ވާހަކަ

އީޝަލް

(12 މެއި 2019 އާ ގުޅޭ)

"އިރުކޮޅަކުން ރޭގަނޑުގެ ކެއުން ހިފައިގެން އެމީހުން އަންނާނެ، އޭގެ ކުރީން އަހަރެން އެބަ އަންނަން ރާވިންއާ ބައްދަލުކޮށްފައި، އަހަރެން އަންނަންދެން އީޝަލް އަރާމުކޮށްލަންވީނު" ރައުލް ބުންޏެވެ. އަދި އޭނާ އިންތަނުން ތެދުވެ އީޝަލްގެ އަތުން ދޫކޮށްލުމުގެ ކުރީން އެ އަތްތިލައިގައި ފިރުމާލައިފިއެވެ. ފޭލީގެއިން އޭނާ ނުކުމެ ރަނގަޅަށް ދޮރު ބަންދުކުރިއެވެ. ތަންމަތީގައި އަރިއަކަށް އީޝަލް އޮށޯވެލީ ދެނެވެ.

ނިދިފައި އޮތް އީޝަލްއަށް ހޭލެވުނުއިރު މަގަތުގައި ރައުލް އޮތެވެ. އޭނާއަށް ބަލަހައްޓައިގެންނެވެ. ދެމީހުން ވެސް ބަދަލުކޮށްލީ ލޯބިވެތި ހިނިތުންވުމެކެވެ. އީޝަލް ތެދުވަން އުޅުމުން އެކަމަށް ރައުލް ހުރަސް އެޅިއެވެ. ކުލުންވެރިކަމާއެކު އަނބިމީހާ ގެނެސް މޭގައި ޖެހޭހާ ގާތްކޮށް ރައުލް ހިފަހައްޓާލިއެވެ.

"ރާހިޤުއާ އަހަރެމެން ވާހަކަދައްކައިފިން، އޭނާ އެއްބަސްވި... އަހަރެމެންނާ ބައްދަލުކުރަން ފަހުން އަންނާނެ، އީޝަލްއަށް ނިދިފައި އޮތީމަ އަހަރެން އޭނާ ފޮނުވާލީ" ރައުލް ބުންޏެވެ.

"ރާވިންއާއި ޔާފިއާ" އީޝަލް ބުންޏެވެ.

"އެމީހުންގެ އެއްވެސް މައްސަލައެއްނެތް" ރައުލް ބުނެލިއެވެ.

"ބައްޕައާއި ޒިޔަޒެލްގެ ޚަބަރެއް ވެސް ނުވޭ، އަހަރެމެންގެ ހާލު އެނގެން ބައްޕަ ބޭނުންނުވެއެއް ނުހުންނާނެ... ރައުލް!، އެމީހުންގެ މައްޗަށް މުސީބާތެއް ކުރިމަތިވީތަ؟... އަހަރެންނަށް އެހެން ހީވެ ހިތްބިރު ގަންނަނީ" އީޝަލް ފިނިނޭވާއެއް ދޫކޮށްލިއެވެ. އެ ނޭވާގެ ހޫނުކަން ރައުލްގެ މެޔަށް އިޙްސާސް ވިއެވެ. ލޯތްބާއެކު އީޝަލްގެ ނިތްކުރީގައި ރައުލް ބޮސްދިނެވެ.
"އީޝަލްގެ ކާފަ އެމީހުންނާއެކު ހުންނާނެ، ޒިޔަޒެލްއަކީ އަހަރެންގެ ހަޔާތުގައި ވެސް ދުށް އެންމެ ވިސްނުން ތޫނު ޖިންނި، އޭނާގެ މައްޗަށް ގަދަވުމަކީ ފަސޭހަކަމެއްނޫން" ރައުލް ބުންޏެވެ. އެހެންނަމަވެސް އީޝަލްއަށް ހީވީ އޭނާގެ ހިތްހަމަޖައްސައިދޭން ރައުލް އުޅެނީ ކަމުގައެވެ.

"ޒަގަން އަތުވެދާނެތަ؟ އޭނާ އަހަރެމެންނާ ދެކޮޅަށް ރާވާނޭ ހިތްބުނޭ... އަހަރެމެންނަށް ހަމަޖެހުމެއްނެއްތަ؟ މި ހުރިހާ ގޮތްތަކެއް މިވަނީ އޭނާގެ ސަބަބުން، އަހަރެންގެ ހިތް ދިނީ ހަމައެކަނި ރައުލްއަށް، އަހަރެންނަކީ މިހާރު ރައުލްގެ އަނބިމީހާ... އެކަން އޭނާ ޤަބޫލުކުރަންޖެހޭނެ، އަހަރެން ދުވަހަކުވެސް އޭނާގެ މިލްކަކަށްނުވާނެ" އީޝަލްއަށް ލިބެމުންދިޔަ ނުތަނަވަސްކަމުގެ އަސްލު އޭނާ ހާމަކުރިއެވެ.

"އަހަރެން ހިތަށް އަރާ ބައްޕައަށް ވިސްނޭނެނަމައޭ، ބައްޕަގެ އަތެއް ނެތިއެއް ޒަގަންއަށް އަހަރެމެންގެ ކައިވެންޏަކަށް ނާދެވުނީސް، އޭނާއާއި އަހަރެންނާ ދެމެދު ފުށީނީއްސުރެން އޮންނަ ދެކޮޅުވެރިކަން ބައްޕައަށް އެނގޭ، ލާވީއާއެކު ޒަގަން އެ އައީ ބައްޕަގެ ރޭވުމެއް އެކަމުގައި އޮތީމަ، އީޝަލް!... އަހަރެންގެ ކުށް މިހުރިހާ ކަމަކީ، އަހަރެމެންގެ ތެރެއަށް އީޝަލް ގެންދިއުމުން މި ހުރިހާކަމެއް މިވީ، އެކަމަކު ދެން ހެޔޮ.... މިހާރު މީ އަހަރެންގެ ދިރިއުޅުން، އަހަރެންގެ އަނބިމީހާއާއި އޭނާގެ ޢާއިލާއަކީ އަހަރެންގެ ވެސް ޢާއިލާ، އެތަނުން އެކަކަށް ވެސް ގޯނާ ކުރާނަމަ އަހަރެން މަޑަކުން ނުހުންނާނަން، އަހަރެން ވެސް ބޭނުން މިކަންތައްގަނޑު ކޮންމެވެސް އެއްގޮތަކަށް ނިމެން، ޒަގަން އަތުވެއްޖެނަމަ އޭނާއާ އަހަރެން ކުރިމަތިލާނަން، އަހަރެންގެ އަތުން އޭނާ ބަލިވާން އިރާދައިގެވާނަމަ އެކަން އެހެންވާނީ، އީޝަލްއާ މެދު އަހަރެން އެންމެ ކަންބޮޑުވަނީ... ކުރިމަތިލުމުގައި އަހަރެންނަށް ގޮތެއްވެއްޖެނަމަ އީޝަލްވާނެ ވަރަށް ކެތްތެރިވާން، ވާނޭ ގޮތެއް އެއްގޮތަކަށް ވެސް ނޭނގެ" ރައުލްގެ ދެލޮލުން ޚުދު އޭނާ ކަންބޮޑުވެފައިވާވަރު ހާމަވެއެވެ.

"އެންމެ ފަހުވަގުތާ ހަމައަށް ވެސް އަހަރެން ހުންނާނީ ރައުލްއާއެކު، އަހަރެންނަށް އެނގޭ ކުރިމަތިލުމެއް ނުހިނގާ މިކަން ނިމުމަކަށް ނާންނާނޭކަން، ރައުލް އެކަންޏެއްނުވާނެ... އަހަރެންގެ ޢާއިލާގެ ކޮންމެ މެންބަރަކު ރައުލްއާއެކު ހުންނާނެކަން ޔަގީން، ﷲ އިރާދަކުރެއްވިއްޔާ އަހަރެމެން ދެމީހުން ވަކިވާންޖެހޭ ފަދަ ދުވަހެއް ކުރިމައްޗެއްނުވާނެ، އެހެންވިޔަސް އަހަރެން ކެތްތެރިވާނަން، ރައުލްއަށް ޓަކައި ކެތްތެރިވާނަން" އީޝަލް ވަޢުދުވިއެވެ.

"އަހަރެންގެ އަމިއްލަ ނަފްސާމެދު ކުރިން ފަރުވާލެއްނެތް ނަމަވެސް މިހާރު އަހަރެން ދިރިހުންނަން ބޭނުން، އީޝަލްއާއެކު އުފާވެރި ދިރިއުޅުމެއް އުޅެ، އަހަރެމެންނަށް ދަރީން ލިބި އެ ދަރީން ބޮޑެތިވާތަން ދުށުމަށް އަހަރެން ބޭނުން... އަހަރެންގެ ހިތް އެފަދަ އެދުންތަކަށް ދަހިވެތިވާން ފަށައިފި... އަހަރެންގެ ސަބަބުން ޔާފިއާ ހުވަފަތްވެދާނޭތީ ހިތާމަކުރަން، ޒުވާން ދާރިއުސްއަށް ދުނިޔެ ދަސްނުވަނީސް އޭނާގެ ފުރާނަ ހިނގައިދާނޭތީ އެކަމާ ވިސްނޭ، ހަތޯރު އޭނާގެ ބޭބެގެ އަތުން ގަތުލުވާތަން ދުށުމަށް ކެތްކުރާނޭގޮތެއް އަހަރެންނަށް ނޭނގެ، ސޭމެސްގެ ހަރުދަނާ ނިންމުންތަކާއިނުލާ ކުރިއަށް ދިއުން ފަސޭހައެއްނުވާނެ، އެއިން ކޮންމެ މީހެއްގެ ފުރާނައިގެ ބަދަލު އަހަރެން ދޭނީ ކިހިނެއް؟" ރައުލްގެ ވައަތްތިލަ ނިތްކުރީގައި ބާއްވާލިއެވެ. އެހިނދު އޭނާގެ މޭގައި އީޝަލް ފިރުމާލިއެވެ.

"އެމީހުންގެ ފުރާނަ ސަލާމަތްކުރުމަށް ބަދަލުދޭން ޖެހިއްޖެނަމަ އަހަރެމެންގެ ފުރާނަދޭނީ" ރައުލްއާ ހަތަރުކަޅި ހަމަކޮށްލައިގެން އޮތް އީޝަލް ހިނިތުންވެލިއެވެ. ނިތްކުރިން އަތް ހިއްލާލައި ރައުލް ވެސް ހިނިތުންވުމަކާއެކު ބޯޖަހާލީ އީޝަލް ބުނި އެއްޗަކަށް އެއްބަސްވުމުގެ ގޮތުންނެވެ.

ފޭލިގޭގެ ބޭރުން މީހަކު އީޝަލްއަށް ގޮވާއަޑު އިވިގެން ރައުލްއާ ދެމީހުން ތަންމަތިން ތެދުވިއެވެ. އެ އައީ ކާކުކަން އީޝަލްއަށް އެނގުނެވެ. އޭނާގެ ގައިގާ ރައުލް އޮޅާލަދިން ފޮތިގަނޑުގައި ހިފަހައްޓާލައިގެން ހުރެ ފޭލިގެއިން ނުކުތެވެ. އޭރު ޠަލަބްއާއި ސިއްތާ ތިބިތަން ފެނުނެވެ.

"ފަރުބަދަތަކުގެ މައްޗަށް، އުޑުން ސަވާރީއެއް ފައިބާތީ އަހަރެމެން ދުށީން" ސިއްތާ ހާސްވެފައި ވާހަކަދެއްކިއެވެ. އީޝަލް ހިނިތުންވެލައި އެތަނުގައި ވައްޓާލައިފައި އޮތް ގަސްގަނޑެއްގައި އިށީނެވެ. އަދި އޭނާގެ ގާތަށް އައުމަށް ސިއްތާއާއި ޠަލަބަށް އިޝާރާތްކޮށްލިއެވެ.

"އަހަރެމެންގެ ވަޒަނަށް އެނބުރި ދާން މިއުޅެނީ، ފަހަރެއްގައި މިރޭ ދަތުރުފަށަން ކަމަށް" އީޝަލް ބުންޏެވެ. އެހިނދު ޠަލަބްގެ މޫނުން ހައިރާންކަން ފާޅުވީއިރު ސިއްތާ މާޔޫސްކަމާއެކު މޯޅިވެލިއެވެ. އިރުކޮޅަކު އެ ދެމީހުންނަށް ބަލަން އިނދެފައި އީޝަލް ވާހަކަދެއްކިއެވެ.

"އަހަރެމެންނާއެކު އަންނަންވީނު، އަހަރެން ކުރިން ވެސް ދަޢުވަތު ދިނިން... ޠަލަބް އެއްޗެއް ނުބުނަމެންނު" އީޝަލް ބުންޏެވެ. ސިއްތާ ބަލާލީ ޠަލަބްއަށެވެ. ކުރިމައްޗަށް ގެނައި ދެއަތްތިލަ ޖޯޑުކޮށްލައި ދެފަރާތަކަށް ސިއްތާ އެނބުރިލިއެވެ. ޠަލަބް އެއްޗެއް ބުނޭތޯ ހުރިކަހަލައެވެ. ނަމަވެސް އޭނާ ކުރިއަށް އީޝަލްއާ ގާތަށް ޖެހިލިއެވެ.

"އީޝަލްމެންގެ މީހުން އަހަރެމެން ބަލައިގަންނާނެތަ؟" ސިއްތާ ސުވާލުކުރިއެވެ.

"އަހަރެމެންގެ ތެރޭގެ ބައެއް ވާހަކަތައް ކިޔައިދިނީމެންނު، ތަފާތު ނަސްލުތަކުގެ ބޮޑު ޢާއިލާއެއް އެއި، އަހަރެންގެ އެކުވެރީންނަށް ހޫނު މަރުޙަބާއެއް ކިޔާނޭކަން ޔަގީން" އީޝަލްގެ ހިނިތުންވުން ސިއްތާގެ މޫނު އުޖާލާކުރުވިއެވެ.

"އަހަރެން ދާން ބޭނުން" ސިއްތާ ނިކަން އަވަހަށް ބުންޏެވެ.

"ޠަލަބް... ކަލޭގެ އަންހެންކޮއްކޮއާއެކު ނާންނާނަންތަ؟ ކަލޭމެން ދެ މީހުން ވަކިވާން ގަސްދުކުރީތަ" އީޝަލް ބަލާލީ ޠަލަބްއަށެވެ. އޭނާ ހިމޭނުން ހުރުމުންނެވެ.

"އަހަރެމެންނަށް ހަމަޖެހުމެއް ލިބުނީ ވަރަށް ދުވަހުން، އަޅުވެތިވެގެން އުޅޭން އަހަރެން ބޭނުންނުވަނީ، އެއަށްވުރެ އެކަނި އުޅުން ވެސް ފަސޭހަ" ޠަލަބް ބުންޏެވެ.

"މަޢާފުކުރޭ އެކުވެރިޔާ، އަހަރެންގެ ކައިވެންޏާއެކު މުސީބާތެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި ތިޔަ އެކުވެރީން އަހަރެންނާއެކު ގެންދިއުމަކީ ރަނގަޅު ޚިޔާލެއްނޫންކަންނޭނގެ، ދަޢުވަތު ދިނުމަށްފަހު ނުގެންދާން ބަހަނާ ދައްކަނީއެއްނޫން، މިވަގުތު ހާލަތު ނިޔާކުރި ގޮތް މީ... ކަންއޮތްގޮތް ނުބުނެ އަހަރެމެންގެ ތެރެއަށް އޮޅުވާލައިގެން ގެންދާކަށް ނޭދެން، އެކުވެރީންނޭ ބުނެފައި އެމީހުންނަށް އޮޅުވާލާކަށް އަހަރެން ނޭދެން" އީޝަލް ބުންޏެވެ.

"އަހަރެން ދާނަން... އީޝަލްއާއެކު ދާނަން..." ސިއްތާ އަނެއްކާ ވެސް ބުންޏެވެ. އީޝަލް މިފަހަރު ވެސް ބަލާލީ ޠަލަބްއަށެވެ.

"ރާހިޤްއަށް ގޮވާލެމުން އޭނާ އަންނާނެ" އީޝަލްގެ ފަހަތުގައި ދެތިން ފިޔަވަޅު ދުރުގައި މަޑުކޮށްލައިގެން ހުރި ރައުލް ބުންޏެވެ. އޭނާއަށް އެ މީހުން ދައްކާ ހުރިހާ ވާހަކައެއް އަޑުއިވެއެވެ.

"އަހަރެން... އަހަރެން ދާނަމޭ ބުނެފިއްޔާ" ޠަލަބް ބުންޏެވެ. އީޝަލް ވަގުތުން ހިނިތުންވެލިއެވެ.

"އުފަލާއެކު ޤަބޫލުކުރާނަން، ޒަމާންތަކަކަށް ދެމިގެންދާނޭ ވަރުގަދަ ރަޙުމަތްތެރިކަމުގެ ގުޅުމަކުން އަހަރެމެން ގުޅިގެންދާނޭކަން ޔަގީން" އީޝަލް ބުންޏެވެ.

"އަހަރެންނަށް ސިއްތާ އެކަނިދާން ދޫކޮށެއްނުލެވޭނެ، އޭނާ ދާ ކޮންމެތާކަށް އަހަރެން ދާނަން" ޠަލަބް ބުންޏެވެ. އެ މަންޒަރު ބަލަން ދުރުގައި ހުރި ރައުލް ސިއްރުން ކަހަލަ ގޮތަކަށް ހީނލިއެވެ. ޠަލަބް ދާންބޭނުންވިޔަސް އެކަން ފާޅުކުރަން ނުކެރިގެން އުޅޭތީއެވެ. ހަމައެއާއެކު އީޝަލްގެ ކުޅަދާނަކަމާމެދު އޭނާ ފަޚުރުވެރިވެއެވެ. ޚުދު އޭނާގެ ހިތް އެ އަންހެންކުއްޖާ ހޯދި ގޮތް ހަނދާނެއްނުނެތޭނެއެވެ.

"ރާހިޤް" އީޝަލް ކޮޅަށް ތެދުވެ ވަށައިގެން ހޯދާލަމުން ގޮވާލިއެވެ. އެހިނދު ބާރުވައިރޯޅިއެއް ފަދައިން އެ މީހުންގެ ތެރެއަށް ރާހިޤް ފައިބައިފިއެވެ.

"ސަވާރީ ތައްޔާރުކުރޭ... މިރޭ ދަތުރު ފަށަން ބޭނުން" އީޝަލް ބުންޏެވެ.

"ޒިޔަޒެލްގެ ޚަބަރެއްވަންދެން ކަމަނާ މިތަނުގައި ބައިންދަން ރަސްގެފާނު އަމުރުފުޅު ކުރެއްވި" ރާހިޤު ބުންޏެވެ. އެހިނދު އީޝަލް އެނބުރި ރައުލްއަށް ބަލާލީ ކަންބޮޑުވުމާއެކުއެވެ.

"ކޮންއިރަކު އަމުރުކުރީ" ރައުލް ވަގުތުން އައިސް އީޝަލްގެ ގާތުގައި ހުއްޓިލުމާއެކު ރާހިޤްއާ ސުވާލުކުރިއެވެ.

"ރަސްގެފާނުގެ ހުއްދައެއްނެތި ދަތުރުކުރުމުގެ އިޚްތިޔާރު އަހަރެމެންނަށް ލިބިގެނެއްނުވޭ، އެނބުރި ދާން ބޭނުންވުމުން އެކަމުގެ ޚަބަރު ރަސްގެފާނަށް އެރުވިން... ދަތުރަށް ފެށުމުގެ ހުއްދަ ލިބޭނީ މިބުނާހެން ކަމަށް ވިދާޅުވީ" ރާހިޤް ބުންޏެވެ.

"ކާފަ... ޒިޔަޒެލްއާއި ކާފައާ ގަސްދުގައި އަހަރެން މިތަނަށް ފޮނުވާލީ، އަހަރެންނަށް ޔަގީން އެ މީހުން... އެމީހުން ޒަގަންއާ ކުރިމަތިލަނީކަން، ރައުލް! އަހަރެން އެމީހުންގެ ގާތަށް ދާންޖެހޭނެ" ހާސްވެފައި އީޝަލް ބުންޏެވެ. އަދި ރާހިޤްއާ ކުރިމަތިލިއެވެ.

"އަހަރެން ބޭނުންވަނީ އެނބުރި ދާން، ކަލޭމެންގެ އެއްބާރުލުން ނުލިބެއްޖެނަމަ އަހަރެން މިތަނުން ދާނޭ ގޮތެއް ހޯދާނަން، މިތަނުގައި އަހަރެން ހައްޔަރެއްނުކުރެވޭނެ، މީ މިކަން ވާންޖެހޭނެ ގޮތެއްނޫން... ރާހިޤް، ސަވާރީ ގެނޭ..." އީޝަލް އަމުރުކުރިއެވެ. ރައުލް ވަގުތުން އީޝަލްގެ އަތުގައި ހިފާލައި އޭނާއާ ދިމާއަށް އަނބުރާލިއެވެ.

"އީޝަލްއަށް ޔަގީންތަ؟" ރައުލް އެއްސެވެ. ވަގުތުން އީޝަލް ބޯޖަހާލިއެވެ.

"އަހަރެމެން ނެތްކަން ޒަގަންއަށް އެނގިއްޖެނަމަ އޭނާ އެނބުރިދާނޭހެން ރައުލްއަށް ހީވޭތަ؟ މުޅި އުމުރު ދުވަހު އަހަރެމެންނަށް ފިލައިގެން އުޅެވިދާނެތަ؟" އީޝަލް ކުރި ސުވާލުތަކަށް ރައުލްއަށް ޖަވާބެއް ނުދެވުނެވެ. ޒަގަންއަކީ ގޮތްދޫނުކުރާ ބަލިޤަބޫލުކުރަން ބޭނުންނުވާ ޖިންނިއެއްކަން އެންމެ ރަނގަޅަށް އެނގެނީ ރައުލްއަށެވެ. އެކަން އީޝަލް ގާތު ހާމަކޮށްގެން އޭނާއަށް ލިބޭނީ އިތުރު ހާސްކަމެއްކަން އެނގޭތީ ރައުލް ހިމޭނުން ހުރީއެވެ. ނަމަވެސް އީޝަލް މަޑަކުން ނުހުއްޓެވެ. އޭނާ އެނބުރި ދާން ރާހިޤްގެ ގާތުން ތަކުރާރުކޮށް އެދެމުންދިޔައެވެ. ވަކި އެއްޗެއް ނުބުނެ ރާހިޤް ޣައިބުވީއެވެ. އެތަނުގައި ޠަލަބްއާއި ސިއްތާ ތިބިކަން ކުޑަވަގުތު ކޮޅަކަށް އީޝަލް ހަނދާންނެތުނީއެވެ. ރާހިޤް ދެކޮޅު ހެދީމައެވެ. ސިއްތާ އައިސް އީޝަލްގެ ގާތުގައި ހުއްޓި ގޮވާލިއެވެ. އީޝަލް ހައްޔަރުކުރީ ކާކުތޯ އޭނާ ސުވާލުކުރިއެވެ. އެވަގުތު ޠަލަބް ވާހަކަދެއްކިއެވެ. ވެގެން އުޅޭގޮތެއް ސާފުކޮށް ކިޔައިދިނުމަށް އޭނާ އީޝަލްގެ ގާތުން އެދުނެވެ. އެހީވެދޭން ބޭނުންވާކަން ސިއްތާ ހާމަކުރީ ވެސް އެވަގުތެވެ.

(ނުނިމޭ)