ބާސެލޯނާ

ބާސާގައި ވަލްވެރުޑޭ ދެމިހުންނާނެކަން ޔަގީންވެއްޖެ

އަންނަ ސީޒަންގައި ވެސް ބާސެލޯނާގެ ކޯޗްގެ މަގާމުގައި ވަލްވެރުޑޭ ދެމިހުންނާނެ ކަން ކަށަވަރު ވެއްޖެ އެވެ.

ޗެމްޕިއަންސް ލީގްގެ ސެމީ ފައިނަލުގައި އެންމެ ފަހުގެ ރަނަރަފު ލިވަޕޫލް އަތުން ބަލިވެ ބާސާ ކެޓުމުން ވަލްވެރުޑޭގެ މަގާމާމެދު ސުވާލު އުފެދުނު ކަމަށް މީޑިއާތަކުން ރިޕޯޓް ކުރި ނަމަވެސް ބާސާގެ ބޯޑުގެ ވިސްނުން ހުރީ ވަލްވެރުޑޭ އާއެކު ކުރިއަށް ދާށެވެ.

ސެމީ ފައިނަލު މެޗަށް ފަހު ޓީމުގެ ސީނިއާ ބައެއް ކުޅުންތެރިންގެ ހިތްހަމަނުޖެހުން ވަލްވެރުޑޭ އާމެދު އޮތް ކަމަށް މީޑިއާގައި ތާފަތު ގޮތްގޮތަށް ރިޕޯޓް ކުރަމުން ދިޔަ ނަމަވެސް، އެންމެ ފަހުން ގެޓާފޭއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ޓީމުގެ ވައިސް ކެޕްޓަން ސާޖިއޯ ބްސްކެޓް އަދި ޖޯޑީ އަލްބާ ވަނީ ވަލްވެރުޑޭގެ ދިފާއުގައި ވާހަކަ ދައްކާފަ އެވެ.

ލިވަޕޫލްގެ މެޗަށް ފަހު، ބާސާގެ ރައީސް ޖޯސެފް މާރިއާ ބާޓެމެއު އާ ވަލްވެރުޑޭ އާ ދެމެދު ގިނަ މަޝްވަރާތަކެއް ކުރެވުނެވެ. އެ ބައްދަލުވުމަށް ފަހު ބާސާގައި ވަލްވެރުޑޭ ދެ މިހުންނާނެކަން އޭނާ އަށްވެސް ވަނީ ޔަގީން ވެފަ އެވެ.

ލާލީގާ ގައި އެންމެ ފަހުން ކުޅުނު ތިން މެޗުގައިވެސް، ވަލްވެރުޑޭ ވަނީ މުޅިން އާ ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ. އޭނާގެ ދެ ސީޒަންގައި އެކަނިވެސް އޭނާ ވަނީ ކުރީގެ ދެ ކޯޗުން ކަމަށްވާ، ޖޯސެފް ގާޑިއޯލާ އާއި ލުއިސް އެންރީކޭއާ އެއްވަރަށް އާ ކުޅުންތެރިންނަށް ބާސާގެ ސީނިއާ ޓީމުން ފުރުސަތު ދީފަ އެވެ.

ވަލްވެރުޑޭއަށް ލިބުނު ޔަގީން ކަމާއެކު އޭނާ ވަނީ، އަންނަ އަހަރަށް ޕްލޭންތައް ހަދަން ފަށާފަ އެވެ.

"އަހަރެން ބޭނުން ވަނީ އިތުރު ފިޔަވަޅަކަށް ކުރިއަށް ދާން، އަހަރެންނަކީ މިަކަމުން ފިލަން އުޅޭނެ މީހެއް ނޫން." ގެޓަފޭގެ މެޗަށް ފަހު ވަލްވެރުޑޭ ބުނެފައި ވެއެވެ.