރި ކުރުމަށްޓަކައި އިނގިރޭސި ވިލާތުގެ ހޯމް ސެކްރެޓަރީ ސާޖިދް ޖާވިދް ވަނީ ފަސް މިލިއަން ބްރިޓިޝް ޕައުންޑްގެ ފަންޑެއް އެކުލަވާލައްވާފަ އެވެ.
"އެންމެނަށް ވެސް އެނގޭނެ ހަގީގަތެއް، ބަޔަކު ގަބޫލުކުރާ ދީނެއްގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެމީހުނަށް އިހާނެތި އަނިޔާތައް ލިބެމުންދޭ. މި ގައުމުގައި ވެސް އަނިޔާވެރި ހަމަލާތައް އެފަރާތްތަކަށް އެބަ ރައްދުވޭ. މަރުތޭލާއި ގާ ބޭނުން ކޮށްގެން އަޅުކަންކުރާ މީހުނަށާއި އިމާރާތްތަކަށް ގެއްލުންދޭ. އެކަހަލަ ކޮންމެ ކަމެއް އަހަރެމެން ކުށްވެރިކޮށް އެކަމާ ދެކޮޅަށް ހަނގުރާމަ ކުރާނަން"، ޖާވިދު ވިދާޅުވި އެވެ.
އިނގިރޭސި ވިލާތުގައި ދިރާސާތައް ކުރާ "ޓެލް މާމާ"ގެ މޮނީޓަރުން ރިޕޯޓުކުރާ ގޮތުގައި މާޗް މަހު ނިއުޒީލޭންޑްގެ ދެ މިސްކިތަކަށް ހަމަލާދީ ހުކުރު ކުރަން ތިބި 50 މީހަކު މަރާލި އަނިޔާވެރި ހާދިސާއަށް ފަހު މުސްލިމުންނާމެދު އަނިޔާވެރިކަން އިތުރުވެ. އަދި އެހެން ދީންތަކުގެ މީހުންނާމެދު ހިންގާ އަނިޔާވެރިކަމުގެ އަމަލުތައް ވެސް އިތުރުވެފައިވާ ކަމަށް ދައްކަ އެވެ.
މިސްކިތްތަކުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ކަނޑައަޅާފައިވާ ފަންޑުގެ ފައިސާ ދޫކުރަން ފަށާފައިވަނީ ރޯދަ މަސް ފެށުމަށް ފަހުގަ އެވެ. އެހާ ތަނަށް މިސްކިތް ހުންނަ ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު ވަރަށް ބޮޑަށް އިތުރުކުރާނެ ކަމަށްވެސް ޖާވިދު ވިދާޅުވެފައި ވެއެވެ.
މިސްކިތްތަކަކީ ރޯދަމަހު 24 ގަޑިއިރު ހުޅުވާފައި ހުންނަ ތޮއްޖެހިފައިވާ ތަންތަނަށް ވާއިރު، އަދި ހައްދު ފަހަނައަޅާފައިވާ އަނިޔާވެރިން މިސްކިތްތަކަށް ހަމަލާދޭން ބުނަމުން ގެންދާއިރު އެފަދަ މީހުންގެ ކިބައިން އެތަންތަން ސަލާމަތްކުރުމުގެ މުހިންމުކަން އެފަރާތުން ފާހަގަކޮށްފައި ވެއެވެ.