ފަލަސްތީނަށް އެހީތެރިވާން ބޭނުންވާނަމަ ފަލަސްތީނުގެ ދައުލަތަކީ އަމިއްލަ ދައުލަތެއްކަން ދުނިޔޭގެ ބާރުތަކުން ބަލައިގަންނަން ޖެހޭ ކަމަށް ފަލަސްތީނިއަން އޮތޯރިޓީ (ޕީއޭ) ގެ ބޮޑުވަޒީރު މުހަންމަދު ޝިތައްޔެހް އިއްޔެ ވިދާޅުވެއްޖެ އެވެ.
އިޒްރޭލުން ފަލަސްތީނުގެ ބިންތަކަށް އަރައިގަަނެ އެ ގައުމުގެ ރައްޔިތުންގެ އަސާސީ ހައްގުތައް ފޭރިގަތުމަށް ވެސް މަސައްކަތް ކުރަމުންދާއިރު އެކަންތައްތައް ހުއްޓުވަން ޖެހޭކަމަށް ވެސް ފަލަސްތީނުގެ ޝިތައްޔެހު ވިދާޅުވި އެވެ.
"އެ ސަރަހައްދު ދެ ގައުމަށް ބަހާލައިގެން ވިޔަސް ފަލަސްތީން މައްސަލައަށް ހައްލެއް ލިބިދާނެ ކަމަށް ގަބޫލުކުރާ ދުނިޔޭގެ ހުރިހާ ގައުމަކުން އިޒްރޭލުން ފަލަސްތީނުގެ ބިންތައް ޖަހައިގަންނަން ކުރާ މަސައްކަތަށް ޖަވާބުދާރީ ވާން ޖެހޭ"، ކޮންމެ ހަފުތާއަކު ރާމައްލާގައި ބާއްވާ ސަރުކާރުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޝިތައްޔެހް ވިދާޅުވި އެވެ.
އިޒްރޭލުން ފަލަސްތީނުގެ ޓެކްސް ފައިސާ ކަނޑަމުންދާ ގޮތް ބެލެހެއްޓުމަށް އދ. އިން ކޮމިޓީއެއް އުފެއްދުމަށް ވެސް އެ އޭނާ ގޮވާލައްވާފައި ވެއެވެ. އަދި ކޮޮންމެ ރޯދަ މަހަކާއި ދިމާކޮށް ގުދުސްގައި އަޅުކަންކުރާ މުސްލިމުންނަށް އިޒްރޭލުން ކުރަމުންދާ އަނިޔާތައް ހަރުކަށި އިބާރާތުން އޭނާ ކުށްވެރި ކުރެއްވި އެވެ.
އިއްޔެ ގުދުސްގައި ދަމު ނަމާދުކޮށް ނިމުނު ވަގުތު އިޒްރޭލު ސިފައިން އަގްސޯ މިސްކިތް ކައިރިން ފަލަސްތީނުގެ 16 އަހަރު ދެ ކުއްޖަކު ވަނީ ހައްޔަރު ކުރި އެވެ. އެ ދެ ކުދިން ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި އެ ކުދިންނަށާއި ނަމާދަށް ގޮސް ތިބި މީހުންނަށް އިޒްރޭލް ސިފައިން އަނިޔާކޮށްފައިވާ ކަމަށް މަންޒަރު ދުން މީހުނާ ހަވާލާދީ ރިޕޯޓްތައް ބުނެ އެވެ.
އިޒްރޭލު ސިފައިން އަގްސާ މިސްކިތުގެ އެތެރެއާއި ބޭރަށް "ސޮނިކް" ބޮން އުކާފައި ވެއެވެ. އެފަދަ ބޮމަކީ އޭގެ އަޑުގެ ސަބަބުން އެތެރެހައްޓާއި ކަންފަތައް ބޮޑެތި އަނިޔާތަކެއް ލިބިގެންދާފަދަ ބޮން ތަކެކެވެ.