ހަބަރު

ކުރީގެ ނައިބުންނާއި ފަނޑިޔާރުންގެ އިނާޔަތުގެ ބިލް ތަސްދީގު ނުކުރެއްވި

ކުރީގެ ނައިބް ރައީސްކަން ކުރައްވާފައިވާ ފަރާތްތަކަށް އިނާޔަތް ދިނުމުގެ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގް ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުވާލައްވައިފި އެވެ.

އިނާޔަތުގެ ގޮތުގައި ކުރީގެ ނައިބު ރައީސުންނަށް މަހަކު 35،000 ރުފިޔާ ދޭން ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހުގެ ވަނީ ފާސްކޮށްފަ އެވެ. އެ ބިލް މަޖިލީހަށް ހުށަހެޅުއްވީ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ

ރައީސްގެ ތަރުޖަމާނު އިބްރާހިމް ހޫދު "އަވަސް" އަށް ވިދާޅުވީ، ނައިބް ރައީސުންނަށް އިނާޔަތް ދިނުމުގެ ބިލް ރައީސް އަނބުރާ ފޮނުވާ ލެއްވީ ގާނޫނު އަސާސީގެ ރޫހާއި ހިލާފް ކަންތައްތަކެއް އެބިލްގައި ހުރުމުން ކަމަށެވެ.

މީގެ އިތުރުން އެބިލްގައި ސުވާލު އުފެދޭ ކަންކަންވެސް އެބަހުރި ކަމަށެވެ. އެގޮތުން އިނާޔަތް ދިނުމުގައި ނައިބް ރައީސްކަން ކުރައްވާފައިވާ ވަކި މުއްދަތެއް ބިލްގައި ކަނޑައަޅުއްވާފައިނުވާ ކަމަށެވެ.

"ވަކި މުއްދަތެއްނެތް، އިނާޔަތްދޭން ޖެހޭނީ ކިހާ މުއްދަތަކު ނައިބް ރައީސްކަން ކުރައްވާފައިވާ ފަރާތަކަށްކަމެއް ނެތް، މިހާރު އޮތް ގޮތުން ދެމަހުވެސް ނޫނީ ފަސް އަހަރުވެސް ނައިބް ރައީސްކަން ކުރައްވައިފިނަމަ އިނާޔަތް ލިބޭނެ،" ހޫދު ވިދާޅުވި އެވެ.

ހޫދު ވިދާޅުވީ އެބިލްގެ އިތުރުން މަގާމުން ވަކިވާ ކޮންމެ ފަނޑިޔާރަކަށް އިނާޔަތް ދިނުމުގެ ބިލްވެސް ރައީސް އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ. އެބިލް އަނބުރާ ފޮނުވާލާފައިވަނީ ގާނޫނުއަސާސީގެ 75 ވަަނަ މާއްދާއާ ހިލާފުވާތީ ކަމަށްވެސް ހޫދު ވިދާޅުވި އެވެ.

ގާނޫނު އަސާސީގެ 75 ވަނަ މާއްދާ އަކީ މެންބަރުންގެ މަސައްކަތުގައި ރިއާޔަތްކުރާންވީ ކަންކަން އެކުލެވޭ މާއްދާ އެކެވެ. އެމާއްދާގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަމަލުކުރާންވާނީ ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެން ކަމަށެވެ. އަދި އެއްވެސް މެންބަރަކު އެ މީހެއްގެ ނުވަތަ އެ މީހަކާ ހާއްސަ ގުޅުމެއް އޮތް އެހެންމީހެއްގެ ވެސް ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަގާމުގެ ބޭނުންކޮށްގެނެއް ނުވާނެ ކަމަށެވެ. އަދި މެންބަރުން އިންތިހާބުވި ދާއިރާތައް ތަމްސީލުކުރުމުގައި މުޅި ގައުމާއި ހުރިހައި ރައްޔިތުންގެ ލާބަޔާއިމަންފާއަށް ރިއާޔަތް ކުރާންވާނެ ކަމަށެވެ.

ނައިބު ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް ރައްކާތެރިކަން ދިނުމުގެ ގޮތުން އެފަދަ ފަރާތްތަކަށް ދޭނެ އިނާޔަތުގެ ގޮތުގައި އެ ބިލުގައި ބުނެފައި ވަނީ، ދައުލަތުގެ އިއްޒަތްތެރިންގެ ލަގަބު އަދި އެ ފަދަ ބޭފުޅަކާ މުހާތަބު ކުރާއިރު، "ނައިބު ރައީސް" ބޭނުން ކުރަން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ދެން އެ ބިލްގައި ހިމެނެނީ، ނައިބު ރައީސްކަން ކޮށްފައިވާ ބޭފުޅަކަށް ދައުލަތުގެ ސަލާމަތީ ހިދުމަތްތަކުން ރައްކާތެރިކަން ފޯރުކޮށްދިނުމެވެ.

މިހާރު ކުރީގެ ނައިބު ރައީސުންގެ ގޮތުގައި ތިއްބެވީ މުހައްމަދު ވަހީދުއްދީން އާއި ޑރ. މުހައްމަދު ޖަމީލާއި އަބްދުﷲ ޖިހާދާއި އަދި އަހުމަދު އަދީބެވެ. ރައީސް މުހައްމަދު ނަޝީދުގެ ނައިބު ރައީސް ޑރ. ވަހީދު ވަނީ ފަހުން ރައީސްކަން ކުރައްވާފަ އެވެ.