އަންނަ ސީޒަންގައި، ރެއާލް މެޑްރިޑްގެ ޓީމަށް ގޯލްކީޕަރު ކޭލޯ ނާވަސް ބޭނުން ނުވާކަމަށް އެ ޓީމުގެ ކޯޗް ޒައިނުއްދީން ޒިދާން އަންގައިފި އެވެ.
ސްޕެއިންގެ ކުޅިވަރު ނޫސް، މާކާއިން ބުނެފައި ވަނީ މިދިޔަ ހުކުރު ދުވަހު، ރެއާލްގެ ޓްރެއިނިން ސެންޓަރު ވެލްޑަބެބަސްގައި، ރެއާލްގެ ކޯޗް ޒިދާން ނާވަސް އާ ބައްދަލު ކުރި ކަމަށެވެ. އެދުވަހު އޮތް ރެއާލްގެ ފަރަިތަކުރުންތަކުގައި ނާވަސް ބައިވެރި ވެފައެއް ނުވެ އެވެ.
ކުރިން ލެވާންޓޭއަށް ކުޅުނު، ނާވަސް ރެއާލް އަށް ބަދަލުވީ 2014 ވަނަ އަހަރު އެވެ. އެ އަހަރުގެ ވޯލްޑްކަޕުގެ މޮޅު ކުޅުމެއް ދެއްކި، ނާވަސް އަށް ރެއާލްގެ އެއް ނަންބަރު މަގާމު ކަށަވަރުވީ، އެ ޓީމުގެ ލެޖެންޑް އިކަ ކަސިއަސް 2015 ގައި ޓީމު ދޫކޮށްލުމުންނެވެ. ވޭތުވެދިޔަ ތިން ސީޒަންގައި ޔޫއެފާ ޗެމްޕިއަންސް ލީގް ރެއާލްއަށް ހޯދައިދިނުމަށް ނާވަސް ވަނީ މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ.
މި ސީޒަންގައި، ރެއާލުން ބެލްޖިއަމްގެ ކީޕަރު ތައިބަޓް ކޯޓްއާ ގެނައުމުން، ނާވަސް އަށް އޭނާގެ ދާއިމީ މަގާމު ގެއްލުނެވެ. މި ސީޒަންގައި ރެއާލްގެ ކޯޗްކަން ފުރަތަމަ ކުރި ހުލެން ލޮޕެޓެގީ ފުރަތަމަ ކޮޅު ނާވަސްއަށް ލީގް މެޗުތަކުން ފުރުސަތު ދިން ނަމަވެސް ފަހުން އޭނާވެސް ފުރުސަތު ދިނީ ކޯޓްއާ އަށެވެ. އަދި އޭނާ ވަކިކުރުމަށް ފަހު ކޯޗް ކަމަށް ހަމަޖެއްސި ސެންތިއާގޯ ސޮލާރީވެސް އިހްތިޔާރު ކުރީ ކޯޓް އާއެވެ.
ޒިދާން ރެއާލްގެ ކޯޗް ކަމަށް އެނބުރި އައިސް ފުރަތަމަ އޭނާވެސް ފުރުސަތު ދިނީ ނާވަސް އަށެވެ. އޭރު ކޯޓްއާ ހުރީ އަނިޔާގަ އެވެ. ފަހުން ކުޅުނު މެޗުތަކުގައި ކޯޓްއާ އަށް އޭނާ ފުރުސަތު ދޭން ފެށި އެވެ. މިދިޔަ ތިން ސީޒަންގައި ރެއާލްގެ ދެ ވަނަ ކީޕަރެއްގެ ގޮތގައި ހުރި ކިކޯ ކަސިއްޔާ ވަނީ ޖަނަވަރީ މަހު ރެއާލް ދޫކޮށްލާފަ އެވެ.
މިހާރު ރެއާލްގެ ތިން ވަނަ ކީޕަރަކީ، ޒިދާންގެ ދަރިފުޅު ލޫކަ ޒިދާން އެވެ. ރެއާލުން ވަނީ މި ސީޒަންގައި، ޔޫކްރޭންގެ ޒުވާން ކީޕަރު އަންޑްރޭ ލުނިން ލައްވައި ސޮއި ކޮށްފަ އެވެ. އެހެންނަމަވެސް ލޯން އެއްބަސްވުމުގެ ދަށުން ލެގަނޭޒްއަށް ލުނިން ދޫކޮށްލި އެވެ. ލެގެނޭޒްގައި އޭނާ ކުޅުނީ އެންމެ ހަތަރު މެޗެވެ.
ބެލެވޭ ގޮތުގައި ނާވަސް ފޮނުވާލުމަށް ފަހު، ދެ ވަނަ ކީޕަރުގެ މަގާމަށް ލުނިން ގެންނާނެ އެެވެ. ނާވަސް ގެންދިއުމަށް އާސެނަލްއިން ޝައުގުވެރިކަން ފާޅު ކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.