އަލްފަތުހު އެންޑް އުމްރާ ގްރޫޕުން ހައްޖަށް ގެންދަން ފައިސާ ނެގުމަށް ފަހު އެ ފައިސާއަށް ހިޔާނާތްތެރިވި، މައްސަލައިގައި، ގެއްލުމުގެ ބަދަލު ލިބިދޭން ޖެހޭ ގިނަ ބަޔަކަށް ގެއްލުމުގެ ބަދަލު ލިބިދީފައި ނުވާތީ އެ ފަރާތްތަކުން ފުލުހުންނަށް މައްސަލަ ހުށަހަޅަން ޕްރެސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެދެފި އެވެ.
މި މައްސަލައިގައި ފަތުހު ޖަމާއަތުގެ ވެރިޔާ، މުސްތަފާ މުހައްމަދާއި އޭނާގެ އާއިލާގެ އިތުރު ތިން މީހެއްގެ މައްޗަށް ދައުވާ ކުރަން 2015 ވަނަ އަހަރު އޭޕްރީލް މަހު ވަނީ ފީޖީއަށް ފޮނުވައިފަ އެވެ. ދައުވާ ކުރަން ފޮނުވި މުސްތަފާ އާއިލާގެ ތިން މީހުންނަކީ އެ ކުންފުނީގެ ޑިރެކްޓަރުންނެވެ.
މަކަރާއި ހިލަތް ހެދި ކަމުގެ ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހުން މުސްތަފާގެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވި ނަމަވެސް އެ ކޯޓުން ނިންމާފައިވަނީ އޭނާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ. ކްރިމިނަލް ކޯޓުގެ މިހުކުމް ހައި ކޯޓުން ވަނީ އިސްތިއުނާފު ކޮށްފަ އެވެ.
ކްރިމިނަލް ކޯޓުގެ އޭރު ގާޒީ ކަމަށްވާ އާދަމް އާރިފް ކޮށްފައިވާ އެ ހުކުމުގައި ބުނެފައިވަނީ، ޝަރީއަތުގެ މަޖިލީހުގައި މުސްތަފާ ދެއްކެވި ވާހަކަތަށް ބާރުލިބޭ ގޮތަށް ދިފާއީ ހެކިން ހެކިބަސް ދީފައިވާ ކަމަށާއި އެކަން ނަފީކުރުމަށް ދައުލަތުން އެއްވެސް ހެއްކެއް ގަރީނާއެއް ހުށަހަޅާފައި ނުވާ ކަމަށެވެ.
އެ ހުކުމުގައި އިތުރަށް ބުނެފައިވަނީ، ފަތުހު ޖަމާއަތުން ކުރާ ހުރިހާ ކަމެއް ކުރަނީ އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާ ގޮތެއްގެ މަތިން ކަމަށާއި އެޔާ ހިލާފަށް އެއްވެސް ކަމެއް މުސްތަފާ ކޮށްފައިނުވާކަން ހެކިންގެ ހެކި ބަހުން އެނގެން އެބަ އޮތް ކަމަށެވެ.
އަދި ފަތުހު ގްރޫޕްގެ އެހެން އެއްވެސް ޑިރެކްޓަރެއް އަދި މުވައްޒަފެއްގެ މައްސަލަ ނުބަލައި ހަމައެކަނި މުސްތަފާގެ މައްޗަށް ކޮށްފައިވާ ތަހްގީގަކީ ފުރިހަމަ ނުވާ ތަހްގީގެއް ކަން އެނގެން އެބަ އޮތް ކަމަށްވެސް ކްރިމިނަލް ކޯޓުގެ އެ ހުކުމުގައި ބުންޏެވެ.
މުސްތަފާގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ދައުވާ އުފުލާފައިވަނީ ސަރުކާރުން ދިން ކޯޓާއަށް ވުރެ އިތުރަށް 72 މީހެއްގެ އަތުން ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ އާއި އެއް ލައްކައަށް ވުރެ ގިނަ ޑޮލަރު އޮޅުވާލައިގެން ނަގާފައިވާ ކަމަށް ބުނެއެވެ.
މުސްތަފާ ވަނީ ހައްޖަށް ގެންގޮސް ދޭނެ ކަމަށް ބުނެ 112 މީހެއްގެ އަތުން 6.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ އޮޅުވާލައިގެން ނަގައިފަ އެވެ.
މިފަރާތްތަށް ހައްޖަށް ފޮނުވުމަށް ސަރުކާރުން ވަނީ 6.6 މިލިއަން ރުފިޔާ ހަރަދު ކޮށްފަ އެވެ. ޕީޖީ އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނެފަ ވަނީ، އަލްފަތުހު އެންޑް އުމްރާ ގްރޫޕުން އޮޅުވާލައިގެން ފައިސާ ނެގި ފަރާތްތަކުން މިމަހު 30 ވަނަ ދުވަހުގެ ކުރިން ފުލުހުންނަށް މައުލޫމާތު ހިއްސާ ކުރުމަށް އެދިފަ އެވެ.